ދީން

އާސިޔާ: މިދުނިޔެއަށްވުރެ އާޚިރަތް އިސްކޮށް ނެންގެވި، އީމާންތެރި، ކެތްތެރި ރާނީ ސާހިބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފިރުއައުނުގެ އަނބިކަނބަލުން އާސިޔާގެފާނަކީ އާދައިގެ އަންހެންކަނބަލެއް ނޫނެވެ. އެކަމަނާގެ ކެތްތެރިކަމާއި އިސްލާމްދީނުގައި އެކަމަނާގެ ދަރަޖަ މަތިވެރިކަމުގެ ވާހަކައަކީ ތާއަބަދަށްމެ ދެކެވެމުންދާނެ ވާހަކަ ތަކެކެވެ.

Ads by MWSC

އެކަމަނާއަކީ ދުވަހަކު ވެސް، މިދުނިޔޭގައި އެކަމަނާގެ މަގާމުން މަޟްހޫރު ވާން ބޭނުންފުޅުވި، އަދި އެކަމަށް މަސައްކަތް ވެސް ކުރެއްވި ބޭކަނބަލެއް ނޫނެވެ. އެކަމަނާއަކީ ނުހަނު އިޚްލާސްތެރި، އީމާންތެރި އަދި ކެތްގަދަ ބޭކަނބަލެކެވެ. މިދުނިޔޭގައި އެކަމަނާއަށް ލިބިލެއްވި އެއްވެސް ވޭނަކުން އެކަމަނާގެ އީމާންތެރިކަން ކުޑައެއް ނުވިއެވެ.

އާސިޔާގެފާނާ ބެހޭގޮތުން މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ވެސް ހަދީޘްފުޅު ކުރައްވާފައި ވަނީ، އެކަމަނާއަކީ އެންމެ މާތް އަންހެނުންގެ ތެރެއިން ހިމެނިގެންވާ އެކަކު ކަމުގައެވެ.

"ފުރިހަމަކަމާ ،  ވަރަށް ގިނަ ފިރިހެން ބޭފުޅުން ގާތް ކޮށްފައި ވެއެވެ. ނަމަވެސް އަންހެން ކަނބަލުންގެ ތެރެއިން ފުރިހަމަކަމާ ހަމައެކަނި ގާތްކުރީ މަރިޔަމް ބިންތު އިމްރާން އާއި ފިރުއައުނުގެ އަނބިކަނބަލުން އާސިޔާއެވެ." (ސަޙީޙް އަލް-ބުޚާރީ)

އާސިޔާގެފާނުގެ ވާހަކަފުޅު މިސްރުން ފެށެނީ، ފިރުއައުނުގެ އަނބިކަނބަލުންނަށް ވުމުގެ ހިސާބުންނެވެ. ފިރުއައުނަކީ އެޒަމާނުގައި ހުރި އެންމެ ނުފޫޒުގަދަ ވެރިޔާއެވެ. އޭނާ ބުނަމުން ދިޔައީ އޭނާއަކީ ކަލާނގެ ކަމުގައެވެ. އަދި އޭނާވަނީ އެތައް ފަހަރެއް މަތިން މާތް ﷲ އަށް ގޮންޖައްސާފައެވެ.

ބަނީ އިސްރާއީލުގެ ދަރިފަސްކޮޅުން އުފަންވާ ފިރިހެން ބޭފުޅަކު ފިރުއައުނުގެ މަތިވެރިކަން އަތުލާނެކަމަށް، އޭނާ ގެންގުޅުނު ކާހިނަކު ލަފާ ދިނުމުން، ފިރުއައުނު އަމުރު ކުރީ ބަނީ އިސްރާއީލުގެ ދަރިފަސްކޮޅުގެ ތެރެއިން އުފަންވާ ހުރިހާ ފިރިހެން ދަރިން އުފަންވުމާއެކު ގަތުލު ކުރުމަށެވެ.

﴿49﴾ وَإِذْ نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ يُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ ۚ وَفِي ذَٰلِكُم بَلَاءٌ مِّن رَّبِّكُمْ عَظِيمٌ
އަދި فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން، ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުންގެންދެއެވެ. އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ.
[އަލް ބަޤަރާ 49 ވަނަ އާޔަތް]

އެހެންކަމުން މޫސާ އަލައިޙިއްސަލާމް އުފަންވުމުން، ފިރުއައުނުގެ ސިފައިން އެކަލޭގެފާނު ގަތުލު ކުރައްވަވާފާނެތީ އެކަލޭގެފާނުގެ މަައިކަމަނާ ނުހަނު ކަންބޮޑުވެ ލެއްވިއެވެ.

ނަމަވެސް މާތް ﷲ އެކަމަނާއަށް ވަޙީ ކުރެއްވެވީ، އެކަލާނގެ މޫސާ އަލައިޙިއްސަލާމު ހެޔޮ ހާލުގައި އެކަމަނާއަށް އަނބުރާ ދެއްވާނެ ކަމަށާއި ވަށިގަނޑަކަށް އެކަލޭގެފާނު ލުމަށްފަހު ނީލަ ކޯރަށް އެ ވަށިގަނޑު ދޫކޮށްލުމަށެވެ.

މޫސާގެފާނު އޮންނެވި ވަށިގަނޑު ނީލަކޯރުން ނެންގެވީ އާސިޔާގެފާނުގެ ބާނީންނެވެ. އެކަމަނާއަށް އެކަލޭގެފާނު ފެނިވަޑައިގަތުމުން މައިވަންތަކަމުގެ ކުލުނު ޖެހި އެކަލޭގެފާނު ދެކެ އިންތިހާއަށް ލޯބިފުޅުވިއެވެ.

މޫސާ އަލައިހިއްސަލާމްއަކީ ބަނީ އިސްރާއީލްގެ ދަރިފަސްކޮޅަށް ނިސްބަތްވާ ތުއްތު ދަރިކަލެއްކަން ފިރުއައުނަށް އެނގިވަޑައިގަތުމާއިއެކު، އެކަލޭގެފާނު ގަތުލު ކުރުމަށް އުޅުނެވެ. ނަމަވެސް އެކަލޭގެފާނު ދުނިޔޭގައި ބަހައްޓައި ދެއްވުމަށް އާސިޔާގެފާނު އާދެސް ދެންނެވުމުން، މާތް ﷲ ގެ އިރާދަފުޅާއެކު ފިރުއައުނު އެކަލޭގެފާނު ގަތުލު ނުކޮށް ދޫކޮށްލެއްވިއެވެ.

އެހެންކަމުން މޫސާ އަލައިހިއްސަލާމް ބޮޑުފުޅުވީ އާސިޔާގެފާނުގެ ހިމާޔަތާއި ރައްކާތެރިކަމުގެ ދަށުންނެވެ. އާސިޔާގެފާނު އިސްލާމްދީން ޤަބޫލުކޮށް މާތް ﷲ އަށް އަޅުކަން ކުރައްވަން ފެއްޓެވީ އެކަލޭގެފާނުގެ އެންމެ ތުއްޕުޅު ދުވަސްވަރުން ފެށިގެންނެވެ. ނަމަވެސް އެއިރު އެކަމަނާ މާތް ﷲ އަށް އަޅުކަން ކުރެއްވެވީ ސިއްރިއްޔާތުގައެވެ.

މޫސާގެފާނު ބޮޑުފުޅުވެ ރަސޫލުކަން ލިބިވަޑައިގަތުމުން އިސްލާމްދީނަށް ގޮވާލެއްވިއެވެ. ނަމަވެސް ފިރުއައުނުގެ އަނިޔާވެރިކަން ބަނީ އިސްރާއީލުންނަށް އެނގިފައިވުމުން، އެކަލޭގެފާނު ގޮވާލެއްވި ގޮވާލެއްވުން އަޑުއެއްސެވީ މަދު ބައެކެވެ. ގިނަ މީހުން ތިބީ ފިރުއައުނު ދެކެ ބިރުންނެވެ.

ފިރުއައުނު ބުނަމުން ދިޔައީ އޭނާއަކީ ކަލާނގެ ކަމަށެވެ. އޭނާ ދެކެ ބިރުން ތިބީ މީސްތަކުން، އޭނާ އެދެއްކި ވާހަކަތައް ޤަބޫލުކޮށް އޭނާއަށް ތަބާވިއެވެ.

މޫސާ އަލައިހިއްސަލާމްގެ ބަސްފުޅު އާސިޔާގެފާނު އަބަދުވެސް ޤަބޫލުފުޅު ކުރެއްވެވިއެވެ. އެކަމަނާއަކީ ވެސް މުސްލިމެއްކަން ފިރުއައުނަށް އެނގުމާއެކު، އޭނާގެ ޖައްބާރުކަމުން އާސިޔާގެފާނަށް ނުހަނު ގިނަގުނަ ދުއްތުރާތައްކޮށް އަނިޔާވެރި ވިއެވެ.

އިސްލާމީ ތާރީޚުގައި ލިޔެވިފައިވާ ގޮތުގައި، އެކަމަނާ ބަރަހަނާކޮށް ދެ އުރަމަތިން އެއްކޮޅުން އަނެއްކޮޅަށް ފޫދުއްވާ ހިލިހިލާ ޖަހާފައި، އެތައް ދުވަހެއް ވަންދެން އެކޮޅު ކޮޅުން އެލުވާފައި ބެހެއްޓެވިއެވެ. ފިރުއައުނު ބުނަމުން ދިޔައީ އިސްލާމްދީނު ދޫކޮށްލައްވާ ފިރުއައުނަށް އަޅުކަން ކުރަން ފެށުމަށެވެ. ނަމަވެސް އެހުރިހާ ވޭންތަކެއް ތަޙައްމަލު ކުރައްވަމުން ވެސް ނުހަނު ކެތްތެރިކަމާއި އީމާންތެރިކަމާއިއެކު އެކަމަނާ ބުނަމުން ދިޔައީ، މާތް ﷲ އީ އަޅުކަން ކުރަން އެންމެ ޙައްޤުވެގެންވާ އިލާޙު ކަމަށާއި އެކަލާނގެ ފިޔަވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އެކަމަނާ ހެކިވާ ކަމަށެވެ.

﴿11﴾ وَضَرَبَ اللَّهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ
އަދި فرعون ގެ އަނބިކަނބަލުންގެ ވާހަކައިން، إيمان ވި މީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فرعون އާއި، އޭނާގެ (ނުބައި) عمل ން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި قوم ގެމީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!
[އައްތަޙްރީމް 11 ވަނަ އާޔަތް]

އާސިޔާގެފާނަކީ ފިރުޢައުނު އަނބިކަނބަލުންނެވެ. އެކަމަނާ ބޭނުންފުޅުވިނަމަ ދުނިޔެމަތީގެ ހުރިހާ އުފަލަކާއި، އަރާމާއި ލައްޒަތެއް އެކަމަނާއަށް ލިބިލެއްވީހެވެ. ނަމަވެސް އެކަމަނާ އިޚްތިޔާރު ކުރެއްވެވީ ޙައްޤު ވެގެންވާ އުފަލެވެ. ދާއިމީ އުފަލެވެ.

އެކަމަނާ އެދިލެއްވެވީ ސުވަރުގޭގައި އެކަމަނާއަށްޓަކައި ގަނޑުވަރެއް ބިނާ ކޮށްދެއްވުމަށެވެ. އެކަމަނާ އަވަހާރަވީ ފިރުޢައުނުގެ އެއަނިޔާތައް ލިބެމުން ދަނިކޮށެވެ. ނަމަވެސް ފުރިހަަމަ ކެތްތެރި އަދި ނުހަނު އީމާންތެރި މުސްލިމެއްގެ ގޮތުގައެވެ.

މަސްދަރު: އަބައުޓް އިސްލާމް

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!