ކޮވިޑް-19 މާލޭގައި ފެތުރުމުގެ ޒިންމާ މަޖިލީހުން ނަގަން ޖެހޭ: މަލީހް
ކޮވިޑް-19 މާލޭގައި ފެތުރުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުން ނަގަން ޖެހޭ ކަމަށް ކުރީގެ ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މި މޭރުމުން ވާހަކަ ދެެއްކެވީ ކޮވިޑް-19އަށް ފައްސި ވެފައިވާ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައިވާ މެސެޖަށް ރައްދު ދެެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
އަލީ އާޒިމްގެ މެސެޖުގައި ވިދާޅުވީ ވެކްސިން ނުޖެހުމުން އެބަ ހިތާމަ ކުރެވޭ ކަމަށާއި އަވަހަށް ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައެވެ. މިކަމާ ގުޅުވައިގެން މަލީހް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއީ އެމްޑީޕީއިން ސައިންސް ގަބޫލު ނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.
މީގެ އިތުރުން، ކޮވިޑް-19 އަކީ އާދައިގެ ރޯގާއެއް ކަމަށް ދެކި މަޖިލީހުގެ ޖަލްސާތައް ހުއްޓާލަން ދެކޮޅު ހެދި ކަމަށާއި ކޮވިޑް-19 މާލޭގައި ފެތުރުމުގެ ޒިންމާ މަޖިލީހުން ނަގަން ޖެހޭ ކަމަށް ވެސް މަލީހު ވިދާޅުވެފައި ވެއެވެ. އަދި މިހެން ވަނީ އެޗްޕީއޭ އިން ގަވައިދުގެ 2 ސެޓު ގެންގުޅޭތީ ކަމަށް ވިދާޅުވެ އެޗްޕީއޭއަށް ވެސް ފާޑު ވިދާޅުވިއެވެ.
މަލީހުގެ ޓްވީޓް ނިންމާލައިފައި ވަނީ އަލީ އާޒިމްއަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.
މަލީހު މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރީ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންނެވެ. އަދި މަޖިލީހަށް މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ އަލީ އާޒިމެވެ.