ރައީސް ޞާލިހްގެ ދެކަނބަލުން ޤަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު، ޤަތަރަށް ފުރާވަޑައިގެންފިއެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ޞާލިހުގެ އަރިހުގައި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ދަތުރުފުޅުގައި ރާއްޖެ އާއި ގަތަރާ ސިޔާސީ ގުޅުން އަލުން ގާއިމްކުރުން ފާހަގަ ކުރުމާއި ދެ ގައުމުގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޤަތަރަށް ފަހު، ބަންގްލަދޭޝަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އަންނަ ބުދަ ދުވަހު ރައީސްގެ ދެކަނބަލުން އެ ގައުމަށް ވަޑައިގަންނަވާނެއެވެ.
ގަތަރާއި ކޮމަންވެލްތާ އެކު އަލުން ހާރިޖީ ގުޅުން ގާއިމް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ރާއްޖެއާއި ގަތަރާ ދެމެދު އެންމެ ފުރަތަމަ ހާރިޖީ އަދި ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައެވެ. ގަތަރަކީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދޭ، އަދި ބޮޑެތި އިންވެސްޓްމެންޓްތަކެއް ވެސް ގެނެސްފައިވާ ގައުމެކެވެ.