ޚަބަރު

މިހާރު ހުރީ 5،886 ޑޯޒް، ވެކްސިން ޖެހުމުގެ ފަހު ފުރުސަތު މިއަދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެކްސިން ޖެހުމުގެ ކުރިން މަޢުލޫމާތު އެއްކުރަނީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދެމުންދާ ކޮވިޝީލްޑް ވެކްސިންގެ މިވަގުތު ބާކީ ހުރީ 5،886 ޑޯޒް ކަމަށާއި މިއަދަކީ އަކީ ފުރަތަމަ ޑޯޒް ޖެހުމުގެ ފަހު ދުވަސް ކަމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބުނެފިއެވެ.

Ads by Sosun Fihaara

އެސެންޓަރުން ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ، މިހާތަނަށް ރާއްޖެއިން 206،114 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ.

އެގޮތުން އިއްޔެ 7،908 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން 4،941 މީހަކާއި އަތޮޅުތަކުން 2،967 މީހެކެވެ. މިހާތަނަށް މާލެ ސަރަހައްދުން 116،636 މީހަކަށް ކޮވިޑް ވެކްސިން ދީފައިވާއިރު އަތޮޅުތަކުން 89،478 މީހަކަށް ވެކްސިން ދީފައި ވެއެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާ ކޮށްފައިވާ އޮކްސްޕޯޑް-އެސްޓަރެޒެނެކާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާ ސަރުކާރުން ވަނީ 200،000 ޑޯޒް ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. އަދި ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް 12،000 ކޮވިޑް ވެެކްސިން ޑޯޒް ވަނީ ހަދިޔާ ކޮށްފައެވެ.

އެހެންކަމުން ރާއްޖެއަށް ޖުމްލަ 212،000 ވެކްސިން ލިބިފައިވާއިރު މިހާތަނަށް 206،114 މީހަކަށް ފުރަތަމަ ޑޯޒް ދީފައި ވެއެވެ.

މާދަމާގެ ފަހުން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ވެކްސިން ދިނުން ހުއްޓާލަން ވަނީ ނިންމާފައެވެ. އަދި އެއަށްފަހު ދެވަނަ ޑޯޒް އަންނަ މަހު 1 ގައި ޖަހަން ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!