ޚަބަރު

އެއްބަސްވުން ހާމަކުރުމަކުން ގެއްލޭނެ މަސްލަހަތެއް އޮވެގެން ނުވާނެ: ޑރ. ޖަމީލު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އުތުރުތިލަފަޅު އެއްބަސްވުން ހާމަކޮށްގެން ގެއްލޭނެ މަސްލަތެއް ނޯންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ރާއްޖޭގައި 60 އަހަރު ، ހަތިޔާރާއެކު ތިބެވޭނެ ކަމަށް ބުނާ ލިޔުމެއް މިއަދު ވަނީ ދައުރު ވެފައެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެމްއެންޑީއެފްއިން ވަނީ އެއީ ސައްހަ ލިޔުމެއް ނޫން ކަމަށާއި ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް އެދިފައެވެ.

މިކަމާ ގުޅިގެން ޑރ. ޖަމީލު ވިދާޅުވީ ވިޔަފާރި ވިޔަސް، އަސްކަރީ ވިޔަސް ދޭދޭ ގައުމުތަކާމެދު ކުރެވޭ އެއްބަސްވުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހިމެނިދާނެ ކަމަށް ވާނަމަ އެ ހާމަކުރުމަކީ ގާނޫނު އަސާސީ ދަންނަ ހަމަ ކަމަށާއި އެއީ ޑިމޮކްރަސީގެ އުސޫލު ކަމަށެވެ. އަދި އެއްބަސްވުން ހާމަކުރުމަކުން ގެއްލޭނެ މަޞްލަޙަތެއް އޮވެގެން ނުވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ، އެއްބަސްވުމެއް ކަމަށްބުނެ ދައުރު ކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއް ކަމަށާއި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރާކަމަށެވެ.

އަދި ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ
އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ޑިފެންސުން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!