ރަމަޟާން މަހުގައި މަސްޖިދުލް ޙަރަމްގައި ރޯދަވީއްލުމުގެ އިންތިޒާމު ހަމަޖެއްސޭ ގޮތަށް ހަދައިފި

ރަމަޟާން މަހުގައި މަސްޖިދުލް ޙަރަމުގައި ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.
"ސައުދީ ގެޒެޓު" ގައި ބުނެފައިވާ ގޮތުން، މައްކާގެ އެކި މަގުތަކުގައާއި، ޖަލްސާ ކުރާ އެކި ތަންތަނުގެ އިތުރުން މާތް ވެގެންވާ މަސްޖިދުލް ޙަރަމުގައި ވެސް ރޯދަ ވީއްލޭނެ ގޮތަށް ސައުދީގެ ސަރުކާރުން މިދިޔަ ހޯމަ ދުވަހު ހަމަޖައްސައިފައިވާ ކަމަށެވެ.
ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް-19 އާ ގުޅިގެން ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް އެތައް ބަޔަކަށް ފުރުސަތު ގެއްލިގެން ގޮސްފައިވާ މިދަނޑިވަޅުގައި، މިކަމަކީ އާންމު ދިރިއުޅުމަށް ބަދަލުވާން އުޅޭ ކަމުގެ ނިޝާންތަކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެގޮތުން އެކި ކަހަލަ ކާނާ ބަދަލު ކުރުމާއި ބޭނުން ޖެހިފައިވާ އާއިލާތަކަށް ބޭނުންތައް ހޯދައިދިނުމުގެ އިތުރުން ފަގީރުންނަށް ޞަދަގާތް ކުރުން މިހާރު މައްކާގައި ކުރިއަށް ދާ ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.
2021 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ގިނަ ބަޔަކު ތައްޔާރުވަމުން އަންނަ އިރު، މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް އާންމުންނަށް ފުރުސަތު ލިބިގެން ދާނެ ކަން ނުވަތަ ނޫން ކަން އަދި ކަށަވަރު ވެފައެއް ނުވެއެވެ.