މައްސަލަ ގިނަވެ ، ދިރިއުޅުން ދަތިވެ އުނދަގޫވާ މީހުން ، އެކަމުން އަރައިގަންނަން އޮތް މަގު
މިދުނިޔޭގެ ޙަޔާތަކީ އިމްތިހާނުގެ ގޮވައްޗެކެވެ. ކޮންމެ މީހަކީ ވެސް ދަތި އުނދަގޫ ތަޙައްމަލް ކުރާނޭ މީހެކެވެ. އަދި ކޮންމެ މީހަކީ ވެސް އުފާވެރި ވަގުތުތަކެއްގެ ހިތްހަމަޖެހުން ހޯދާނެ މީހެކެވެ. މިހުރިހާ ކަންކަމާއެކު ޙަޔާތުގައި ދިމާވާ ހިތާމަވެރި ބޮޑެތިކަންތައްތަކުން ކުރިމަތިވާ އިމްތިހާންތަކަށް ވިސްނުންތެރިކަމާއެކު ކުރިމަތިލާން ޖެހެއެވެ. އެ އިމްތިހާންތަކުން ފާސްވެ، ﷲއަށް ޝުކުރުވެރިވާ އަޅެއްގެ ގްރޭޑް ހޯދުމަށް މަސައްކަތް ކުރަންޖެހެއެވެ.
މިކަން ކުރުމަށް ﷲ ތަޢާލާ އަންގަފާވައިވާ މަގަކީ ކެތްތެރިވުމާއެކު ﷲއަށް ދެންނެވުމެވެ.އެއިލާހު އަންގަވާފައިވެއެވެ.
وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ
އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.
އަހަރެމެންގެ ތެރެއިން އެތައް ބަޔަކީ ދިރިއުޅުން ދަތިވެ އުނދަގޫވާ ޙާލަތުގައިވާ މީހުންނެވެ. ޚާއްޞަކޮށް މި އުނދަގޫ ދަނޑިވަޅުގައި އެތައް ބަޔަކު ތިބީ ލޯބިވާ ޢާއިލާއާއި ގާތްތިމާގެ މީހުންނާއި ދުރުގައި ކަރަންޓީނުގައެވެ. މިޙާލަތުގައި ވެސް ޢަމަލު ކުރާން އޮތް ގޮތަކީ ﷲ ތަޢާލާގެ އެންގެވުމާއި އެއްގޮތަށް ކެތްތެރިވެ އެއިލާހަށް ދެންނެވުމެވެ.
ޢުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްވެސް ހިތް ނުތަނަވަސްކަމެއް ، ހިތާމަވެރިކަމެއް ދިމާވެއްޖެނަމަ ނަމާދުކުރައްވާ ދުޢާ ދެންނެވުމަށް އަވަސްވެ ވަޑައިގަންނަވައެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވާ އަންގަވާފައިވެއެވެ.
فَاصْبِرْ صَبْرًا جَمِيلًا
ފަހެ، ރިވެތިވެގެންވާ ކެތްކުރެއްވުމަކުން ކަލޭގެފާނު ކެތްކުރައްވާށެވެ!
ކެތްތެރިކަމަކީ ވެސް އެކަމުގެ އެކި ދަރަޖަތައް އެކުލެވިގެންވާ ކަމެކެވެ. މި އާޔަތުގައި ﷲ ތަޢާލާ އަންގަވާފައިވާ މިވާ ރިވެތިވެގެންވާ ކެތްތެރިކަމަކީ އެކެތްތެރިކަމެއްގެ ގުޅުން ހަމައެކަނި ތިބާއާއި ﷲ އާއި ދެމެދުގައިވާ ފަދަ ކެތްތެރިކަމެކެވެ. ތިމާގެ ޙަޔާތުގައި ކިތަންމެ ހިތާމަވެރިކަމެއް ދިމާވެފައިވީ ނަމަވެސް ނުވަތަ ތިމާ ކިތަންމެ ދަތި އުނދަގޫ ޙާލަތެއްގައި ވީ ނަމަވެސް އެކަމެއް ތިމާގެ އުޅުމުން އާންމުކޮށް ނޭނގި، އެކަމެއް ހަމައެކަނި ﷲ ތަޢާލާ ދެނެވޮޑިގެންވާ ފަދަ ރިވެތި ކެތްތެރިކަމެކެވެ. ކެތްތެރިވުމުގައި ކުރިއަރައިގެން ގޮސްފައިވާ މަތިވެރި ކެތްތެރިކަމެކެވެ.
ސުވާލަކީ މިފަދަ ކެތްތެރިކަމެއް ހޯދާނީ ކިހިނެއްތޯއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި މޫރިތި ބަސްފުޅު ވިދާޅުވެލައްވާށެވެ.
وَمَنْ يَتَصَبَّرْ يُصَبِّرْهُ اللَّهُ..."
''ކެތްތެރިވުމަށް އެދޭމީހާއަށް ﷲ ތަޢާލާ ކެތްތެރިކަން ދެއްވާ ހުއްޓެވެ.
އެކުވެރީންނެވެ.ކެތްތެރިވުމަށް އޮތް ޚާއްޞަކަމަކީ އިޚްލާޞްތެރިކަމާއެކު އެކަމަށް ބޭނުންވުމެވެ.ކެތްތެރިވުމަށް ދަހިވެތި ވުމެވެ. އަދި ތިމާގެ ޢަމަލުން އެކަން ދެއްކުމެވެ. އިންޝާﷲ ، އެފަދަ މީހުންނަށް ﷲ ތަޢާލާ ރިވެތިވެގެންވާ ކެތްތެރިކަމެއް ދެއްވާނެތެވެ.
އެ އިލާހު އަންގަވާފައިވެއެވެ.
وَلِرَبِّكَ فَاصْبِرْ
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށްޓަކައި ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ!
(ޔާސިރު ޤާޟީގެ ދަރުހަކުން)