މިޔަރު މަސްވެރިކަން ކުރި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އދ. މަންދޫ ކައިރީގައި މިޔަރު މަސްވެރިކަން ކުރި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު 11:30 ހާއިރު މަންދޫ ކައިރީގައި ބަޔަކު މިޔަރު މަސްވެރިކަން ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އދ. އަތޮޅުގައި މަސައްކަތް ކުރަމުންދާ ފުލުހުން ވަނީ އެ ދޯނި ލޮކޭޓްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
މި ދޯނި ހުއްޓުވާފައި ވަނީ މާވަރު ފަޅު ކައިރިން ހަތަރު މީހުންނާއެކު މިޔަރު މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ މި ދޯނި ބަލައި ފާސްކުރިއިރު ދޯނި ތެރެއިން މިޔަރާއި، މިޔަރު އުރަހަ، އަދި ލޮނު އަޅާފައިހުރި މިޔަރު މަސް ފެނިފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.