ތުހުމަތުތަކަށް އިންކާރުކުރަން، މިއީ ބަޔަކު ރާވައިގެން ހިންގި ޖަރީމާއެއް: އަލީ ވަހީދު
ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން މަގާމުން ވަކިކުރައްވާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރުކުރައްވައިފިއެވެ.
ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ފުލުހުންގެ ޢިދާރާއަށް ރޭ ވަނީ ޙާޒިރުކޮށްފައެވެ.
ފުލުހުންގެ އިދަރާއަށް ޙާޒިރުވުމަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އޭނާއަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރައްވާކަމަށާއި، މިއީ ސިޔާސީ ނުފޫޒު ހިމެނޭ މައްސަލައެއްކަމަށެވެ.
"މިއީ ރޭވިގެން އަޅުގަނޑާ ދެކޮޅަށް ބަޔަކު ހިންގާ ޖަރީމާއެއް. އެހެން ވީމަ އަޅުގަނޑު ދެންނެވިން ތުހުމަތުތަކަށް އަޅުގަނޑު ފުރިހަމައަށް އިންކާރު ކުރާ ވާހަކަ،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންސާފުވެރިކަމާއި މިނިވަންކަމާއެކު ތަހުގީގު ހިނގާނެކަމަށް އުއްމީދުކުރައްވާކަމަށާއި، މިތުމަތުތައް ރައީސްއަށާއި ރައްޔިތުންނަށް ހަގީގަތް ހާމަވާން ބޭނުންފުޅުވާކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައިވާކަމަށާއި، ހަނު ހުންނަވަން ބޭނުންފުޅު ނުވާކަމަށެވެ.
"ﷲ އިރާދަ ކުރެއްވިއްޔާ ހަގީގަތް ހާމަ ވާނެ. މިދުވަސް ވެސް ހިނގައިދާނެ. މިކަހަލަ ތޫފާނުގެ ވައި އަބަދު ނުވެސް ހުންނާނެ،" އަލީ ވަހީދު ވިދާޅުވި އެވެ
އަލީ ވަހީދު ރޭ ފުލުހަށް ހާޒިރުކުރިއިރު އޭނާއާ ދެކޮޅަށް 15 ފަރާތަކުން މިހާތަނަށް ބަޔާން ދީފައިވާކަން ފުލުހުން މިދިޔަ ހަފްތާގައި ވަނީ ހާމަކޮށްފައެވެ.
މި ތުހުމަތުތަކާއެކު އަލީ ވަހީދު މި މަހުގެ ކުރީކޮޅު މަގާމުން ވަކިކުރައްވާފައިވާއިރު، ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ ގެ ބަލައިފާސްކުރުމަށްފަހު ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.
އަލީ ވަހީދާއި ގުޅޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ޓުއަރިޒަމް މިނިސްޓްރީގައި އޭނާ ހިންގާފައި ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ގުޅޭ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސް ސޯލިހުގެ އިތުރުން ޖެންޑަރ މިނިސްޓްރީ އަށް ވެސް ހުށަހަޅާފައެވެ.