ރިޕޯޓް

ޝަމީމް: އޯގާތެރި ފިރިއެއް، ހުނަރުން ފުރިގެންވާ ފިރިހެނެއް!

ދެން އެމްވީ ، ދެން އޮންލައިން

ކޮންމެ މީހަކީ ވެސް ތަފާތު އެތައް ހުނަރެއް ލިބިގެންވާ މީހެކެވެ. އެއް ބަޔަކު ވިޔަފާރި ކުރުމާއި، އެމީހަކު އުޅޭ ދާއިރާއެއްގައި ކުރިއަރަމުންދާއިރު އަނެއް ބަޔަކު ކުރިއަރަމުންދަނީ އެކި ރޮނގު ރޮނގުންނެވެ. ތަފާތު ކަންތައްތަކުގައި ހުނަރުވެރި ކިތަންމެ ބައެއް އަޅުގަނޑުމެންގެ ތެރޭގައި ފޮރުވިފައި އެބަ ތިއްބެވެ.

Ads by STELCO

އެފަދަ އެކަކީ ހދ. ވައިކަރަދޫ/ މެދަ މުޙައްމަދު ޝަމީމް (59އ.) އެވެ.

ވައިކަރަދޫ މިސްކިތުގައި މަސައްކަތް ކުރާ ޝަމީމް އަކީ ވެލްޑިންގ މަސައްކަތް ކުރާ މީހެއްގެ އިތުރުން މޮޅު ވަޑިއެކެވެ. އަމިއްލަ ޙިޔާލު ބޭނުން ކޮށްގެން ދަގަނޑުން ތަފާތު އެކި އެއްޗެހި ޝަމީމް އުފައްދާފައިވެއެވެ. އުމުރުން އެންމެ 22 އަހަރުގައި ފެށި އެމަސައްކަތުގައި ޝަމީމް އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން ވައިކަރަދޫ ގައި ޝަމީމްގެ އުފެއްދުމެއް ނެތް ގެއެއް ނެތޭ ބުނުން ވެސް ދޮގަކަށް ނުވެއެވެ.


"ދެން" އަށް މައުލޫމާތު ދެމުން ޝަމީމް ބުނީ ވެލްޑިންގެ މަސައްކަތް އެންމެ ފުރަތަމަ އޭނާ ފެށީ 1983 ވަނަ އަހަރު ކަމަށެވެ.

"އެއިރު ބޯޓު ދަތުރު ކުރަން ގޮސްފައި އައިސް މިމަސައްކަތް ފެށީ. އެންމެ ފުރަތަމަ ހެދީ ޖޯލިފަތި" ޝަމީމް ބުންޏެވެ.

މިހާރު ޝަމީމް އަކީ ޖޯލިފަތީގެ އިތުރުން ދަގަނޑުން ތުވާލި އަޅުވާ ހަރުގަނޑާއި، ހެދުން އަޅުވާ ހަރުގަނޑާއި، ފަންކާ ހަރުކުރާ ބުޅި ވެސް އުފައްދާ މީހެކެވެ. އޭގެއިތުރުން ތަފާތު އެކި ގޮތްގޮތަށް ހަދާފައި ހުންނަ ވަޅިއާއި، މަށަންދައްޗާއި، ސިންކު އަދި ގާޑިޔާ ވެސް ޝަމީމް ހަދާފައިވެއެވެ.

ޝަމީމް ބުނި ގޮތުގައި އޭނާއަށް މިމަސައްކަތް ކުރާއިރު އެންމެ އުނދަގުލީ މަސައްކަތް ކުރަން ބޭނުންވާ ދަގަނޑު އެރަށުން ހޯދުމެވެ.

"މާލެއިން ދަގަނޑު ގެންނަން ޖެހެނީ. މިފުރަބަންދުގައި އެއްގޮތަކަށް ވެސް ނުލިބޭ ދަގަނޑު. އެހެންވެ މަސައްކަތް ކޮންމެވެސް ވަރަކަށް ހުއްޓުނު، މިހާރު އަނެއްކާވެސް ފެށިފައި މިހުރީ" ޝަމީމް ބުންޏެވެ.


ޝަމީމްގެ މަސައްކަތްތަކާއި މެދު އޭނާގެ ހަތަރު ދަރިން ވެސް ފަޚުރުވެރި ވެއެވެ. އެގޮތުން އޭނާގެ އަންހެން ދަރިފުޅު ފާތިމަތު ސައުދާ ޝަމީމް "ދެން" އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ބައްޕައަކީ އަބަދުވެސް ވަރަށް މަސައްކަތްތެރި، އަދި މީހުންނާއި ވަރަށް ގުޅޭ މީހެއް ކަމަށެވެ.

"ގޭ ކައިރިން މީހަކަށް ނުދެވޭނެ ބައްޕަ ވާހަކަ ނުދައްކާނެ ކަމަކަށް. ބައްޕަ އަކީ އަބަދުވެސް އެންމެންނާއި ވެސް ވާހަކަ ދައްކާ އެންމެންގެ ހާލުވެސް ބަލާ ހަދާ މީހެއް. މީހުންނަށް ވަރަށް ހެޔޮ ވާނެ. ވެލްޑިންގެ މަސައްކަތް ކުރުމާއި ވަޑައިން ކުރުމަކީ މިހާރު ބައްޕަ ހުސްވަގުތު ކުރާ މަސައްކަތް. އެއްޗެއް ބައްޕައަށް ފެނުމުން ބައްޕަ އެއެއްޗެއް އަމިއްލަ ވިސްނުމަށް ބަދަލު ކޮށްގެން ހަދަނީ. ވަރަށް ފަރުވާ ތެރިކަމާއެކު މިން އަޅައިގެން ބައްޕަ އެމަސައްކަތްތަށް ކުރަނީ" ސައުދާ ބުންޏެވެ.

ސައުދާ ބުނި ގޮތުގައި ވެލްޑިންގެ މަސައްކަތްް އެންމެންނަށް ކޮށްދިން ކަމުގައި ވިޔަސް ވަޑައިމުގެ މަސައްކަތް ޝަމީމް ކުރަނީ ހަމައެކަނި އާއިލާއަށް އެކަންޏެވެ. އެގޮތުން އެނދު އެއްޗެހި ހެދުމާއި އަލަމާރިފަދަ ފަރުނީޗަރު ވެސް ޝަމީމް އުފައްދާފައިވެއެވެ.


ޝަމީމްއަކީ ވެލްޑިންގ ކުރާ މީހެކެވެ. ވަޑިއެކެވެ. އޭގެ އިތުރުން ޝަމީމް އަކީ ވަރަށް އޯގާތެރި ފިރިއެކެވެ. ސައުދާ ބުނިގޮތުގައި އޭނާގެ މަންމަ (ޝަމީމްގެ އަންހެނުން) ހުރީ މައިބަދައިގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. އެހެންކަމުން ތިިރި ތަންތަނުގައި އިށީންދެގެން ނުއިދެވެއެވެ.

"މަންމަ އޮޕަރޭޝަން ކުރި އިރު އަހަރުމެން އުޅުނީ މާލޭގައި. އެހެންވެ މަންމައަށް އެހީތެރިވާން ގޭތެރޭގެ ހުރިހާ މަސައްކަތެއް ވެސް ކުރީ ބައްޕަ. ބައްޕަ ވަރަށް ރަނގަޅު ވާނެ މަންމައަށް. ވަރަށް އޯގާތެރިވާނެ. މަންމައަށް ފަސޭހައިން މަސައްކަތް ކުރެވޭނެ ގޮތަށް އެހެންވެ ބައްޕަ ހުރީ މަދު ފަޅަން އިށީންދެވޭނެ މޭޒަކާއި، ފަންގި ވިނަން މޭޒަކާއި، އުނދުން ދޮށުގައި ގިނައިރު ކޮޅަށް ނުހުރެވޭނެތީ އުސް ގޮނޑިއަކާއި، ހުނި ގޮނޑިއާއި، ފަސޭހައިން ބަނބުކެޔޮ ކޮށޭނެ މެޝިނެއް ވެސް ބައްޕަ ހުރީ ހަދާފަ" ސައުދާ ބުންޏެވެ.


ޝައްކެއް ވެސް ނެތް ގޮތުގައި ޝަމީމް އަކީ ލާމަސީލު ނަމޫނާއެކެވެ. އެމީހެއްގެ އަގު ވަޒަން ކުރުން ޙައްޤު މީހުންގެ ލިސްޓުގައި ހިމަނާލުން މުހިންމު މީހެކެވެ.

އަޅުގަނޑުމެން އެދެނީ ޝަމީމް އަށާއި އޭނާގެ އާއިލާއަށް އަދަށްވުރެ ފާގަތި މުސްތަޤްބަލެއް އަބަދުވެސް ލިބުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!