ދީން

ވިސްނާލާ! ފަތިސް ނަމާދަށް ނުހޭލެވޭއިރު ، ފަތިސްގަޑިއެއްގައި ތިބާ ދަތުރުކުރަން އޮތް ފްލައިޓެއް ދުވަހަކު ވެސް މިސްވިތަ؟

ދެން އެމްވީ ، ދެން އޮންލައިން

ޚާއްޞަކޮށް ފަތިސްނަމާދަކީ ރޫޙަށް ދިރުން ގެނެސްދޭ ނަމާދެކެވެ. ދުވަސް ކާމިޔާބުވުމުގެ އެއް ސިއްރަކީ ފަތިސްނަމާދު އަދާ ކުރުމެވެ. އެހެނީ ފަތިސް ނަމާދުގެ އަހުލުވެރިންނަކީ ރައްކާތެރިކުރެވިގެންވާ ބައެެކެވެ. އެމީހުންނަކީ ނަފްސްތަކަށް ހަމަޖެހުންލިބޭ ، ހަށިތަކަށް ހީވާގިކަން ލިބޭ އެމީހުންގެ ވަގުތުތަކުގައި ބަރަކާތް ލެވިގެންވާ ބައެކެވެ.

Ads by MWSC

ނަމަވެސް ފަތިސްނަމާދަކީ ގިނަ ބަޔަކަށް ކުރަން އުނދަގޫ ނަމާދެކެވެ. ނިދިން ނުހޭލެވުމުގެ ސަބަބުން މި މަތިވެރިކަން ގިނަ ބަޔަކު ދަނީ ނަގާލަމުންނެވެ. ވިސްނާލައްވާށެވެ. ދަންވަރު ނުވަތަ ފަތިސް ވަގުތުގައި ތިބާ ތަނަކަށް ދާން އޮތް ފްލައިޓަށް ގަޑި ޖެހި ދުވަހަކު ވެސް ފްލައިޓް މިސްވި ތޯއެވެ؟ ނުވަތަ ތިމާ ސަޕޯޓްކުރާ ޓީމް ކުޅެން އޮތް ފުޓްބޯޅަ މެޗު ފަތިހު އޮތުމުން އެމެޗް ބަލަން ނުހޭލެވުނު ހެއްޔެވެ؟ އަމުދުން ބައެއް މީހުން އެމީހުން ބަލާ ޑްރާމާ ސީރީސްތައް ބަލަން ވެސް ގަޑި އެލާމްކޮށް ޑްރާމާ ދައްކާ ގަޑިއަށް ހޭލާ އުޅެއެވެ.

އެހެންކަމަށްވުމާއެކު ކަމެއް ކާމިޔާބުކުރުމަށް ބޭނުންވާނަމަ އެންމެ ޚާއްޞަކަމަކީ އެކަމަކަށް ދަހިވެތިވުމެވެ. އެކަމެއް ހިތާއި ރޫހުން ބޭނުންވުމެވެ. ކަމެއްކުރުމުގެ ދަހިވެތިކަން އޮވެއްޖެނަމަ އެކަމެއް ކާމިޔާބު ކުރުމުގެ މަގުގައި އެމީހަކު ދެމި ހުންނާނެއެވެ. އެއީ އަވަހަށް ނިދައިގެން ކަމަށް ވިޔަސް ނުވަތަ ގަޑި އެލާމް ކޮށްގެން ނަމަވެސް ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަށް އިސްކަން ދޭނެއެވެ.

ފަތިސްނަމާދަށް ހޭލަން ބޭނުންވާނަމަ ފުރަތަމަ ކުރާން އޮތް ކަމަކީ ފަތިސްނަމާދުގެ މުހިންމު ކަމާއި އެނަމާދުގެ ސަވާބާއި ދަރުމަ ދެނެގަތުމެވެ. އެކަން ސިކުނޑީގައި ހަރުލެއްވުމެވެ. ތިރީގައި ބަޔާންކޮށްފައި އެވަނީ ފަތިސްނަމާދުގެ މަތިވެރިކަމާއި މާތްކަމުގެ ބައެއް ނުކުތާތަކެވެ. މީގެ އިތުރުން އަވަހަށް ނިދުމާއި ވުޟޫކޮށްގެން ނިދުމާއި ނިދުމުގެ ކުރިން ކިޔާ ދުޢާ ކިޔައިގެން ނިދުމަކީ ނަމާދަށް ހޭލެވުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

ފަތިސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ޚާއްޞަކޮށް ޖަމާޢަތުގައި އަދާކުރުމަށް ރައްކާތެރިވުމަކީ ގުނައި އަދަދުވެސް ނުކުރެވޭހައި ގިނަގުނަ ދަރުމައާއި ޘަވާބު އެމީހަކަށް ﷲ ގެ ޙަޟްރަތުން ދެއްވާނެކަމެކެވެ. ކިރިތި ޤުރުއާނުގައި މާތް ﷲ ވަޙިކުރެއްވިއެވެ.

(أَقِمِ الصَّلَوةَ لِدُلُوْكِ الشَّمْسِ إِلَى غَسَقِ الَّيْلِ وَقُرْءَانَ الفَجْرِ إِنَّ قُرْءَانَ الفَجْرِ كَانَ مَشْهُوْدَا ) (الإسراء 78) މާނައީ، ” އިރުމެދުން ފިލުމުން ރޭގަނޑުގެ އަނދިރިކަން އަންނަ ވަގުތާއި ހަމައަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ. (އެބަހީ މެންދުރު ނަމާދާއި ޢަޞުރުނަމާދާއި މަޣުރިބްނަމާދާއި ޢިޝާނަމާދެވެ.) އަދި ފަތިސްނަމާދު ކުރައްވާށެވެ. ހަމަކަށަވަރުން ފަތިސްނަމާދަކީ (ރޭގަނޑު އިންސާނާ ބަލަހައްޓަވާ މަލާއިކަތުންނާއި ދުވާލު އޭނާބަލަހައްޓަވާ މަލާއިކަތް ބޭކަލުންގެ ފަރާތް ޕުޅުން) ހެކި ލިބިގެންވާ ނަމާދެކެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.

أن رسول الله صلى الله عليه وسلم قال : ” يَتَعَاقَبُوْنَ فِيْكُمْ مَلاَئِكَةٌ بِالَّيْلِ وَمَلاَئِكَةٌ بِاالنَّهَارِ وَيَجْتَمِعُوْنَ فِيْ صَلاَةِ الْفَجْرِ وَصَلاَةِ العَصْرِ ثُمَّ يَعْرُجُ الَّذِيْنَ بَاتُوا فِيْكُمْ فَيَسْأَلُهُمْ رَبُهُمْ – وَهُوَ أَعْلَمُ بِهِمْ – كَيْفَ تَرَكْتُمْ عِبَادِيْ؟ فَيَقُوْلُونَ : تَرَكْنَاهُمْ وَهُمْ يُصَلُّونَ وَأَتَيْنَاهُمْ وَهُمْ يُصَلُّونَ ” މާނައީ ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ﷲ ގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރޭގައި އެއްބައެއްގެ ފަހަތުން އަނެއްބަޔަކު ބަދަލުވެވޭ ތިބޭގޮތުގައި ރޭގަނޑުގެވެސް މަލާއިކަތުން އަދި ދުވާލުގެ ވެސް މަލާއިކަތުން މާތް ﷲ ލައްވާފައިވެއެވެ. އެބޭކަލުން އެއްބަޔަކު އަނެއްބަޔަކާއި ބައްދަލު ވަނީ ފަތިސްނަމާދާއި ޢަޞުރު ނަމާދުގައެވެ. ދެން ރޭގަނޑު ތިޔަބައި މީހުންގެ ގާތުގައި ތިއްބެވި މަލާއިކަތުން ﷲ ގެ ޙަޟްރަތަށް ވަޑައިގަންނަވާނެތެވެ. ދެން އެބޭކަލުންގެ ވެރިރަސްކަލާނގެ އެބޭކަލުންނާއި ސުވާލު ކުރައްވާނެތެވެ. (އެކަލާނގެއީ އެމީހުންގެ ހުރިހައިކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.) ތިޔަބޭކަލުން ތިމަން ރަސްކަލާނގެ އަޅުތަކުންނާއި ވަކިވެވަޑައިގަތީ ކޮންފަދަ ޙާލެއްގައި އެމީހުން ވަނިކޮށް ހެއްޔެވެ؟ ފަހެ އެބޭކަލުން ދަންނަވާނެތެވެ. ތިމަން ބޭކަލުން އެމީހުންނާއި ވަކިވީ އެމީހުން ނަމާދު ކުރަން ތިއްބައެވެ. އަދި އެމީހުންގާތަށް އައީވެސް އެމީހުން ނަމާދު ކުރަން ތިއްބައެވެ.

މާތްރަސްކަލާނގެ ރުއްސުންލެއްވި އަބޫހުރައިރަތުގެ ފާނު ކިބައިން ރިވާވެގެންވާ އެހެން ބަސްފުޅެއްގައި އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ

قاَلَ النَّبِي صلى الله عليه وسلم: إِنَّ أَثْقَلَ صَلاَةٍ عَلَى المْنُاَفِقِيْنَ صَلاَةُ الْعِشَاءِ وَصَلاَةُ الْفَجْرِ وَلَوْ يَعْلَمُونَ مَا فِيْهِمَا َلأَتَوْهُمَا وَلَوْ حَبْوًا މާނައީ “ސަލާމާއި ޞަލާވާތްލެއްވި ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. މުނަފިގުންގެ މައްޗަށް އެންމެ ބުރަހެލިކަންބޮޑު އުނދަގޫ ނަމާދަކީ ޢިޝާނަމާދާއި ފަތިސްނަމާދެވެ. އެދެނަމާދުގައި އެކުލެވިފައިވާ ދަރުމައާއި ޘަވާބުގެ މަތިވެރިކަން އެބައިމީހުންނަށް އެނގޭނަމަ ފިރުކިފައިވެސް އެދެނަމާދަށް އެބައިމީހުން އައީހެވެ.”

މަޢުލޫމާތު: ދި ސަލަފިއްޔާ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!