މީހުން ލައިފްސްޓައިލް

"އިސްލާމިކް ނޮލެޖް ޔުނިވަރސިޓީ"ގެ ޝައުޤުވެރި ބާނީ ، އުއްމީދަކީ އައިޓީ ދާއިރާއިން ކިޔަވައި ވިދާޅުވުން!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

އިސްލާމީ ފިޤްހް ޢިލްމުގެ ދާއިރާއިން އެންމެ މަތީ ތަޢުލީމް, ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވައިގެން ހުންނެވި ޑރ.މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފަކީ ޝައުޤުވެރި ސަޚްޞިއްޔަތެކެވެ. އާންމުންގެ މެދުގައި ފަރިތަ ސަޚްސިއްޔަތެކެވެ. ސިޔާސީންގެ އާންމު އުޞޫލާ އެއް ގޮތަށް އެ ވެރީންގެ މެދުގައި ބައެއް ފަހަރު މަގުބޫލު ބޭފުޅެކެވެ. އަނެއްބައި ފަހަރު ވަރުގަދަ ހަމަލާތަކުގެ ޝިކާރައެކެވެ.

Ads by Hajj Corporation

ގައުމީ ޔުނިވަރސިޓީގައި މަސައްކަތް ކުރައްވާ ޝައިޚް ޢިޔާޒުގެ ސިކުނޑިއަކީ ޢިލްމީ ޚަޒާނާއެކެވެ. އެ ޚަޒާނާއިން އާންމުންނާ ހިއްސާ ކުރައްވާ މައުލޫމާތާއި އެ މަސައްކަތް ކުރެއްވުމަށް ހޭދަ ކުރައްވާ ވަގުތާ މެދު ވިސްނައިލައިފިނަމަ އަޖާއިބު ވާހާވެއެވެ.

ޒުވާނުންނެކޭ އެއް ފަދައިން ޑރ.އިޔާޒުގެ ފޯނަކީ އޭނާގެ އަތްޕުޅުން ދޫކޮށްލައްވާ އެއްޗެއް ނޫނެވެ. ހުސްވަގުތުކޮޅަކަށް އެންމެ މިނެޓެއް ލިބިވަޑައިގަތަސް އެ މަނިކުފާނު ފޯނުން އަބަދު ވެސް މަސައްކަތް ކުރައްވައެވެ. ނަމަވެސް ، އެއީކީ ގޭމް ކުޅުމާއި ލާބައެއް ނެތް މަސައްކަތެއްގައެއް ނޫނެވެ. އެއީ އެ މަނިކުފާނުގެ "ޔުނިވަރސިޓީ" އިސްލާމިކް ނޮލެޖް ގުރޫޕުގައި ޖަވާބު ދިނުމުގައެވެ.

އެ ޔުނިވަރސިޓީގައި 100 އަށް ވުރެ ގިނަ ކްލާސްތައް ނުވަތަ ވައިބަރ ގުރޫޕުތައް އޮވެއެވެ. ކޮންމެ ކްލާހެއްގައި 100އަށްވުރެ ގިނަ ދަރިވަރުން ހިމެނެއެވެ. އަޅުގަނޑުގެ ކްލާހުގައި 198 ދަރިވަރުން މިހައިރު ވެސް އެބަތިއްބެވެ.

ރާއްޖޭގެ ސިޔާސީ ވެށީގައި ވެސް ހަރަކާތްތެރި ، ބަސް ވިދާޅުވާ ޑރ.އިޔާޒުގެ މުޅި ދިރިއުޅުން ގުޅިފައި އޮތީ އުނގެނުމާއި އުނގައްނައިދިނުމާއެވެ. ގައުމީ ޔުނިވަރސިޓީގައި ކްލާސް ނަންގަވައި ދެއްވަމުން ، އިސްލާމިކް ނޮލެޖް ގުރޫޕްތަކުގައި ދުވާލަކު 100 އެއްހައި ސުވާލަށް ޖަވާބު ދެއްވަމުން ، މިސްކިތްތަކުގައި ވެސް ތަފްސީރު ކްލާސްތައް ނަންގަވައި ދެއްވައެވެ. އެ މަނިކުފާނުގެ މިހާރުގެ އަމާޒަކީ އައިޓީއިން ކިޔަވައި ވިދާޅުވުމެވެ.

ޝައިޚާއެކު ހޭދަ ކޮށްލެވުނީ ޝައުޤުވެރި ވަގުތުކޮޅެކެވެ. ދެއްވި ވަގުތުކޮޅަށް ޝުކުރިއްޔާއެވެ.

އަބަދުވެސް ކުރާ ހިތްވާ ކަމެއް؛ މިހާރު ކުރަނީ ހޮބީއެއްގެ ގޮތުގައި

މި ރަމަޟާން މަހުގެ ކުރީން ޑރ.ޢިޔާޟާ ދެތިން ފަހަރަކު ބައްދަލު ކޮށްލުމުގެ ފުރުސަތު ލިބުނެވެ. ކޮންމެ ފަހަރަކު ވެސް ފެންނަނީ ފޯނު ބޭނުން ކުރައްވަން އިންނަވާ ތަނެވެ. ކުރައްވަނީ ކީއްތޯ އެއް ފަހަރަކު ސުވާލު ކޮށްލީމެވެ. މީހުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީއެވެ.

"އަޅުގަނޑުގެ ހޮބީއެކޭ ވެސް ދެންނެވިދާނެ މިއީ މިހާރު. ވަރަށް ކުރާ ހިތުން ކުރާ ކަމެއް މިއީ. މިގޮތުން މީޓީންގްތަކަށް އައިސް ލިބޭ ހުސް ވަގުތު ކޮޅުގައި ވެސް އަޅުގަނޑު ބަލަން ވީހާ ވެސް ގިނަ ސުވާލަކަށް ޖަވާބު ދެވޭތޯ" އިޔާޒް ވިދާޅުވިއެވެ.

ޑރ.އިޔާޒުގެ މި ސުވާލާއި ޖަވާބުގެ ޚަޒާނާގެ ވާހަކައިގެ ތާރީޚް ފެށެނީ މީގެ 10 އަހަރު ކުރީގެ މަސައްކަތަކާއެވެ. މިހާރު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، އެމްވީ އިސްލާމް ކިއު & އޭ ގެ ނަމުގައި އުފައްދަވައިގެން އުޅުއްވި ވެބްސައިޓަކީ މިހާރުގެ "އިސްލާމިކް ނޮލެޖް" ވައިބަރ ގުރޫޕްތަކުގެ ފެށުމެވެ.

އެމްވީ އިސްލާމް ކިއު & އޭ އަކީ އެކިއެކި ޝެއިޚުންނާ ސުވާލު ކުރުމަށް ހަދައިފައިވާ ވެބްސައިޓެކެވެ. ކޮންމެވެސް ސަބަބަކާ ހުރެ އެ ވެބްސައިޓް ބަންދު ކުރުމާއެކު، މީހުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގައި ކުޑަ މަޑު ޖެހުމެއް އައި ކަމަށް އިޔާޒް ވިދާޅުވިއެވެ.

"އެމްވީ އިސްލާމް ކިއު & އޭ  ހުއްޓާލި ހިސާބުން އައި ކުޑަ ބްރޭކެއް. ދެން އެއަށް އަލީ ރަމީޒު އުފެއްދެވި ރާއްޖެ އިސްލާމް ސައިޓްގައި މަސައްކަތް ކުރަން ފެށީ" ދީނީ ވަޢުޘު ބުނުމާއި މައުލޫމާތު ފެތުރުމުގައި އެތައް އަހަރެއް ހޭދަ ކުރައްވައިފައިވާ އިޔާޒް ވިދާޅުވިއެވެ.

ރާއްޖެ އިސްލާމް ވެބްސައިޓަކީ އެމްވީ އިސްލާމް ކިއު & އޭ ގޮތަށް ދީނީ ސުވާލުތައް ކުރުމުގެ ފުރުސަތު ހުޅުވައިލެވިފައިވާ ވެބްސައިޓެކެވެ. ޑރ.އިޔާޒް ކިޔައިދިން ގޮތުގައި މި ވެބްސައިޓް މެދުވެރިކޮށް، ކޮންމެ ޝެއިޚަކަށް ވެސް އެ މީހަކު ބޭނުންވާ ސުވާލުތަކަކަށް ޖަވާބު ދިނުމުގެ ފުރުސަތު އޮވެއެވެ.

އެކި އެކި ސަބަބުތަކާހުރެ ރާއްޖެ އިސްލާމް ހުއްޓުމާއި ގުޅިގެން، ދެން ޑރ.އިޔާޒް އަމާޒު ހިފީ އަމިއްލަފުޅަށް މިފަދަ ޕްލެޓްފޯމެއް ހެއްދެވުމަށެވެ. އެ ގޮތުން އޭރު ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބޭނުން ކުރަމުން އައި ޕްލެޓްފޯމްކަމުގައިވާ ވައިބަރގައި ޑރ.މުޙައްމަދު އިޔާޒްގެ ގްރޫޕްގެ ކަޑަ ޖެއްސެވިއެވެ.

ޖަވާބުތައް ކުރު ކުރަނީ ދެ ސަބަބަކާ ހުރެ!

ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ މެސެޖެއް ދައުރުވަމުން އަންނަ އިސްލާމިކް ނޮލެޖް ގްރޫޕްގެ ސުވާލުތަކުގެ ޖަވާބުތައް ކުރުކަމުން ބަޔަކު ޝަކުވާ ކުރެއެވެ. ޖަވާބުތައް ކުރުމުގެ ޝަކުވާތަކުގެ ޖަވާބު ވެސް އިޔާޒު ދެއްވީ ކުރުކޮށެވެ.

"ބޭނުން ވަނީ ވީހާ ވެސް ގިނަ ސުވާލެއްގެ ޖަވާބު، ވީހާ ވެސް ގިނަ ބަޔަކަށް ފޯރު ކޮށްދެން. ޖަވާބުތައް ދީފައި ހުންނާނީ ޤުރުއާނާއި ސުންނަތާއި ތަފްސީރުގެ އަލީގައި، އަޅުގަނޑަށް ސުވާލު ދޭހަވި ގޮތަކަށް"

އިޔާޒް ވިދާޅުވީ، ކުރިން ރާއްޖެ އިސްލާމްގައި މަސައްކަތްޕުޅު ކުރެއްވިއިރު، ޖަވާބުތައް ގެންނަވަނީ ރަސޫލާގެ ޙަދީޡްތަކާއި ޤުރުއާނުގެ އާޔަތްތަކާއެކުގައި ކަމަށެވެ. ނަމަވެސް ކުރިން ވައިބަރގައި ގްރޫޕް ހެއްދެވިއިރު، ކޮންމެ މެސެޖެއްގައި ވަކި ވަރަކަށް ލިޔެވޭތީ ސުވާލުތަކުގެ ޖަވާބު ކުރު ކުރީ ކަމަށެވެ.

"ބޭނުންވޭ ވީހާވެސް ތަފްސީލްކޮށް ޖަވާބުތައް ދޭން. ސުވާލެއްގެ ޖަވާބު އިތުރަށް ތަފްސީލް ކޮށްލަން ބޭނުންފުޅުނަމަ އަޅުގަނޑު އެކަން ކޮށްދޭނަން. އެކަމަކު މިހާރު ފަރިތަވެފައި ހުރި ގޮތަކީ ވީހާވެސް ތިލަކޮށް، ވީހާވެސް ކުރުކޮށް ޖަވާބުތައް ދިނުން. ކިހިނެތްތޯ ދުވާލެއްގެ މައްޗަށް 100 އެއްހާ ސުވާލު އަންނައިރު، އެހުރިހާ ސުވާލަކަށް ދިގުކޮށް ޖަވާބު އަރުވާނީ." އިޔާޒް ވިދާޅުވީ، ޖަވާބު ކުރުކޮށް ދެއްވަން ފެއްޓެވީ ފުރަތަމަ ފެށިގެން އައި ވައިބަރ ޗެޓްގެ ވޯޑް ލިމިޓްގެ ސަބަބުން ކަމަށާއި ނަމަވެސް އެކަން މިހާރު އާދައަކަށް ވެފައިވާ ކަމަށެވެ.

ޖަވާބުގައި ޖެއްސުމެއް ނުކުރަން؛ ފާޑު ކިޔާ މީހުން އުޅޭނެ

އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްގައި ބައެއް ފަހަރު ޖަވާބުތައް ދޭ ގޮތުން ބައެއް ފަރާތްތަކުގެ ނުރުހުންވުން ވެސް އިޔާޒަށް ދަނީ އަމާޒުވަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ޑރ.އިޔާޒްގެ ސުވާލުތަކުގެ ޖަވާބުތައް ހުންނަ ގޮތުން ބައެއް ފަހަރު ޖެއްސުން ކުރާހެން ހީވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިޔާޒް ވިދާޅުވީ، އެ މަނިކުފާނަކީ މީހުންނަށް މަލާމަތް ކުރަން ޝައުޤުވެރިކަން ހުންނަ ބޭފުޅެއް ނޫން ކަމަށާއި އޭނާ ކުރާ މަސައްކަތަކީ ﷲ ސުބްޙާނަޙޫ ވަތަޢާލާ ދެއްވައިފައިވާ ޢިލްމު ވީ ހާވެސް ގިނަ ބަޔަކަށް ފޯރު ކޮށްދެއްވުން ކަމަށެވެ.

އަޅުގަނޑަކީ ލެކްޗަރާއެއް. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އަޅުގަނޑުގެ ޒިންމާ ކްލާސް ރޫމްގެ ތެރެއިން ނިމިގެނެއް ނުދޭ. މުޖުތަމަޢުގައި މީހުންނަށް އުފެދޭ ސުވާލުތަކުގެ ޖަވާބު ހޯދައިދިނުމަކީ ވެސް އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ ޒިންމާއެއް. އެމަސައްކަތް ކުރަނީ. ސުވާލެއްގެ ޖަވާބުގައި އެއްވެސް މީހަކަށް ޖެއްސުމެއް ކޮށްފައި ނޯންނާނެ. އަޅުގަނޑަކަށް ނުވެސް އެނގޭ ސުވާލު ކުރަނީ ކޮންފަރާތަކުން ކަމެއް

ޑރ. މުޙައްމަދު އިޔާޒް

ޑރ.އިޔާޒް އިތުރަށް ވިދާޅުވީ، އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕަށް އަންނަ މެސެޖްތައް ފިލްޓަރ ވެގެން އިޔާޒްއާ ހަމައަށް އަންނައިރު ސުވާލު ފޮނުވި ފަރާތް އޭނާއަށް ނޭނގޭނެ ކަމަށެވެ. އަދި އެކަން ކުރަނީ އެޑްމިންގެ ޓީމަކުން ކަމަށާއި ޑޮކްޓަރ ޖަވާބު ދެއްވުމުން އެ އަޕްލޯޑްކޮށް، ވަކިން ފޮނުވަން ޖެހޭ މީހުންނަށް ޖަވާބު ފޮނުވަނީ ވެސް އެޑްމިން ޓީމަކުން ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި މިކަން މިހެން އޮއްވާ ވަކި ފަރުދަކަށް ނުވަތަ ފަރުދުންނަށް ޖެއްސުމުގެ ގޮތުން ޖަވާބު ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދި ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ބޭނުންވަނީ އައިޓީ ދާއިރާއިން ކުރިޔަށް ގޮސް، ގްރޫޕްވެސް ކުރިއަރުވަން

ޑރ.އިޔާޒް ދެކެނީ ތަފާތު ހުވަފެނެކެވެ. ފިޤްޙާއި ތަފްސީރުގައި ޢިލްމު ޙާޞިލް ކުރައްވައިން ހުންނެވި ނަމަވެސް އިޔާޒް ދެކި ލައްވާ ގޮތުގައި އޭނާއަށް މިއަދު ބޭނުންވާ އިތުރު ޢިލްމެއް އެބައޮތެވެ. އެއީ އައިޓީ ދާއިރާއިން ކިޔަވާ ވިދާޅުވުމެވެ. ޓެކްނޮލޮޖީގެ ދާއިރާއިން ކުރި އަރަމުން އަންނަ މިދުނިޔޭގައި އިޔާޒްގެ އުއްމީދަކީ ކޯޑް ކުރުމުގައި ޒުވާނުންނެކޭ އެއްފަދައިން ބައިވެރިވުމެވެ. ނަމަވެސް މަޤްޞަދު ވަރަށް ވެސް ތަފާތެވެ. ބޭނުމަކީ އިސްލާމިކް ނޮލެޖް ގްރޫޕް ވެބްސައިޓަކަށް ހެދުމަށް ބޭނުންވާ ހުވަފެނުގައި ކުލަ ޖެއްސެވުމެވެ. ކުރިން މަސައްކަތް ކުރި ގޮތަށް އިތުރު ޝެއިޚުންނާއެކު، ދީނީ ކަންކަމުގައި ދިވެހިންނަށް އޮޅުން އަރާ ކަންތައް އޮޅުން ފިލުވާދެއްވުމެވެ. ޝެއިޚުންނަކީ ކޮންމެ ވަގުތެއްގައި ވެސް "އެވޭލަބަލް" ބަޔަކަށް ވުމަށް އޭނާ ދެކެމުން އަންނަ ހުވަފެނުގައި ކުލަ ޖެއްސުމެވެ.

މަލާމާތާއި ފުރައްސާރައާ އެކު ވެސް އިޔާޒްގެ މަސައްކަތައިގެން އޭނާ އެ ދަނީ ކުރިޔަށެވެ. އުމުރުން 45 އަހަރުގެ އިޔާޒްގެ އުންމީދާއި ހުވަފެން ވެސް ހުރީ ދީނީ ޢިލްމު އުގަންނައިދެއްވުމަށެވެ. އެކަން ކުރުމަށް ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާން އޭނާ ހުންނެވީ ތައްޔާރަށެވެ. އެމްއެންޔޫގެ ލެކްޗަރއެއްގެ މަޤާމު ފުރުއްވަމުން ހުސްވަގުތު ތަކުގައި އެ ކުރައްވަނީ ބިޔަ، ބޮޑު، މުހިންމު މަސައްތެކެވެ. މުސްލިމް އުންމަތަށް މިއަދު އެންމެ ބޭނުންތެރި މަސައްކަތެވެ. މިއަދު އިޔާޒްގެ މަސައްކަތުން އެތައް ބަޔަކަށް އޮޅުން އަރައިފައިވާ އެތައް މައްސަލައެއްގެ ހެޔޮ ނުބައި އެނގިގެން ގޮސްފިއެވެ. އަޅުގަނޑުމެން މުޅި ޓީމްގެ ދުޢާއަކީ އިޔާޒްގެ މަސައްކަތުގައި ބަރަކާތް ލައްވަވައި ދިމާވާ ހުރިހާ ގޮންޖެހުންތަކުން، އަރައިގަތުމުގެ ތަޢުފީޤް ﷲ ސުބްޙާނަޙޫ ވަތަޢާލާ ޑރ.މުޙައްމަދު އިޔާޒަށް ދެއްވުމެވެ.

Ads by Allied Insurance
  1. އަޙްމަުު ހާމިދު

    ޑރ އޔާޒާ ބައްދަލުވި ކޮންމެ މީހާކަށްވެސް އެނގޭނެ ޑރ ގެ ގޮތްވަރަށް ހިތްތިރި ޚުލްޤު ހެޔޮ ބޭފުޅެއް.
    މާތް ﷲ ޝެއިޚްގެ އަޖުރުމަތިވެރި ކުރައްވާ ޙައްޤުމަގުގައި ޘާބިތުކުރައްވާށި.

    • ހެޔޮއެދޭ

      މާޝާﷲ. ވ ވ މޮޅު އުސްތާޒެއް. އުސްތާޒު ކިޔަވައި ދެއްވި ބެޗްލާސް ކޯހެއް އަޅުގަނޑު ފުރިހަމަކުރިން. ވ ތެދުވެރި ޚުލްޤު ހެޔޮ އަމާނާތްތެރި ބޭފުޅެއް އުސްތާޒް އަކީ. އުސްތާޒްގެ ޢުމުރުގައި މާތްﷲ ބަރަކާތް ލައްވާށި!

  2. ދަރިވަރު

    އަސްލު ވެސް ވަރަށް ހިތްހެޔޮ ބޭފުޅެއް
    ޙައްޤު ބަސް ވިދާޅުވުމުގައި ޖެެހިލުންްކުޑަ ފަހުލަވާނެއް.
    މާާޝާ ﷲ

  3. ޒިފާފް

    ތި ވައިބަރ ގްރޫޕް ތަަކުން ދީނީ އިލްމް ރާއްޖޭގެ ގިނަބަޔަކަށް ރީޗް ވެފައިވާ ވާކަން ފާހަގަވޭ. މިހާބޮޑު އޯޑިއެންސް އަކަށް ރީޗް ވުމަކީ ތިޔަމަސައްކަތުގެ ކުރިއެރުން. ޥަރަށް ގިނަ މީހުންތަކަކަށް ތިކަމުންވާ ފަސޭހަ އަށް ޓަކައި ސުކުރު ދަންނަވަން. ތިޔަ މަސައްކަތުގައި ބަރަކާތް ލައްވާށި. ޢާމީން.

  4. މުހައްމަދު

    ޢިލްމުވެރިޔާގެ ޖަވާބު ލިބޭނެ ފަސޭހަ މަގުތަކެއް ހޯދާ ދިނުމުން އޭގެ ފަސޭހަ ގިނަ މީހުން ބޭނުން ކުރާކަންަ ފާހަގަވެއެވެ. ވައިބަރ ކޮމިއުނިޓީ ލައިވް ގައި ރޯދަ މަހުގެ ކުރިން ޖަވާބު ވަރަށް އަވަހެވެ.
    ރޯދަމަހު ބައެއް ޖަވާބު ލިބޭލެއް ކުރިޔަށްވުރެ ލަހެވެ. ރޯދަމަސް ވީމާ މިހެންވަނީ ކަމަށް ލަފާކުރެވެނީ. ނަމަވެސް ބައެއް ޖަވާބު ހަމަވަގުތުންވަގުތަށް ވެސް އެބަ ލިބެއެވެ. ވީމާ މިރޯދަ މަހު ކުރިޔަށްވުރެ ލަސްަކަމެއް ބައެއްޖަވާބު ލިބުމުގައި އުޅޭތީ ސެއިހް އަށް މިކަންަ އަންގާލަމެވެ.

    ށެއިހް ތިޔަ ކުރައްވާ މަސަައްކަތުގެ ފައިދާ އަޅުގަޑުގެ އާއިލާ އަދި ރައްޓެހިންނަށްވެސް ނުހަނު ބޮޑުކޮށް ކުރާކަންވެސް އުފަލާއެކު މިވަގުތުގައި ފާހަގަ ކުރަމެވެ. ވައްސަލާމް