ބިދޭސީން މުޒާހަރާ ކުރަނީ މުސާރަ ނުލިބިގެނެއް ނޫން، އަޑީގައި ބަޔަކު ތިބެގެން: މާރިޔާ
ބިދޭސީން، މުޒާހަރާކޮށް ހަމަނުޖެހުން ހިންގަނީ، މުސާރަ ނުލިބިގެނެއް ނޫން ކަމަށާއި، އެކަމުގެ ފަހަތުގައި ފޮރުވިފައިވާ އެހެން ސަބަބުތަކެއްވާކަން ގަބޫލު ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ބިދޭސީންގެ މައްސަލައާ ގުޅިގެން ޤައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީއަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މާރިއާ ވިދާޅުވީ، ބިދޭސީން މުޒާހަރާކޮށް، ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިނުމުގެ މައްސަލައަކީ ގައުމީ ސަލާމަތާ ގުޅޭ ކަމެއް ކަމަށާއި އެކަން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިގޮތަށް ބިދޭސީން މުޒާހަރާ ކުރާ އެހެން ސަބަބުތަކެއްވާކަން ގަބޫލު ކުރެވޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.
ބ. ބޮޑުފިނޮޅުގައި ދާދިފަހުން ހިނގައި ދިޔަ މައްސަލައަށް ބަލާނަމަ އެމީހުން ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދީފައިވާކަމަށާއި، ދެން އެއާއި ޖެހިގެން އައި ދުވަހު ކޫއްޑޫގެ މައްސަލާގައި ބިދޭސީން ބުނީ ރަށަށްދާން ބޭނުންވާ ވާހަކަ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެން ކަމުން އެމީހުން އުޅެނީ ކޮންމެހެން މުސާރަ ނުލިބިން މުސާރައިގެ ހައްގުގައި ނޫންކަން ސާބިތުވާކަމަށް މާރިޔާ ވިދާޅުވިއެވެ.
"ބޮޑުފިނޮޅުގަވެސް ފާހަގަ ކުރެވެނީ ހަމަ ފުލުހުންނަށް އެމީހުން ހަމަލާ އެދެނީ ހަމަ އެހެންމެ ހުޅުމާލޭގައި އެ ހިންގި ހަމަނުޖެހުމުގައިވެސް ހަމަ ފެނިގެން ދިޔައީ ފުލުހުންނަށް ހަމަލާ ދިން މަންޒަރު. ކޫއްޑޫގެ މައްސަލައަށް ބަލާނަމަ، އެމީހުން ބުނަނީ ރަށަށް ދާން ބޭނުމޭ. ހެރެތެރެ މައްސަލައަށް ބަލާނަމަ، އެމީހުންވެސް ބުނީ ރަށަށް ދާން ބޭނުމޭ. އެހެންވީމަ މިއުޅެނީ މުސާރަ ނުލިބިގެން، ހައްގުތައް ނުލިބިގެން އެއް ނޫން،" މާރިޔާ ވިދާޅުވި އެވެ.
އޭގެ އިތުރުން ދާދި ފަހުން ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފަން މުޒާރަހަރާކޮށް، ފުލުހުންނަށް ހަމަލާ ދިނީ، އެމީހުންނަށް "ކޮންމެވެސް ވަރަކަށް މުސާރަ ދެމުން، ވާހަކަދެކެވެމުން ދަނިކޮށް،" ކަމަށެވެ.
"މިއީ ގައުމީ ސަލަމާތާ ގުޅޭ ކަންކަން. ކޮންމެެހެން މުސާރަ ނުލިބިގެން، ހައްގެއް ހޯދާކަށް ނުކުންނަނީއެއް ނޫން. ފޮރުވިފައިވާ ފަރާތްތަކެއްވާކަން ގަބޫލު ކުރެވޭ،" މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ ބައެއް ފަހަރު މިއީ އިންސާނީ ވަގުފާރީގެ ގޮތުގައި ސޯޝަލް މީޑިއާގައި، ވާހަކަ ދެކެވެމުން އަންނަ ކަމަށާއި، އަދި ގާނޫނުގައިވެސް ޔޫއެން ޕްރޮޓޮކޯލުގައިވެސް މިފަދައިން ނޯންނަ ކަމަށް މާރިޔާ ވިދާޅުވިއެވެ.