ވައިގަދަވެ ގަހެއް ވެއްޓިގެން ޓިކްޓޮކް ތަރިއެއް މަރުވެއްޖެ

އެމެރިކާގައި ވައި ގަދަވެ ގަހެއް ވެއްޓި، ޓިކްޓޮކް ތަރިއެއް ކަމަށްވާ “ރޮޝެލް ހެގާ” ނަމަކަށް ކިޔާ މީހަކު މަރުވެއްޖެއެވެ.
“ރުއޯބޯޓް 3” ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓެއް ހުޅުވައިގެން އުޅޭ މި މީހާގެ އުމުރަކީ 31 އަހަރެވެ. މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މީނާ އަކީ މޮޅުކޮށް ކައްކާ ވެސް މީހެކެވެ. މީގެ އިތުރުން މީނާ މަރުވެފައި ވަނީ ވެސް ޓިކްޓޮކް ވީޑިއޯއެއް ހަދަން އުޅުމުގެ ތެރޭގައި ކަމަށް ވެސް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
މި އަންހެން މީހާ ދުއްވަމުން ދިޔަ ކާރުގައި އިތުރު މީހަކު އިން ނަމަވެސް އެ މީހާއަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި މީޑިއާތަކުން އޭނާއާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އެ ކާރު އެކްސިޑެންޓު ވުމާއެކު ރޮޝެލް ވަނީ ވަގުތުން މަރުވެފައެވެ.
ރޮޝެލްގެ ޓިކްޓޮކް އެކައުންޓުގައި 150،000 އަށް ވުރެ ގިނަ މީހުން ފޮލޯ ކޮށްފައި ވެއެވެ.
ޓިކްޓޮކް ކުޅުމާއި ފޮޓޯ ނެގުން ފަދަ ކަންކަމުގައި އެތައް ބަޔަކަށް އެކި ވަރުގެ ގެއްލުން ލިބި އެތައް ބަޔަކު މަރުވެފައި ވެސް ވެއެވެ. އަދި މި ފަދަ ވީޑިއޯތައް ހެދުމުގައި އެކި މީހުންގެ މުދަލަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބެމުން ދެއެވެ. މި ކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން ދަނީ ވީޑިއޯތައް ހެދުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވައިލަމުންނެވެ.