ޙަޤީޤީ ލޯތްބަކީ ދީނީ ވާޖިބުތައް އަދާ ކުރުމަށް އެކަކު އަނެކަކަށް ބާރުއެޅުން
ލޯތްބަކީ ހަމައެކަނި ދެމަފިރިން އެކަކު އަނެކަކު ދެކެ "އައި ލަވް ޔޫ" ބުނެ އެކު އެކީގައި އުޅުމެއް ނޫނެވެ. އެއީ އެކަކު އަނެކަކު ދީނީ ވާޖިބުތައް ފުރިހަމައަށް އަދާ ކުރަން ބާރު އަޅާ، މާތް ﷲ އާއި އެކަލާނގެ އަޅާއާ ދެމެދު އޮންނަންވާ ގުޅުން އެންމެ ބޮޑަށް ވަރުގަދަ ކުރުމަށް ވެސް ބާރު އެޅުމެވެ. މިވާހަކައިން ވެސް އެކަން ވަރަށް ބޮޑަށް ދޭހަވެއެވެ.
އެއް ދުވަހަކު ފިރިއަކު މަސައްކަތް ނިންމައިފައި ގެއަށް އައުމަށް ފަހު އޭނާގެ އަނބިމީހާ ގާތު އެއްސެވެ. ކަނބުލޭގެ ޢަސްރު ނަމާދު ކޮށްފިން ހެއްޔެވެ.
ޖަވާބުގައި އޭނާގެ އަނބިމީހާ ބުންޏެވެ. ނޫނެކެވެ.
"ކީއްވެ" ފިރިމީހާ ސުވާލު ކުރުމުން އަނބިމީހާ ބުންޏެވެ.
"މަސައްކަތު ގޮސްފައި އައި އިރު އަހަރެން ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި. އެހެންވެ ކުޑަކޮށް ނިދާލީ"
އަނބިމީހާގެ މި ޖަވާބާ މެދު ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް ފިރިމީހާ ހަމައެކަނި އޭނާ ގާތު ބުނީ ޢިޝާ ނަމާދަށް ބަންގި ގޮވުމުގެ ކުރިން ގޮސް މަޣްރިބް ނަމާދު ކުރުމަށެވެ. އަދި ޢަސްރު ނަމާދު ޤަޟާ ކުރުމަށެވެ.
އޭގެ އަނެއް ދުވަހެވެ. ވިޔަފާރި ދަތުރެއްގައި ފިރިމީހާއަށް ޖެހުނީ ކައިރި އަވަށަކަށް ފުރާށެވެ. ފިރިމީހާގެ ފްލައިޓު ޖައްސަން އޮތް ގަޑި ފަހަނައަޅައި، އެތައް އިރެއްވީ އިރު ވެސް އޭނާގެ އެއްވެސް ޚަބަރެއް އަނބިމީހާއަކަށް ނުވިއެވެ.
ފިރިމީހާއަކީ ދަތުރެއްގައި ދާނަމަ މަންޒިލަށް ދެވުމާއެކު ރައްކާތެރިކަމާ އެކީ މަންޒިލަށް ފޯރައިފިކަން އަނބިމީހާއަށް އަންގާ މީހެކެވެ. ނަމަވެސް އެފަހަރު ފިރިމީހާގެ ފޯނު ކޯލެއް ވެސް އަދި މެސެޖެއް ވެސް ނައުމުން އަނބިމީހާ ވަރަށް ކަންބޮޑުވިއެވެ. އަދި އެތައް ފަހަރަކު ފިރިމީހާގެ ފޯނަށް ގުޅިއެވެ. ނަމަވެސް އަނބިމީހާގެ ކޯލުތަކަކަށް ޖަވާބެއް ނުލިބުނެވެ.
ފިރިމީހާއަށް ކޮންމެވެސް ކަމެއް ވެއްޖެއޭ ހިތައި އަނބިމީހާ ވަރަށް ހާސްވިއެވެ. އެ ޙާލުގައި އިންދާ، ގަޑިއިރުތަކެއް ފަހުން ފިރިމީހާގެ ފޯނު ކޯލެއް އައެވެ.
"ސަލާމަތުން ދެވުނުތަ؟" އަނބިމީހާ އެންމެ ފުރަތަމަ ވެސް އަހާލިއެވެ.
"އާނ. އަލްޙަމްދުލިﷲ" ވަރަށް ހަމަޖެހިލައިފައި ފިރިމީހާ ޖަވާބު ދިނެވެ.
"ކޮން އިރަކު ދެވުނީ" ފިރިމީހާގެ ޚަބަރެއް ނުވެ ގިނައިރުތަކެއް ވުމުން އަނބިމީހާ އެނގެން ބޭނުންވިއެވެ.
"މީގެ ހަތަރު ގަޑިއިރު ކުރިން" އަނެއްކާވެސް ހަމަޖެހިލައިފައި ފިރިމީހާ ޖަވާބު ދިނެވެ. ނަމަވެސް ފިރިމީހާގެ އެ ޖަވާބުން އަނބިމީހާ ހިތްހަމަ ނުޖެހި ރުޅިއައެވެ.
"ހަތަރު ގަޑިއިރު ކުރިން ދެވުނު އިރު ކީއްވެ އަހަންނަށް ނުގުޅީ؟ އަހަރެން ވަރަށް ގުޅިން ، ފޯނު ރިންގުވާ އަޑެއް ނުއިވޭތަ؟"
"ނޫން، އިވުނު. އަހަރެން ހުރީ ވަރުބަލިވެފައި. އެހެންވެ ނިދާލީ."
"އަހަރެން ފޯނު ކުރި އިރު އެއަޑު އިވުނު އިރު ވެސް ޖަވާބު ނުދިނީ؟ އަހަރެންގެ ކޯލު މުހިންމެއް ނޫންތަ؟ އަހަރެން ހާދަ ހާހެއް ވިއޭ" ވަރަށް ރުޅި އައިސް، ހަމައެހާމެ ދެރަވެ ހުރެ އަނބިމީހާ ޝަކުވާ ކުރިއެވެ.
"ކަނބުލޭގެ ގުޅާ ފޯނު ކޯލުތައް އަހަންނަށް މުހިންމު. އެކަމަކު، ކަނބުލޭގެއަށް އިއްޔެ ޢަސްރު ނަމާދަށް ބަންގި ގޮވި އަޑު ނުއިވޭތަ؟ އެކަމަކު ނަމާދު ކުރުމަށް ވުރެ ކަނބުލޭގެއަށް ވެސް މުހިންމުވީ ނިދައިލުން ނޫންތަ؟ ބަންގިއަކީ މާތް ﷲގެ ގޮވުން."
ފިރިމީހާ އެހެން ބުނުމުން އަނބިމީހާއަށް ރޮވިއްޖެއެވެ. އަދި އޭނާއަށް ވިސްނައިދޭން އުޅުނު ކަންތައް ވިސްނިއްޖޭ ބުނެ ފިރިމީހާގެ ކިބައިން މާފަށް އެދުނެވެ.
"ކަނބުލޭގެ މާފަށް އެދެންވީ އަހަރެންގެ ކިބައިންނެއް ނޫން. އެންމެ ފުރަމަތަ ފާފަ ފުއްސެވުން އެދި ދުޢާ ކުރަންވީ ހެއްދެވި ފަރާތުގެ ހަޟްރަތުން. އަހަރެން ބޭނުމީ ދެ ދުނިޔޭގައި ވެސް ކަނބުލޭގެ އަހަރެންގެ ހަޔާތުގެ ބައިވެރިޔާ ކަމުގައިވުން. އަދި ސުވަރުގޭގައި އަހަރުމެން ދެމަފިރިންނަށް އެކުއެކީގައި ދިރިއުޅެވޭނެ ގަނޑުވަރެއް ބިނާ ކުރެވުން"
ޙަޤީޤީ ލޯތްބަކީ މިފަދަ ލޯތްބެކެވެ. ހަނދާން ނެތުމާއި ފަރުވާ ކުޑަވުމުގެ ސަބަބުން އުނިވާ ކަންކަން ފޫބައްދައިދީ ހަމަ މަގަށް އެޅުވުމަށް އެހީތެރިވެދިނުމެވެ. އައިލަވްޔޫއާ އެކު އަހަރެން ތިބާއަށް ޓަކައި ހެޔޮ ދުޢާ ކުރަމޭ ވެސް ބުނުމެވެ.