ފުލުހުންގެ ފަރާތުން 7 ފެބުރުއަރީގައި ހިންގި ފަދަ ކަމެއް ދެން ހިންގާނެ ކަމަށް ގަބޫލެއް ނުކުރަން: ސީޕީ
ފުލުހުންގެ މުއައްސަސާއިން ހަތެއް ފެބުރުއަރީގައި ހިންގި ފަދަ ކަމެއް ދެން ހިންގާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކޮމިޝަނަރު އޮފް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓި 2012 ވަނަ އަހަރުގެ ހަތެއް އަދި އަށެއް ފެބުރުއަރީގައި ހިނގާ ދިޔަ ކަންމުގައި ފުލުހުންގެ ފަރާތުން ގާނޫނަށް ހިލާފަށް އަމަލު ކުރި ފުލުހުންނަށް މިހާރު ތިބީ ވިސްނިފައި ކަމަށެވެ.
ހަމީދު ވިދާޅުވީ އެ ދުވަހު ހިނގާދިޔަ ކަމެއް ފުލުހުންގެ ބަޔަކު ހިމެނިގެން ދެން ކުރާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ސީޕީ ގަބޫލުކުރައްވާ ގޮތުގައި ފުލުހުންގެ ތެރެއިން އެދުވަހު ވަކި ޖޯޝެއްގައި ވަކި ރޫހެއްގައި ވަކި ޖަޒުބާތެއްގައި ކަންތައްތަކެއް ކުރި ފުލުހުންނަށް މިއަދު އެ މުއައްސަސާގައި ތިބި ކަމަށްވާ ނަމަ ތިބޭނީ ވިސްނިފައި ކަމަށެވެ.
ހަމީދު ވިދާޅުވީ ދައުލަތް ހިނގަން ވާގޮތް ބުނަން ޖެހޭނީ ފުލުހުން ނޫން ކަމަށާއި ގާނޫނުތައް އޮންނަން ވާގޮތާއި ވެރިކަމުގައި ހުންނާނެ މީހަކު ކަނޑައަޅާނީވެސް ފުލުހުން ނޫން ކަމަށެވެ.
އޭރުގެ އިިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މުޒާހަރާތަކަށްފަހު، އައި ޕްރެޝަރާއެކު އޭރުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ރައީސް ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވީ، ފެބްރުއަރީ، 7، 2012 ގައެވެ. އެމަނިކުފާނާއި އެމްޑީޕީން ސިފަ ކުރައްވާ ގޮތުން އެއީ ބަޣާވާތެކެވެ.
އެ މައްސަލަ ބެލުމަށް އޭރުގެ ޑރ. ވަހީދުގެ ސަރުކާރުން އެކުލަވާލި، ރިޔާސީ ކޮމިޝަންގެ ކޯނީ ރިޕޯޓުގައި ނިންމާފައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީން ވަނީ އެ ރިޕޯޓު ބަލައި ނުގަންނަ ކަމަށް ބުނެފައެވެ.
ނަޝީދު އަދިވެސް އަންނަނީ ހަތެއް ފެބްރުއަރީގައި 2012 ގައި އެމަނިކުފާނުގެ ސަރުކާރު ވެއްޓުނު ގޮތް ތަހުގީގު ކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ.