ހަގީގީ ހާދިސާ

ހަގީގީ ހާދިސާ: އެކުގައި ވަރަށް ގިނަ ދުވަހު އުޅެފައި، ބޭވަފާތެރިވީ ފޭސްބުކް ޕާސްވޯޑް ނުދީގެން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ދިވެހި އަންހެނަކާއި ފިރިހެނަކަށް ދިމާވި ޙަޤީޤީ ހާދިސާއެކެވެ.

Ads by STELCO

ނަން ހާމަ ކުރަން ބޭނުން ނުވާ އެ ފިރިހެން މީހާ، އޭނާގެ ތިން އަހަރުވީ ލޯބީގެ ގުޅުން ނިމުނު ގޮތުގެ ވާހަކަ ކިޔައި ދިނީ ވަރަށް ހިނި އައިސްފައި ހުރެއެވެ. ހިނި ނާންނަންވީ ސަބަބެއް ވެސް ނެތެވެ. ޙަޤީޤަތުގައި ވެސް އެވާހަކަ ވަރަށް މަޖާ ވެފައި ސަބަބު ވަރަށް ކޫސަންޏެވެ.

"އަހަންނާއި އެ އަންހެން ކުއްޖާއާ އެންމެ ފުރަތަމަ ދިމާވީ ފޭސްބުކުންނެވެ. ދެ މީހުން އެންމެ ފުރަތަމަ ޗެޓު ކޮށްފައި، ވަކިވަރަކަށް ގާތްވުމުން، ނަންބަރު ލިބި ފަހުން ދިމާ ވެސް ވީއެވެ. ދެން ލައިކްވާ ގޮތްތަކެއް ހުރީމައި، ތަންކޮޅެއް ގިނައިން ދިމާވެ، އެންމެ ފަހުން ދެ މީހުން ލޯބީގެ ގޮތުން ގުޅުނީއެވެ.

ލޯބީގެ ގޮތުން ގުޅިގެން އޭގެ ދެ އަހަރުވަރު ފަހުން، އޭނަގެ މިޒާޖު ވަރަށް ބޮޑަށް ބަދަލުވާން ފެށިއެވެ. އަބަދުމެ ކަމަކީ ޝަކުވާ ކުރުމެވެ. އަހަންނަކީ ޒިންމާދާރު ވަޒީފާއެއް އަދާ ކުރާ މީހަކަށްވާތީ، ވަޒީފާގެ ގޮތުން ބައެއް ހަފްތާތަކުގައި އޭނައާއި ބައްދަލު ވެސް ނުވެވޭ ދުވަސްތައް އާދެއެވެ. އެފަދަ ދުވަސްތަކުގައި އޭނައަށް ހީވަނީ ގަސްތުގައި އަހަރެން އޭނައާ ދިމާނުވާން އުޅެނީ ކަމަށެވެ. އެންމެ ބިޒީ ގަޑީގައި ވެސް ގުޅާފާނެއެވެ. ނުވަތަ މެސެޖު ކޮށްފާނެއެވެ. އެވަގުތުގެ ގޮތުން ޖަވާބު ނުދެވިއްޖެނަމަ، ދެން ފަހުން ފޯނު ބަލާލާއިރު އޮންނަނީ ސަތޭކަ އެއްހާ މެސެޖު ކޮށްފައެވެ.

ރީތިކޮށް އޭނާގާތު އެގޮތަށް ކަންތައް ނުކުރަން ބުނީމެވެ. އަދި އެއީ އަހަންނަށް ވެސް އޭނައަށް ވަގުތު ނުދެވޭތީކަން ޤަބޫލުކޮށް، ހުސް ވަގުތެއް ވުމުން އޭނާއަށް ގުޅައި ހާލު ބަލައި ހަދަން ފެށީމެވެ. އޭނާ ކިތަންމެ ގިނަ ޝަކުވާއެއް ކުރިކަމުގައި ވިޔަސް ރުޅި އައިސްގެން އެއްޗެއް ނުބުނަމެވެ. ބަދަލުގައި އަހަރެން ބެލީ ވިސްނައި ދެވޭތޯއެވެ. އަދި ހީކުރީ ވިސްނުނު ކަމަށެވެ.

އެފަދަ ހާލެއްގައި އުޅެނިކޮށް އޭނާއަށް ޖެހުނީ ދެހަފްތާއަށް އޭނާގެ މަންމައާއެކު ރަށަށް ދާށެވެ. ފުރައިގެން ދިޔައީ ވެސް ތިމަންނާ މަތިން ފޫހި ނުވައްޗޭ އެހެން 'ބިޓެއް' ނުނަގައްޗޭ ކިޔައި އާދޭސް ކޮށްފައެވެ. އޭނާ ނެތަސް ވަފާތެރިވާނެ ކަމަށް އަހަރެން ބުނީމެވެ.

އޭނާ ފުރައިގެން ދިޔަ ފުރަތަމަ ތިން ދުވަހު ވަރަށް ވެސް ރަނގަޅެވެ. ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. ނަމަވެސް ހަތަރުވަނައަށް ވީދުވަހު އަނެއްކާ ވެސް އަހަންނަށް ޖެހުނީ ކަންތައްގަނޑެއްގައި އޮފީހުގައި ބިޒީ ވާށެވެ. އެހެންކަމުން އަނެއްކާ ވެސް އަހަންނާއި އޭނައަށް ވާހަކަ ދެއްކޭވަރު މަދުވިއެވެ. ކުރިން ކުރި ޝަކުވާތައް އަނެއްކާ ވެސް އޭނާ ކުރަން ފެށިއެވެ.

އޮފީހުގެ މީޓީންގ ތަކުގައި އެންމެ ބިޒީވެފައި އިންނަ ގަޑީގައިވެސް ހުއްޓައި ނުލައި ގުޅައެވެ. ބިޒީއޭ ފަހުން ގުޅާނަމޭ ބުނެ މެސެޖެއް ކުރިޔަސް އޭނާގެ ޖަވާބު ހުންނަނީ، 'ހޫނ މިހާރު އަހަރެން ކައިރީގައި ނެތީމަ އެހެން ކަންތައްތައް ކުރަން ބިޒީ ވަނީ ދޯ. ކާކާ އެކީ ތިއުޅެނީ' މިފަދަ ގޮތަކަށެވެ. މިހެން ކަންތައް ވާން ފެށުމުން އަހަރެން ވެސް ފުދޭ ވަރަކަށް ހިތްހަމަ ނުޖެހެން ފެށިއެވެ. މަސައްކަތުގައި ބިޒީވެ ވަރުބަލިވެފައި ހުންނަ ގަޑީގައި އިތުރަށް ބޯ ނުގޮށްވަބަލާށޭ އެއްދުވަހު އޭނާ އާ ދިމާލަށް ބުނެވުނެވެ.

އަހަރެން ހީކުރީ އަހަރެން ހިތްހަމަ ނުޖެހުމުން އޭނާ އެ ގޮތްގަނޑު ހުއްޓައިލައި ރަނގަޅު ވާނެ ކަމަށެވެ. ނަމަވެސް ކަންތައް އެއަށްވުރެ ގޯސް ވިއެވެ. އޭނާ ދެން އަހަރެން ކައިރީ ބުނީ އަހަރެންގެ ފޭސްބުކް ޕާސްވޯޑް ދިނުމަށެވެ. އެހިސާބަށް ކަންތައް ދިޔުމުން އަހަރެން ރުޅިއައެވެ. ކީއްކުރަން ހޯދައި ޕާސްވޯޑެއްހޭ އެހުމުން އޭނާ ބުނީ، އެއީ އަހަރެން ބަދަލުވާތީ އެހެން ކުއްޖަކާ ވާހަކަ ދައްކަނީއޭ އޭނާއަށް ހީވާތީ ކަމަށެވެ.

އަހަންނަށް އެ ދުވަހު ހުރެވުން ތަންވެސް ނޭނގެއެވެ. ޕާސްވޯޑެއް ނުލިބޭނޭ، ތީދެން ތަންކޮޅެއް ބޮޑުވަރޭ، މަ ހުންނަންވީ ބުނާހާ ކަމެއް ކޮށްގެން ދަށުވެފަހޭ އޭނާ ގާތު އެހީމެވެ. އަދި އަހަންނަށް ތިވަރަށް އިތުބާރު ނުކުރަނީ ކީއްވެހޭ، ތިހެން ނޫޅެ ތަންކޮޅެއް ހަމަޖެހޭށޭ ވެސް އޭނައާ ދިމާލަށް ބުނެ ފޯނު ކަނޑާލީމެވެ. އެދުވަހު ޙަޤީޤަތުގައިވެސް އަހަރެން ވަރަށް ރުޅިއައެވެ. މައްސަލައަކީ ޕާސްވޯޑެއް ނޫނެވެ. އަހަރެން އެ ވަރަށް އުޅުނުއިރު ވެސް އޭނާ އަހަންނަށް އަބަދު ޝައްކުކޮށް ޝަކުވާ ކުރާތީއެވެ. އިންސާނުންނަށް ކެތްވާނީ ވެސް ވަކި ވަރަކަށް ނޫން ހެއްޔެވެ.

އެ މައްސަލައިގައި ދެ ދުވަސް ވަންދެން ދެ މީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ތިބީމެވެ. އަހަރެން ވެސް ތަންކޮޅެއް ރުޅިމަޑުވެ، އޭނާއާ ދިމާލަށް އެގޮތަށް ހަޅޭލަވަން ނުވާނޭ ހިތަށް އެރިއެވެ. އެހެންކަމުން އޭނާ މާލެއަށް އަންނަން އޮތް ދުވަހުގެ ކުރީ ދުވަހު އޭނައަށް ގުޅީމެވެ. އަދި މާފަށް އެދި، އޭނަ ބަލައި އެއާޕޯޓަށް ދާނެ ކަމަށްވެސް ބުނީމެވެ.

އޭނަ ވާހަކަ ދެއްކީ ވަރަށް ފާޑަކަށެވެ. މާގިނައިރު ފޯނުގައި ނުވެސް ހުރެއެވެ. އެއާރޕޯޓަށް ވެސް ނާންނަން ބުންޏެވެ.

އަަހަރެން ހީކުރީ އެއީ އަހަރެންދެކެ އަދިވެސް ރުޅި އައިސްގެން ބުނި އެއްޗެއް ކަމަށެވެ. އެހެންވެ، އަމިއްލައަކަށް އެމީހުންގެ ފްލައިޓު ޖައްސާ ގަޑި ހޯދައި، މާ ބޮނޑިއަކާއި 'ސޮރީ' ޖަހާފައިވާ ހިތެއް ހިފައިގެން އިން ޓެޑީބެއަރއެއް ހިފައިގެން އަހަރެން ދިޔައީ އެއާޕޯޓަށެވެ. ލޯބިވެރިޔާ އާދޭތޯ އެތާ ހުއްޓައި، މާދުރުން އަހަންނަށް ފެނުނީ ވަރަށް ލޯބިން އަތާއި އަތް ގުޅުވާލައިގެން ދެ މީހަކު އަންނަނިކޮށެވެ. އެމީހުން ހާދަ ރޮމޭންޓިކް އޭ ހިތަށް އަރާފައި ހުއްޓައި، ސާފުކޮށް ފެންނަވަރަށް އެމީހުން ގާތްވުމުން ރަނގަޅަށް ބަލާލިއިރު ކަމަކުދާކަށް ނެތެވެ. އަހަރެންގެ މޭގަނޑު ހީވީ އަތަށް އައި ހެންނެވެ. އެހެން ފިރިހެނެއްގެ އަތުގައި ހިފައިގެން ހުރީ އެހެން ދެވަނަ މީހެއް ވެސް ނޫނެވެ. އަހަރެންގެ ލޯބިވެރިޔާއެވެ.

އޭނާއަށް ވެސް އަހަރެން ފެނުނެވެ. އަދި ހުރި ފިޔަވަޅު މަތީގައި ހުއްޓުނެވެ. އެތާ އިތުރަށް ހުންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ބެންޗެއްގެ މަތީގައި ޓެޑީބެއަރ އާއި މާ ބޮނޑި ބާއްވާފައި އަހަރެން އެރީ ހުޅުމާލެއަށް ދާ ބަހަށެވެ. އެތަނަށް ގޮސް ފެރީން މާލެ ދިޔައީމެވެ.

އަހަންނަށް އޭނާ ވަރަށް ގުޅިއެވެ. ނަމަވެސް ފުރަތަމަ އަހަރެން އޭނާގެ ކޯލެއް ނުނަގަމެވެ. ވާހަކަ ދައްކަން ބޭނުމެއް ނުވިއެވެ. ނަމަވެސް ފަހުން ހިތަށް އެރީ އޭނާ އެހެން ހެދި ސަބަބު އަޑު އެހުމަށެވެ. އެހެންވެ އޭނަ ގުޅީމަ، ބޭވަފާތެރިވީ ކީއްވެތޯ، ހަމައެކަނި އެ ސަބަބު ބުނެލަދޭން އެދުނީމައެވެ. އޭނަގެ ޖަވާބު އަދިވެސް ހަނދާން އެބަ ހުއްޓެވެ.

'އެއީ އަހަރެން އެވަރަށް ކީމަވެސް އެފް.ބީ ޕާސްވޯޑް ނުދިނީމަ' މިއީ އޭނާގެ ޖަވާބެވެ. ބޭވަފާތެރިވާން އޭނާ ނެގި އުޒުރެވެ. ދެން އަހަންނަށް ނުގުޅަން ބުނެ އެދުވަހު އޭނާގެ ނަންބަރު ބްލޮކް ކޮށްލި ގޮތަށް އަދިވެސް އިންނާނީ ބްލޮކް ކޮށްލާފައެވެ."

  1. ޙހހހ

    ހިތަށް އަރާ ތި އަންހެން ކުއްޖާ އުޅޭ ގޮތަށް އުޅޭ މީހުން އެހެން އުޅެނީ ބައްޔެއްގެ ސަބަބުން ބާވައޭ. އަހަރެންގެ ތަޖުރިބާ އަށް ބަލާފަ ބުނެވޭނީ ތި އަންހެން ކުއްޖާ އަމިއްލައަށް ރުޅިވުން އެއީ ނަސީބެކޭ. ތީގަ ތި އުޅޭ ކަހަލަ މީހުންނާ އެއްކޮށް އުޅޭ މީހުން ތިބެން ޖެހެނީ ވިސްނާ ވިސްނާ ސިކުޑި ގޮވާފަ