ބޮލީވުޑް

ދެވަނަ ދަރިއެއް ލިބުމުން ދެ ދަރިން ހަމަހަމަ ކަމާއެކީ ގެންގުޅުންވީ ބޮޑު ގޮންޖެހުމަކަށް: ޝިލްޕާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝިލްޕާ ޝެޓީ ކުންދްރާ ދާދި ފަހުން ވަނީ އޭނަގެ އަމިއްލަ ދިރިއުޅުމާ ބެހޭ ބައެއް ވާހަކަތައް އާންމުންނާ ހިއްސާ ކޮށްފައެވެ.

Ads by MWSC

އެގޮތުން ޝިލްޕާ ވަނީ އޭނަގެ ދެ ދަރިން ކަމުގައިވާ ވިއާންއާ ސަމީޝާ އާއި ބެހޭ ގޮތުން ވެސް ބައެއް ވާހަކަތައް ހިއްސާކޮށް، އެ ކުދިންގެ ކަންކަން ބަލަހައްޓާ ބައެއް ގޮތްތައް ވެސް ކިޔައިދީފައެވެ.

އިންޑިއާގެ ނޫހަކަށް ބަސްދީގަތުމެއް ދެމުން ޝިލްޕާ ބުނީ، ހަގު ދަރިފުޅު ސަމީޝާ ލިބުނު ފަހުން ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވީ ދެ ދަރިންގެ މެދުގައި ހަމަހަމައަށް ކަންތައް ކުރުން ކަމަށެވެ.

"އަހަރެންގެ ދޮށީ ދަރިފުޅު ވިއާންއަށް މިހާރު 8 އަހަރު. ކުޑަ ދަރިފުޅު ސަމީޝާއަށް އަހަރެއް އެ ވީ. ސަމީޝާގެ ކަންކަމުގައި ބިޒީވެ، އޭނާއަށް ބޮޑަށް ސަމާލުކަން ދޭން ޖެހުން ނަމަވެސް ވިއާންއަށް ވެސް ހަމަހަމަ ކަމާއެކު ކަންތައް ކޮށްދެވޭތޯ ބެލިން. އެއީ އިތުރު ކުއްޖަކު އައުމުން ވިއާން ބާކީ ވެއްޖެކަމުގެ އިޙުސާސް ކޮށްދޭން ބޭނުން ނުވާތީ. އެކަންވީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމަކަށް" ޝިލްޕާ ބުންޏެވެ.

ޝިލްޕާ ކުރިން ބުނެފައިވާ ގޮތުގައި ވިއާން ލިބުނު ފަހުން އިތުރު ދަރިއަކު ހޯދުމަށް އޭނާއާއި އޭނަގެ ފިރިމީހާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ފަސް އަހަރު ފަހުން ވެސް އެކަން ނުވުމުން، އެ ދެމަފިރިން ސަމީޝާ ހޯދީ ސަރޮގަސީ މެދުވެރިކޮށެވެ. ޝިލްޕާ އާއި ރާޖް ކުންދްރާއަށް ސަމީޝާ ލިބުނީ 15 ފެބްރުއަރީ 2020 ގައެވެ.

އެކްޓު ކުރުމާ ދުރުގައި 13 އަހަރު ހުރުމަށް ފަހު އަނެއްކާ ވެސް ޝިލްޕާ ތައްޔާރުވަމުން ދަނީ ފިލްމީ ދާއިރާއަށް އެނބުރި އައުމަށެވެ. އެގޮތުން ސަބީރް ޚާން ގެ "ނިކަންމާ" އިން ޝިލްޕާ ވަރަށް އަވަހަށް ފެންނާނެ ކަމަށާއި "ހަންގާމާ 2" އިން ވެސް ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!