ޚަބަރު

ރޭޕްއާ ދެކޮޅަށް މުޒާހަރާ ކުރި 10 މީހުން ދޫކޮށްލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: ވަގުތު

ރ. މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލައިގައި ތުހުމަތުވާ މީހުން ހައްޔަރު ކުރަން ގޮވާލާ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara

ފުލުހުން ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ނުވަ މީހުންގެ ބަންދަށް ހަތް ދުވަސް އަދި އަނެއް މީހާގެ ބަންދަށް ތިން ދުވަސް މަޑުއްވަރީ ކޯޓުން ޖަހައިދީފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި، އެ އެންމެން ވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އެއީ މުޅީން ދިވެހިން ކަމަށެވެ. ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވި ބައެއް މީހުން ވަނީ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފައެވެ.

މަޑުއްވަރިން ރޭޕްގެ ޝިކާރައަކަށް ވެފައި ވަނީ އެރަށު ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުންދާ ކުއްޖެކެވެ. އެކުއްޖާ ރޭޕްގެ ޝިކާރައަކަށްވިކަން އެނގުނީ އެ ކުއްޖާ އެހެން މީހުންނާ އެކަހެރިކޮށް އުޅެން ފެށުމުންނާއި، ފިރިހެނަކު ފެންނަ އިރަށް ބިރުން ހަޅޭއްލަވައި ހަދަން ފެށުމުން، އެ ކުއްޖާގެ މައިންބަފައިން އެ ކުއްޖާ ރަށު ސިއްހީ މަރުކަޒަށް ދެއްކުމުންނެވެ.

އެ އަންހެން ކުއްޖާއަށް ހިމާޔަތް ދިނުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް އެ ކުއްޖާ މިހާރު ވަނީ ގެންގޮސްފައެވެ. މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނި ނަމަވެސް މި މައްސަލައިގައި ތުހުމަތުކުރެވޭ އެކަކު ވެސް އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!