ވާހަކަ

ކުރު ވާހަކަ: ފޮރުވި ޙަޤީޤަތް

ދެން އެމްވީ ، ދެން އޮންލައިން

ކަޅު ފޮއި އަނދިރި ރެއެކެވެ. ވަށައިގެން، މާ ދުރުދުރުން ވެސް އެއްވެސް އައްޔެއް ފެންނާކަށް ނެތެވެ. އެ ކަނު އަނދިރިކަމުގައި، އެ މާސިންގާ ބޮޑު ކަނޑުގެ ތެރޭގައި، ނަގަމުން ދިޔަ ބިޔަ ރާޅުތައް ކަފަމުން ދަތުރު ކުރަމުން ދިޔަ ބޯޓުގެ ކުރީކޮޅަށް ނުކުމެ އަހަރެން އިނީ، ޖެހެމުން ދިޔަ ފިނި ރޯޅިތަކުގެ އުފާ ހޯދައި، އޭގެ މަސްތާނީ ރާޙަތު ލިބި، ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އަހަރެން ވިސްނަމުން ދިޔައީ ބަދަލުވަމުންދާ އަހަރެންގެ ޙަޔާތާ މެދުގައެވެ. މިފަހަރު މާލެ ގޮސް އުޅުނު އިރު ހިނގައިދިޔަ ކަންތައްތަކާއި އޭގެ ސަބަބުން އަހަރެންނަށާއި އަހަރެންގެ ޒަވާޖީ ޙަޔާތަށް ކުރަމުންދާ އަސަރުތަކާ މެދުގައެވެ.

Ads by STELCO

ޚިޔާލަށް ގެއްލިފައި އިން އަހަރެން ސިއްސައިގެން ދިޔައީ އަހަރެންނާ ދިމާލަށް އަހަރެންގެ ފިރިމީހާ، ނާހިލް އަންނަ މަންޒަރު ފެނުމުންނެވެ. ރުޅިއަރައި ރަތްވެފައި ހުރި ނާހިލްގެ މޫނު ފެނުމުން އަހަރެން ކުޑަކޮށް ބިރުގަތެވެ. ދެން އަހަރެންގެ ލޮލުގައި އަޅައިގަތީ ނާހިލްގެ އަތުގައި އޮތް އަހަރެންގެ ފޯނެވެ. އެ ފޯނުގެ ސްކްރީނުން ފެންނަން ހުރީ މެސެޖުތަކެކެވެ. އެހިސާބުން ވެގެން އުޅޭ ގޮތް އަހަރެންނަށް އަންދާޒާ ކޮށްލެވުނެވެ. އެއާ އެކު ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ނާހިލް އެ އައި ބާރުމިނުގައި އައިސް ފުރަތަމަ ވެސް ހިފީ އަހަރެންގެ ކަރުގައެވެ. އަހަރެން ކުޑަކޮށް ކޮށިއަރާ ގޮތް ވިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެން ނާހިލްގެ އަތް ފޮޅުވައިލަމުން އޭނަގެ އަތުން އަހަރެންގެ ފޯނު ދަމައިގަތީމެވެ. ނާހިލް ކުޑަކޮށް ދުރަށް ޖެހިލިއެވެ. އަދި ތުރުތުރު އަޅަމުން ދިޔަ އަޑަކުން ވާހަކަ ދައްކަން ފެށިއެވެ. "ޝިފާ! ކީއްވެ އަހަރެންނަށް އޮޅުވައިލީ؟ އަހަރެންނަށް މިހާ ބޮޑު އަނިޔާއެއް ތި ދިނީ ކީއްވެ؟ އަހަރެންގެ ކުށަކީ ކޮބާ؟" އެ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަރެންނަކަށް ނޭނގުނެވެ. ނަމަވެސް ކަންތައް ވީ ގޮތް އަހަރެން އޭނައަށް ކިޔައިދިނީމެވެ. މަޢާފަށް ވެސް އެދުނީމެވެ.

ކުއްލިއަކަށް އަހަރެންނަށް ފެނުނީ ނެގި ބޮޑު ރާޅަކާއެކު ނާހިލް ކައްސައިލައިގެން ބޯޓުން ބޭރަށް ވެއްޓުނު ތަނެވެ. އެއީ އެ މަންޒަރު އަހަރެން ހަނދާންހުރި ގޮތެވެ. ނޫނެކެވެ. އެއީ އަހަރެން އެ މަންޒަރު ހަނދާން ބަހައްޓަން ބޭނުންވި ގޮތެވެ. އެއީ އެކަމާ ގުޅޭ ގޮތުން މީހަކު ސުވާލު ކޮށްފި ނަމަ އަހަރެން ކިޔައިދޭން ބޭނުންވާ ގޮތެވެ. ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވެފައި، އަހަރެންނަށް ހުރެވުނީ ގަބުވެފައެވެ. ކުޑައިރުކޮޅަކު އެހެން ހުރުމަށް ފަހު އަޑުގެ ކޮޅަށް އަހަރެން ހަޅޭއްލަވައިގަތީމެވެ. އަހަރެން ރޮއި ހޭރޭ އަޑަށް ބޯޓުގައި ތިބި އެހެން މީހުން ވެސް އެ ތަނަށް ޖަމާވިއެވެ. ބިރުން ތުރުތުރު އަޅާ ހާލު ވީގޮތް އަހަރެން އެމީހުންނަށް ކިޔައިދިނީމެވެ. ވަގުތުން ދޯނި އެ ތަނަށް މަޑުކުރިއެވެ. ދޯނީގެ ފަޅުވެރިން ދޯނީގައި ހުރި ބައްތިތައް ހިފައިގެން ނުކުމެ ނާހިލް ފެނޭތޯ މޫދަށް އަލިކުރަމުން ގެންދިޔައެވެ. ނާހިލް އެހީއަށް އެދި ގޮވައިލާ އަޑު އިވޭތޯ އަހަރެމެން ކަނުލައި އަހަމުން ދިޔައީމެވެ. ބޯޓުގެ ފަޅުވެރިން ކޯސްޓު ގާޑަށް ވެސް ގުޅިއެވެ.

ލިބުނު ޝޮކުގައި ބަސް ހުއްޓިފައި އިން އަހަރެންގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ގިސްލަގިސްލައިފައި ރޯން އިން ނާހިލްގެ މަންމައެވެ. އަހަރެމެން ދަތުރުކުރަމުން ދިޔައީ، ބޮޑު ޗުއްޓީ މާލޭގައި ހޭދަ ކުރުމަށް ފަހު ރަށަށް ދިޔުމަށެވެ. އަހަރެންނާއި ނާހިލް ޗުއްޓީއަށް މާލެ ދިޔައީ ވެސް އޭނަގެ މަންމަ ޑޮކްޓަރަށް ދައްކާށެވެ. މަންމައަކީ ހިތުގެ ބަލި ހުންނަ މީހެކެވެ. ނާހިލް މޫދަށް ވެއްޓިގެން ހޯދަން މަސައްކަތް ކުރާތާ މިހާރު ގަޑިއެއްހާއިރު ވީއެވެ. އަހަރެންނަށް އަދިވެސް އިނދެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އަހަރެންނަށް ރޯން ފެށުނީ ވެސް ނާހިލްގެ މަންމަ އައިސް އަހަރެންގެ ގައިގައި ބައްދައިގަތުމުންނެވެ. އެއިރު ބޯޓުގައި ތިބި އެހެން ފަސިންޖަރުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހާސްކަމާއި ބިރުވެރިކަމެވެ. އެންމެންގެ ނަޒަރުތައް ހުއްޓިފައި ވަނީ ކަނޑުގެ ލޮނުގަނޑަށެވެ. އެ ކަނު އަނދިރީގައި ވެސް އެންމެން ވެސް ބެލީ ނާހިލްގެ ހިލަމެއް ވޭތޯއެވެ.

ނާހިލް ހޯދުމުގެ މަސައްކަތުގައި އެންމެން މަޝްޣޫލުވެ، އަވަދިނެތިވީ ވަގުތު އަހަރެން ބެލީ މީހުންނާ އެކަހެރިވެވޭތޯއެވެ. އެ ބައިބޯ މީހުންގަނޑުގެ ތެރެއަށް އަހަރެންގެ މައިދައިތަ ދޫކޮށްލުމަށް ފަހު އަހަރެން ތަންކޮޅެއް ދުރަށް ޖެހިލީމެވެ. އަދި އެއަށް ފަހު ފޯނުން މީހަކަށް ގުޅޭތޯ މަސައްކަތް ފެށީމެވެ. އަހަރެން ގުޅި ނަންބަރުން ފޯނެއް ނުނެގިއެވެ. އޭރު އަހަރެންގެ ހިތް ބިރުން ގޮސް ތެޅޭ ވަރުން ހީވަނީ މޭ ފަޅައިލައިފައި ނުކުމެދާނެ ހެންނެވެ. އަނެއްކާ ވެސް އަހަރެން އެ ނަންބަރަށް ގުޅޭތޯ ބަލައިލީމެވެ. މި ފަހަރު ވެސް އެކޮޅުން ޖަވާބެއް ނުދިނެވެ. އަހަރެންގެ ހާސްކަން އިތުރުވާން ފެށިއެވެ.

ބޯޓުގެ ފަޅުވެރިން ނާހިލް ފެނޭތޯ އުޅޭތާ ދެތިން ގަޑިއިރު ވީ ފަހުން އެތަނަށް ކޯސްޓު ގާޑުގެ ލޯންޗެއް އައެވެ. އެމީހުން އައިސް އެމީހުންގެ މަސައްކަތް ފެށުމާއެކު އަހަރެމެން ތިބި ބޯޓު ރަށަށް ދިއުމަށް ނައްޓައިލިއެވެ. ރަށަށް ދެވުނުއިރު ހިނގައިގެން އުޅޭ ކަންތަކުގެ ޚަބަރު އޮތީ ރަށާއި މުޅި ރާއްޖެއަށް ވެސް ފެތުރިފައެވެ. އަހަރެމެންގެ ހާލު ބަލާށާއި މަޢުލޫމާތު އޮޅުން ފިލުވަން އެތައް ބަޔަކު އައެވެ. އެމީހުންގެ ސުވާލުތަކަށް ޖަވާބު ދެވޭ ވަރަށް ވުރެ އަހަރެންގެ ހާލު ދެރައެވެ. ކޯސްޓު ގާޑުން ބަރާބަރަށް އަހަރެމެންނަށް ޚަބަރު ދެމުން ގެންދިޔައެވެ. އެރޭ މުޅި ރާއްޖެ ވެސް އޮތީ އެބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތެރޭގައެވެ. ސޯޝަލް މީޑިއާގައި ރައްޓެހިންނާއި ބީރައްޓެހިން ވެސް އެމީހުންގެ ޙަމްދަރުދީ ފާޅުކޮށް، އަހަރެމެންނަށް ހެޔޮ ދުޢާ ކުރަމުން ގެންދިޔައެވެ. އެންމެން އިންތިޒާރުކުރަމުން ގެންދިޔައީ ކޯސްޓު ގާޑުގެ ޚަބަރަކަށެވެ. އެހެން ތިއްބާ އިރު އެރިއިރު ވެސް ކޯސްޓު ގާޑުގެ މަސައްކަތް ވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެހެންކަމުން ރަނގަޅަށް އަލިވުމުން އެމީހުން ދެން މަސައްކަތް ފެށީ އެމް.އެން.ޑީ.އެފްގެ ހެލިކޮޕްޓަރުގައެވެ.

ނާހިލްގެ ފުރާނަ ނެތް ހަށިގަނޑު ފެނުނީ އެ ދުވަހުގެ މެންދުރު ވީ ފަހުންނެވެ. ނާހިލްގެ މަރުގެ ޚަބަރާއެކު ވަރަށް ގިނަބަޔަކު ހިތާމަފާޅުކޮށް، އަހަރެމެންގެ ހިތާމައިގައި ބައިވެރިވާކަން އެންގުމަށް އެތައް ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި ޖަހަމުން ގެންދިޔައެވެ. ޙަމްދަރުދީގެ މެސެޖުތަކާއި ފޯން ކޯލުތައް އަންނަން ފެށީ ފަތިފައްޗަށެވެ. އެ ހުރިހާ މެސެޖަކާއި ކޯލަކަށް އަހަރެން ޖަވާބެއް ވެސް ނުދެމެވެ. އެހާ ހިތްވަރެއް އަހަރެންގެ ކިބައިގައެއް ނެތެވެ.

ނާހިލްގެ ހަށިގަނޑު ރަށަށް ގެނެވި ޖަނާޒާގެ ކަންތައްތައް ނިމި ވަޅުލި ފަހުން އަހަރެންގެ ފޯނަށް ކޯލެއް އައެވެ. އެއީ އަހަރެން އެ ކޯލަކަށް އިންތިޒާރު ކުރަމުން ދިޔަ ކޯލެވެ. އަހަރެން ވަގުތުން ފޯނު ނެގީމެވެ.

"ހާޝިމް! ހާޝިމް ކީއްކުރަން އަހަރެންގެ ފޯނަށް މެސެޖު ކުރީ؟ އަހަރެން ބުނިން ދޯ އަހަރެން މެސެޖު ނުކުރަނީސް މެސެޖު ނުކުރާށޭ! ނާހިލަށް ހާޝިމްގެ މެސެޖުތައް ފެނުނީ. އަހަރެމެންގެ ގުޅުމާ ބެހޭ ގޮތުން ނާހިލަށް ހުރިހާ ކަމެއް އެނގުމުން އޭނަ އަމިއްލައަށް ކަނޑަށް ފުންމައިލީ. ނާހިލް މަރުވީ ހާޝިމްގެ ސަބަބުން. އެކަމަކު އަހަރެން މި ކަންތައް ސިއްރު ކޮށްދީފާނަން. ޝަރުތަކީ ހާޝިމް އަހަރެންނާ އިންނަން އެއްބަސްވުން" އަހަރެން ބޭނުންވީ ހާޝިމަށް ބިރުދައްކާށެވެ.

ކުޑަ ވަގުތުކޮޅެއްގެ ހަމަހިމޭން ކަމަށް ފަހު ހާޝިމް ޖަވާބު ދިނެވެ. "އާނ! އޯކޭ. ޝިފާގެ ޢިއްދަ ހަމަވުމުން ކައިވެނި ކުރަން އަހަރެން ތައްޔާރު ވާނަން." ހާޝިމް އެހާ އަވަހަށް އެއްބަސް ވާނެކަމަކަށް އަހަރެން ހިއެއް ވެސް ނުކުރަމެވެ. އަހަރެންނާ ކައިވެނިކުރުމުގެ ޚިޔާލެއް ދުވަހަކު ވެސް ހާޝިމެއް ނުގެންގުޅެއެވެ. ނަމަވެސް ހާޝިމް ބިރުގަންނަވައި ލެވުމުން އަހަރެންގެ މަޤުޞަދު ފުރިހަމަވެއްޖެއެވެ.

ހާޝިމް އެއީ އަހަރެމެން އެންމެ ފަހުން މާލެ ދިޔަ ފަހަރު ދިމާވި މީހެކެވެ. އަހަރެމެން އުޅުނު ގޭގެ ކޮޓަރިއެއްގައި ކުއްޔަށް އުޅުނު މީހެކެވެ. ނާހިލްގެ މަންމަ ޑޮކްޓަރަށް ދައްކަން ނާހިލް ދަނީ އަހަރެން އެކަނި ގޭގައި ބަހައްޓައިފައެވެ. އެގޮތަށް ކަންތައް ވާން ފެށުމުން އަހަރެން ފޫހިވާން ފެށިއެވެ. ކައިވެނީގެ ކުރީކޮޅަށް ވެފައި ނާހިލަށް އަހަރެންނަށް ވަގުތު ނުދެވެން ފެށުމުން އަހަރެން ނާހިލް މަތިން ވެސް ފޫހިވާ ގޮތްވިއެވެ. ގޭތެރޭގައި އެކަނިމާއެކަނި އޮންނަ އިރު އަހަރެންގެ ފޫހި ފިލުވައިދޭ ބައިވެރިޔަކަށް ވީ ހާޝިމެވެ. ނާހިލްގެ ފަރަތުން އަހަރެންނަށް ލިބެން ޖެހޭ ނަމަވެސް އުނިވެފައިވާ ލޯބި އަހަރެންނަށް ލިބެން ފެށީ ހާޝިމްގެ ފަރާތުންނެވެ. ކަންތައް އެހެން ވާން ފެށުމުން އަހަރެންނަށް ފެށުނީ ނާހިލާ ހާޝިމާ އަޅައި ކިޔާށެވެ. އަހަރެންނާ އެކު ވަގުތު ހޭދަކޮށް، ލޯބިކޮށްލާކަށް ވަގުތެއް ނާހިލަށް ވާކަމަކަށް ނުވެއެވެ. އަނެއްކޮޅުން އަހަރެން ބޭނުން ވަގުތެއްގައި ބޭނުން އިރެއް ވަންދެން އަހަރެންނާ އެކު ވަގުތު ހޭދަކުރަން ހާޝިމް ހުންނަނީ ތައްޔާރަށެވެ. ނާހިލަކީ މާ ރީތި މީހެއް ވެސް ނޫނެވެ. ނަމަވެސް ކުރިން އަހަރެންނަށް އެކަން ފާހަގައެއް ވެސް ނުވެއެވެ. ނާހިލްގެ ހަންގަނޑުގެ ކުލަ އަނދިރިކަމާއި، އިސްކޮޅުގެ ކުރުކަން އަހަރެންނަށް މައްސަލައަކަށް ވާން ފެށީ ހާޝިމާ ދިމާވީ ފަހުންނެވެ. ހާޝިމަކީ އަހަރެންނަށް ވުރެ ހަގު މީހެކެވެ. ރީތި، ކުލަ އަލި، ޅަނދޮޅު ހަށިގަނޑަކާއި، ހެދިހުރި އިސްކޮޅެއް ލިބިފައިވާ ޒުވާނެކެވެ. އެ ޒުވާންކަމުގެ މަސްތާއި ޖޯޝުގައި އޭނަ ވެސް އަހަރެންގެ ފަރާތުން އުފާތައް ހޯދަމުން ދިޔައެވެ. ނާހިލަށް ސިއްރުންނެވެ. މުޅި ދުނިޔެއަށް ވެސް ވަގަށެވެ.

ހާޝިމާ އެކު ހޭދަކުރެވޭ ވަގުތުތައް ގިނަވާން ފެށީ ނާހިލްގެ މަންމަ ހޮސްޕިޓަލުގައި އެނދުމަތި ކުރެވި ނާހިލްގެ ހުރިހައި ވަގުތެއްހެން ހޮސްޕިޓަލުގައި ހޭދަކުރަން ފެށުމުންނެވެ. ހާޝިމާއެކު ސައިކަލު ދުއްވަން ދިޔުމާއި ސިނަމާތަކަށް ފިލްމު ބަލަން ދިޔުން ޢާންމު ކަމަކަށް ވިއެވެ. އެކުގައި ހޭދަކުރެވޭ ވަގުތު އިތުރުވާން ފެށުމުން އަހަރެންގެ ހިތް ހާޝިމަށް ލެނބި، އޭނަދެކެ ލޯބި ވެވޭކަށް މާގިނަ ދުވަހެއް ނުނެގިއެވެ. އެހެން ނަމަވެސް ހާޝިމް އަހަރެން ދެކެ ލޯބި ނުވާކަމަށް އޭނަ ބުނަމުން ގެންދިޔައެވެ. އޭނަ ބޭނުންވީ އަހަރެންގެ ފަރާތުން ހަމަ އެކަނި އަރާމާއި ޢައިޝެވެ. ލޯބި ފިރުމުންތަކާއި ބީހުންތަކެވެ. އަހަރެމެންގެ ދެމެދުގައި އޮތް ގުޅުމަކީ އަހަރެން ނާހިލަށް ފޮރުވި ޙަޤީޤަތެވެ.

މިއަދަކީ ނާހިލް މަރުވިތާ 4 މަސް ފުރޭ ދުވަހެވެ. އަހަރެންގެ ޢިއްދަ ވެސް ހަމަވަނީއެވެ. އަހަރެން ކުރަމުން އައި އިންތިޒާރަށް ނިމުން އަންނަން ދެން މާ ގިނަ ދުވަހެއްނެތެވެ. ނަމަވެސް މިއަދު އަހަރެން އެބަ ހިތްބިރުގަނެއެވެ. ނުތަނަވަސް ވެއެވެ. ނާހިލްގެ މަރުގެ ހާދިސާ އަހަރެންގެ ޙަޔާތް އެއްކޮށް ނާމާންކޮށް ބަނަކޮށްލައިފިއެވެ. ކޮންމެ ރެއެއްގެ ހުވަފެނުން އަހަރެންނަށް އެ މަންޒަރު ފެނެއެވެ. އަހަރެން ދުނިޔެއަށް އެ މަންޒަރު ސިފަކޮށްދިން ފަދައަކުންނެއް ނޫނެވެ. އަސްލު އެ ހާދިސާ ހިނގި ގޮތަށެވެ. އަހަރެންގެ އަތުން ނާހިލްގެ މޭމަތީގައި އަޅައި ކޮށްޕައި މޫދަށް ވައްޓައިލި މަންޒަރެވެ. ނާހިލްގެ ޤާތިލަކީ އަހަރެންނެވެ. އެއީ އަހަރެން މުޅި ދުނިޔެއަށް ފޮރުވި ޙަޤީޤަތެވެ. ނާހިލްއާއެކު ކަފުން ކުރެވި އެ ޙަޤީޤަތް ވެސް ވަނީ ވަޅުލެވިފައެވެ.

އަހަރެން ނާހިލް މަރާލީ ނާހިލްގެ އެއްވެސް ކުށެއް އޮވެގެނެއް ނޫނެވެ. ނާހިލަކީ އަނިޔާވެރި ފިރިއެކޭ އަހަރެން ނުބުނާނަމެވެ. އެއީ ވަރަށް ވަފާތެރި ފިރިއެކެވެ. ނަމަވެސް ނާހިލަށް އަހަރެންނާ ހާޝިމްގެ ގުޅުމާ ބެހޭ ގޮތުން ހުރިހާ އެއްޗެއް އެނގުމުން އޭނަ އަހަރެމެން ބަދުނާމު ކޮށްލަފާނޭ ކަމަށް އަހަރެން ބިރުގަތީއެވެ. މިއަދު އަހަރެންގެ ހިތަށް އަރަނީ މި ޙަޤީޤަތް އެނގޭނަމަ ހާޝިމް އަހަރެންނާ ކައިވެނި ކުރަން އެއްބަސްވާނެބާއެވެ. މުޅި ދުނިޔެއަށް މިޙަޤީޤަތް ފޮރުވައިގެން އަހަރެންނަށް އުޅެވޭނީ ކިހާ ދުވަހެއް ވަންދެން ބާވައެވެ.

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައި ވަނީ، އަބްދުﷲ ޛައިދެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!