ވާހަކަ

ކުރު ވާހަކަ: ކިރުޅިޔަ ކުކުޅު

ދެން އެމްވީ ، ދެން އޮންލައިން

ކޮ ކޮ ކޮ ކޮ ކައްކަކާކޯ... ގޮވަމުން ކުކުޅެއް އުދުހިގަތް އަޑު އިވުމާ އެކު ސިއްސައިގެން ގޮސް އަޅުގަނޑު ބަލާ ލިއިރު ކުކުޅުތަކުގެ ތެރެއިން އަޅުގަނޑު އެންމެ ލޯބިވާ ޑިންޑިން ކޮވެލި ކުކުޅު ބިސްއަޅައިފައި އުދުހިގެން ދަނީއެވެ.

Ads by MWSC

އަނެއް ދުވަހު އެސޮރުގެ ބޯކޮޅު ބަލަމުން ދިޔައިރު ކަލޯ އެ މަންޖެގަނޑު އެތެރެގޭ އެނދުދަށު ކަނެއްގައި އެގާރަ ބިސްމަތީ ބިސް ފީކުރަން އޮށޯވެ އޮތެވެ. އައްޕައަށް އަޅުގަނޑު އުޅުނު ގޮތް ފެނި ކަނާތު ފައިގައި ހިފައި ދަމައި ނެރެފައި ބުންޏެވެ. ކަލޯ ތި އުޅެނީ މޮޔަވެގެން ހެއްޔެވެ. ތި ކުކުޅެއް ފިޔޮކަކަށް ނުބަލާނެއެވެ. އައްޕަ ދަމައިގަތްލެއް ބާރުކަމުން ބޮލުގެ ފުއްކިބަ އެނދު އޮޅީގައި ޖެހި ތަދުވެ ބޮލުގައި އަތް އުނގުޅަމުން ނިކުންނަނިކޮށް ގޯތީ ހުރި މާކަށިކެޔޮ ގަސްދަށުން ކުއްކުއް ޖަހާ އަޑު އިވިގެން ބަލައިލި އިރު މަދަރިޔާ އެއްކަލަ ކިރުޅިޔަ ކުކުޅު މި އުޅެނީ ފިޔޮކައިގެން ނިކުމެއެވެ. ދެ ފަރާތް ބަލައިލާފައި އަމަޔަށް އެގެންވާއިރަށް ބައިލާހި ހަނޑޫ ގެނެސް ކުކުޅު ކައިރިއަށް އަޅާލީމެވެ. މި ތަން ވެސް ފެނުނީ އައްޕައަށެވެ. ގޭގައި ހުރީ އެންމެ ތިންލާހި ހަޑުލޭ ކިޔައި ފަހަތުން އިލޮށިފަތި ހިފައިގެން ދުއްވައިގަތުމުން ނަގޫ ޖެހިތާ ބޯޖަހާފައި އަޅުގަނޑު ވަލުތެރަށް ވަދެ ދުވެފިލައި ރައްކާވީއެވެ. އެއިރު އަޅުގަނޑުގެ އުމުރުން އެންމެ 6 އަހަރެވެ. މީލާދީން 1974 އެވެ.

ހުޅުމާލޭ އެމީހުންގެ ފުލެޓްގެ ގެލަރީގައި ހުރި ގޮނޑިއެއް މަތީ މަރީނާ ފެންކަޅި ވެފައި އިންގޮތުން އަޅުގަނޑަށް ވަރަށް އަސަރު ކުރިއެވެ. އަޅުގަނޑު ހަމަ ފެނުމާ އެކު ފުންމައިގެން ތެދުވެ ބާރަށް ދުވަމުން ކަހަލަ ގޮތަކަށް ސިޑިން ފައިބައި އަޅުގަނޑު ގޮވައިގެން މައްޗަށް އަރައި ހެނދުނުގެ ނާސްތާ ކޮށްގެން އަވަހަށް އަޅުގަނޑު ގޮވައިގެން އޭނާ ދިޔައީ ހުޅުމާލޭ ހޮސްޕިޓަލް އަށެވެ. ސާޖިކަލް ވޯޑުގެ 56 ނަމްބަރު އެނދުގައި މަރީނާގެ މަންމަ ޒާހިދާ އޮތެވެ. އަޅުގަނޑު ފެނުމާ އެކު އަނެއް ފަރާތަށް ބޯ އަނބުރައި ރަޖާގަނޑުން މޫނު ފޮރުވުމަށް ފަހު ގިސްލަ ގިސްލާފައި ރޯން ފެށިއެވެ.

އަލަތު ކައިވެނި އަޅުގަނޑާއި ޒާހިދާ ކުރީ ވަރަށް ލޯބިންނެވެ. އެތައް ދުވަހަކު ވަލުތެރޭގެ އެތަންމިތަން ލޯބީގެ މަންޒިލްތަކަށް ހަދައި ލޯބިގެ ނިސާންތައް ކަމުގައި ދޫކުރުމަށް ފަހުގައެވެ.

ބައި ގަޑި، ގަޑިއަށް ވެ ގަޑި، ދެގަޑި އަށް ވެގެން ދިޔައިރު ވެސް ޒާހިދާގެ ގިސްލެވުމުގެ އަޑެއް ނުކެނޑުނެވެ. ބޯމަތިން ރަޖާގަނޑު ހިއްލާލައި މޫނު ދައްކާލާހާ ވެސް ހިތްވަރެއް އޭނާގެ ނެތެވެ. އެންމެ ފަހުން ޑޮކްޓަރ އަންނަ ގަޑި ޖެހިގެން އަޅުގަޑު އެނބުރި ދިޔައީއެވެ.

ދޯނި ހުޅުމާލޭ ކަންނެލި ޖެޓީގައި އެޅުމަށް ފަހު އަޅުގަނޑު އާންމުކޮށް ނިދާ ހަދަނީ ގެސްޓް ހައުސްއެއްގައެވެ.

އަނެއް ދުވަހު ވަރަށް މޭރާ(ހެނދުނު ހެނދުނާ) މަރީނާ އަޅުގަނޑު ހުރި ގެސްޓް ހައުސްއަށް އައެވެ. މަރީނާ އަކީ އަޅުގަނޑާ ޒާހިދާއަށް ލިބުނު ހަމަ އެކަނި ދަރިއެވެ.

މަންމަ އޮތީ ވަރަށް ނާޒުކު، ފަންސާސް އިންސައްތަ ހާލެއްގެ އޮޕަރޭސަނަކަށް އެޑުމިޓް ކޮށްފައި ކަމުން މަންމަގެ ހިތުގެ އުދާސްތަކުގެ އަސަރު އަޅުގަނޑަށް ކިޔައިދޭން ފެށިއެވެ.

ބައްޕާއެވެ. ލޯބިވާ ބައްޕާއެވެ. އަޅުގަނޑު ކުޑައިރު ބައްޕަޔާ މަންމަޔާ އެކު ހޭދަ ކުރަމުން ދިޔަ ދުވަސްތަކަކީ އަޅުގަނޑުމެންގެ ދިރި އުޅުމުގެ އެންމެ އުފާވެރި ދުވަސްތަކެވެ. ބައްޕަ ކޮންމެ ދަތުރެއް ނިންމާފައި އައިސް އަޅުގަނޑު ކޮނޑުގައި ބައިންދައިގެން ތިމާގެ ހުރިހާ މީހުންގެ ގޭގެއަށް ހަދިޔާ ބަހައި ހަދަމުން ދިޔަ މަންޒަރާ މަންމަ ފެންވަރުވައި ދިނުމުން ބައްޕަ އަޅުގަނޑުގެ ބޮލުގައި ފުނައި އަޅުވައި ދޭ ލޯބިވެތި ގޮތުގެ ހަދާންތައް ބިންވަޅު ނެގިފައި ހުރީ ހަމައެކަނި އަޅުގަނޑުގެ ހިތުގައެއް ނޫނެވެ. މަންމަ ވެސް އެ ފަދަ ހިޔާލުތަކުން ހިތްފުރި އުތުރި އަރައިގެން އުފެދޭ ކަރުނަ އަޅުގަނޑުގެ ކޮޑު މައްޗަށް އެތައް ދުވަހަކު އޮހޮރައި ހަދައެވެ.
މަންމައެއް ވެސް އަޅުގަނޑެއް ވެސް ދިރިއުޅުމުގެ އެއްވެސް ހިސާބަކުން ބައްޕަ ގޯހެއް ނުކުރަމެވެ. ގޯހީ މަންމައެވެ. ތިޔަފަދަ ބަފައެއް ތިޔަ ފަދަ އަގުހުރި ޖަވާހިރެއް މި ދުނިޔޭގެ އެއްވެސް ތަނެއްގައި ނުވެއެވެ. ބައްޕަގެ އޯގާތެރި ފިރުމުންތަކާ ނިކަމެތި ހާލުގައި އަޅުގަނޑުމެން އުޅުނު އިރު ގޭގައި ކާނެ އެއްވެސް އެއްޗެއް ނެތްހިނދު ބުރަ މަސައްކަތުން ހޯދާ ހަނޑޫ ކޮޅުން ބަތް ކައްކައި އަޅުގަނޑުމެންނަށް ދީފައި ބައްޕަ ރުކަށް އަރައި ކުރުނބާ އަޅައިގެން ބުއި ހަނދާން އަޅުގަނޑުމެންގެ ހިތުން ދާނީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑުމެން ދެމައިންގެ މުޅި އުމުރު ބައްޕަޔަށް ހިބަ ކުރިޔަސް މި ދަރަނި އަދާ ވާނީ ކިހިނެއް ހެއްޔެވެ؟

ބައްޕަގެ މިންނެތް މަސައްކަތުން އަޅުގަޑުމެންގެ އާއިލާއަށް އައި ތަނަވަސް ކަމުގައި ގޭތެރެއަށް ގިނަވި ކޮންމެ މެހުމާނަކީ އަޅުގަޑުމެންނަށް ހެޔޮ އެދިގެން އައި ބައެއް ނޫނެވެ. ގިނަ ބަޔަކު އައީ ގޭތެރޭގެ ތިޔާގި ކަމުން ފައިދާ ނަގާށެވެ. އަނެއްބަޔަކު އައީ ހަސަދައިގެ ފޭރާމުން ފަރުދާ ވެގެންނެވެ. އަނެއްބަޔަކު އަންނަމުން ދިޔައީ މަންމަގެ ރީތި ބުރުސޫރަދެކި ހިތަށް އުފައު ވެރިކަން ހޯދުމުގެ ބޭނުމުގައެވެ. އެއިރު ބައްޕައަށް ރަށުގައި ހުރެވޭ ދުވަސް ވަރަށް މަދެއް ނޫން ހެއްޔެވެ. އެމީހުންގެ ކަތި ނަޒަރުތަކާ ފޮނިބަސްތަކުގެ އެސްފީނާ ޖެހި މަންމަގެ ވިސްނުން ބަދަލު ވީއެވެ. މަންމައަށް ހީކުރެވުނީ ޖެހުނު ކޮންމެ ދިމާލަކުން މަންމަގެ ދިރިއުޅުން އޮބަހައްޓާނެ މީހުން ތިބޭނެ ކަމަށެވެ. މަންމަ ގެ ރުންކުރުކަމާއި ސިނގުރުޅީގެ ސަބަބުން ލިބޭ އަނިޔާ ބަރުދާސްތު ކޮށްގެން ބައްޕަ ކިހައިދުވަހަކު އުޅުނީމު ހެއްޔެވެ. ކުދިކުދި ސުކުނިމުކުނި ކަންތަކާ ރުޅިއައިސްގެން މަންމަ ގޭގެ ތަށިތަކާ ހިފާގެންގުޅޭ ތަކެތި އުކައި ހިނދު ކެތްތެރިކަމާ އެކު ބައްޕަ މަންމަގެ ރުޅި މަތަކުރަން ހެދި މަންތަރުތަކަކީ އިންސާނަކަށް ކުޅަދާނަކަމެއް ކަމަކަށް އަޅުގަޑަކަށް ޤަބޫލެއް ނުކުރެވެއެވެ.
މަންމަޔާ ގާބެ(ޤާސިމްބެ)އާ މެދު ހިނގިކަންކަމުގައި ބައްޕަ މަންމައަށް މަޢާފު ކުރިފަހުން މަންމަގެ ދިރި އުޅުމަށް އެ ފަދަ އެއްވެސް ކަސިޔާރުކަމެއް އައިސްފައެއް ނުވެއެވެ. އެހެނަސް ބައްޕައާއި މަންމަ ދުރުވާން ޖެހުނީ މަންމަގެ ހުރި ރުންކުރުކަމާއި ސިނގު ރުޅީގެ ނަތީޖާކަމަށް މަންމަ އަދު ޤަބޫލު ކުރެއެވެ. މަންމަ ފަހުން އިން ދެ މީހުން ކުރެ ކޮންމެ މީހަކު ވެސް މަންމަ ހެދީ އެމީހުން ކުޅޭ ބޯޅަ އަކަށެވެ. އެ ދެ މީހުންނާ އެކު ވެސް މަންމަ އާއި އަޅުގަނޑު ހޭދަކުރީ ނުހަނު ހިތްދަތި އަނދިރި ދުވަސްތަކެކެވެ. މަންމަ ރުޅި އަންނަ ހިނދު ބައްޕަ ކެތްތެރިކަން އިސްކުރާ ފަދައިން އެމީހުން އިސްކުރީ ރުޅިވެރި ކަމެވެ. މޫނުބަލާ ލޯގަނޑަކަށް އަލިކޮށްލީމާ ރިފުލެކްޓްވެގެން އައިސް މޫނުގައި ހަމަ އެއަލި ޖެހޭ ފަދައިން މަންމަގެ ރުޅި ރިފުލެކްޓްވެ މޫނުގައި ޖެހެމުން އައީ ބާރުގަދަ ތަފާލުތަކެވެ. އަޅުގަނޑުމެންގެ ދެމައިންގެ ތުންފަތު ދެމިޔަކަން އުފުލި ހިނިތުން ވާން ލިބޭ ހަމަ އެންމެ ދުވަހެއް ވެސް ނާދެއެވެ. ދެ ކޯތާފަތް ކޮންމެ ދުވަހަކުހެން ތެމެމުން އައީ ހިތި ހިފެހެއްޓުމެއް ނެތް ކަރުނައިންނެވެ. އޭރު ވެސް މިހާރު ވެސް މަންމަގެ އެންމެ ބޮޑު ހިތާމައަކީ އެލިބުނު އަނިޔާ ތަކެއް ނޫނެވެ... ބައްޕަ ފަދަ އޯގާތެރި ކެތްތެރި ނަމޫނާ ފިރިއަކު ދޫކޮށް ދާން ޖެހުމެވެ. މިހާރު މަންމަ ގެ އެރީތި ކިއްސަރެއް ހަށިގަނޑަކު ނެތެވެ. އެ ވިދާ ގިރިޓީ ކުލައެއް ވެސް މޫނަކު ނެތެވެ. ކަންކަމާ މެދު ރުޅި އިސްކޮށް އަތްފައިން ގޯސްހެދި ހިތްވަރެއް ވެސް ނެތެވެ. މަންމަ އަތުގައި ވަނީ ދެ އެއްޗެކެވެ. އެއީ މާޒީ ވެދިޔަ ތަނުން ބައްޕަގެ ފަރާތުން ލިބުނު ފިލާވަޅުތަކާއި ބައްޕަގެ އޯގާތެރިކަން ހަނދާން ވާހިނދު ދެލޮލުން އުފެދޭ ފޮނި ކަރުނައި ގެ މީރުކަމެވެ. މަންމަގެ ވަނީ އެންމެ އުއްމީދެކެވެ. މި ފަނާ ކުރުވަނިވި ދުނިޔެއިން ނިކުމެގެން ގޮސް ދެމި އޮތުމުގެ ޢާލަމުގައި ތާއަބަދަށް ބައްޕަގެ ހިޔަނީގެ ހިމާޔަތުގައި އޯގާތެރި، ކެތްތެރި އަނތްބެއްގެ ގޮތުގައި ވުމުގެ ހުވަފެނެވެ.

އަޅުގަނޑު ދެލޯ ފޮހެލައި އިސްމައްޗަށް އުފުލައި ވާހަކަ ދެއްކޭތޯ ހިތްވަރުކޮށް ފެއްޓީމެވެ.
ދަރިފުޅާ ލޯބިވާ މަރީނާއެވެ. މިހާރު އެއީ މާޒީއެވެ. ބައްޕަ ދަރިފުޅުގެ މަންމަ ދެކެ މިހާރު ވަނީ ލޯބިކަން ނޫނީ ފޫހިކަން އެއީ ބައްޕަގެ ހިތުގައި ވަޅުލައިފައި ބާއްވަން ޖެހޭ އެއްޗެކެވެ. އެހެނަސް ބައްޕަ އަބަދުވެސް އޭރު ވެސް މިހާރު ވެސް މަންމަޔާ މެދު ހަމްދަރުދީ ވަމެވެ. އިހުތިރާމް ކުރަމެވެ. ދަރިފުޅުގެ ބައްޕަމަންމަ(ދޮންމަންމަ)އަކީ ބައްޕަ އިން އިރު ރީތި މީހެއް ނޫނެވެ. ބައްޕަ އޭނާއާ އިނީ އޭނާގެ ކެތްތެރިކަމާއި ގެވެހި ދިރިއުޅުން ފެނިފައެވެ. އެހެނަސް މިހާރު ބައްޕައަށް އެންމެ ރީތި އަދި ފުރިހަމަ އެންމެ ލޯބިވާ އިންސާނަކީ އެއީއެވެ. ދަރިފުޅުގެ ކޮއްކޮމެން ބަލަހައްޓަމުން އެ އަންނަނީ ދެގޮތެއް ނުވާ މިސާލެއް ފަދައިން ނެވެ. އިރެއްގައި ބައްޕަ ލޯމަރާލައި ހިނދު ދަރިފުޅުގެ މަންމަގެ ހިނިތުންވުން ބައްޕަގެ ހިތުގައި ރަސްކަން ކުރި ނަމަވެސް އަދު ބައްޕަގެ ހިތުގައި މުގޯލި އަޅަނީ އެހެން ބަޔެކެވެ.

ބައްޕަގެ އާއިލާއަކީ ވަރަށް ފަގީރު ނިކަމެތި އާއިލާއެކެވެ. ދުވާލުދާ ހަތަރުދަމު ވަޑާން ކޮށްގެން ކާފަޔަށް ލިބެނީ އެންމެ ތިން ރުފިޔާއެވެ. މާމަ ކުރާ މަސައްކަތަކީ ކުނާ ވިޔުމެވެ. ގިނަ ދުވަހު ކާފަޔާ މާމަ ބޮއި އުޅުނީ ކުރުނބައެވެ. ކައި ހަދަނީ ކާއްޓާ ކޯވަޅި ނެތް ފިލޮޅުބޮލެވެ. ލިބޭ ހަނޑޫ ކޮޅުން ބަތް ކައްކާފައި ދެނީ ބައްޕަޔާ ދަރިފުޅުގެ ބޮޑު ދައިތަ އަށެވެ.

ދެނަހުރިން ހެއްޔެވެ. ބައްޕަ ކުޑައިރު ކުކުޅު ގެންގުޅުނީމެވެ. ބައްޕަ ފިޔޮށް ބޮޑުކުރަން މާމަ ދިނީ ކިރުޅިޔަ ކުކުޅެކެވެ. ކުޑަބޭ ދައިތަ ދިނީ ޑިންޑިން ކޮވެލި ކުކުޅެކެވެ. އެ ޑިންޑިން ކުކުޅަކީ ވަރަށް ރީތި ތަފާތު ކުލަ ކުލައިން ޒީނަތް ތެރި ކުރެވިފައިވާ ހޫރެއް ފަދަ ދޫންޏެކެވެ. ކުކުޅަށް ކާންދޭ އިރު ހާލެއް އައިސް އެކުކުޅުގައި ކޮއް ޖެހިޔަސް އަންނަރުޅީ ގައި ބައްޕަ އެ ހާލެއް ފައްސައި ފަހައި ފޮނުވާލައެވެ. އަދި އެ ދުވަހަކު އެ ހާލަކަށް ކާކަށް ނުދެއެވެ.

އެ ކޮވެލި ކުކުޅު މަހަކު އެއްފަހަރުހެން ބިސްއަޅައި ދިހަ ބާރަ ފިޔޮށް ގޮވައިގެން ނިކުންނާނެއެވެ. ފިޔޮށްކޮޅު ގޮވައިގެން ނިކުންނަ އިރު ކާޅު ބައިގަނޑެއް ވަށައި ފާރަލައިގެން ތިބޭނެއެވެ. އެންމެ ފުރަތަމަ އަންނާނީ ކުރިމަތިން އަންނަ ކާޅެވެ. އެ ކާޅު ކުރިމަތިން ދިމާކޮއްލާ އިރަށް އެއްކަލަ ކުކުޅު ރުޅި އައިސް ހޭބަލި ވެ ގޮތް ދޫނުކޮށް ރަކުފަތްގަނޑު ފުއްޕާ ކާޅާ ދިމާއަށް އުދުއްސައި ގަންނާނެއެވެ. އުދުހި ގަތުމާ އެކު އަނެއް ތިން ފަރާތުން ކާޅުތައް ވެރިގަންނާނެއެވެ. ކުކުޅު ކާޅު ފަހަމުން ރުޅި ދައްކަމުން ފުމެފުމެފައި އެނބުރި އަންނަ އިރު އަދި ރަނގަޅަށް ފިޔަވަޅު ނޭޅޭ އާރެއް ބާރެއް ނެތް ޅަ ފިޔޮއްތައް ފަހަރަކު އެއްޗެއް ކާޅު ގެންގޮސް އޭގެ ތޫނު ތުންގަނޑުން ތޮރުފައި ގޮހޮރަށް ދަންދެން ކައި ހުސްކޮށް ފާނެއެވެ. ބައްޕަ އެއިރު އެހެން ކާޅު ގެންދާ ފިޔޮށް ބަނޑު ފަޅާލުމުގެ ކުރިން އަތުވޭތޯ ކާޅުތަކު ފަހަތުން ދުވެ ހަދަމެވެ.
އެންމެ ފަހުން ކާފަ ގާތަށް ރުޅި އައިސްގެން ބައްޕަޔަށް ވެސް ވަގަށް އެ ކޮވެލި ކުކުޅު ކަތިލީއެވެ.

ދެން އޮތީ މާމަ ދިން ކިރުޅިޔަ ކުކުޅެވެ. އޭތި ވަރަށް ތަފާތެވެ.

އެ ކުކުޅު ގެންނާނީ ފަހަރަކު ހަޔެއްކަ އަށެއްކަ ފިޔޮކެވެ.

ކާޅެއް ކިޔެއް ކުރަން ކިލާފަންޏެއް ބާރަށް ގޮވާލާ އަޑު އިވުނަސް އަވަހަށް ފިޔޮށް ކޮޅު ބަނޑު ދަށުލައި އޮށޯންނާނެއެވެ.. ދުސްމަނެއްގެ ކިރިޔާ އިސާރާތެއް ވިޔަސް އެސޮރު ކަރުން ގޮއްވާލާ ކުކުކުކު އަޑަކާ އެކު ހުރިހާ ފިޔޮއްތައް މައިމީހާގެ ބަނޑުދަށުގައި ބޮދައި ފިލާނެއެވެ. ގެންނަ ހުރިހާ ފިޔޮކެއްހެން ބޮޑު ކުރާނެ އެވެ.

ދަރިފުޅާއެވެ. ބައްޕަ ކުޑައިރު ބައްޕައަށް ލަފާދީ ހަދަން ދަރިފުޅުގެ ކާފަ ހުރި ނަމަވެސް ފުރާވަރަށް އަރައި އިންނާނެ މީހަކު ހޮވާ ހިސާބަށް ދިޔައިރު ލަފާދޭނެ އެއްވެސް މީހަކު ނެތެވެ. ކާފަ ނިޔާވެއްޖެއެވެ. ބައްޕަ ކޮންޓްރޯލްކޮށް އޮޑީގެ ކައްޕިތާނެއްގެ ގޮތުގައި އޮތީ ބައްޕަގެ ޅަ ތަޖުރިބާއެއް ނެތް ހިތެވެ. އެ ހިތަށް ބާރު ފޯރުވޭނެ އިތުރު އެއްވެސް ހިއްސެއް " ހަޤީޤަތެއް" ނެތެވެ.

ބައްޕަގެ ހިތުގައި އެއިރު ރަސްކަން ކުރަމުން އައީ ދަރިފުޅުގެ މަންމަ އެވެ. އެހިތް ކީހާ ފަރިއްސަކަށް ބައްޕަ ނަށަމުން ދިޔައީއެވެ.

ދަރިފުޅުގެ މަންމައަކީ އޯގާތެރި އަނތްބެކެވެ. ބައްޕަމެންގެ ދިރިއުޅުން ވިއްސިވިހާލި ވެގެން ދިޔައީ މަންމަގެ ނަފުސުގައި އުފެދިފައިވާ "ރުޅި އިސްކުރުމުގެ ނާރުތަކުގެ މައްޗަށް ސުލްހަޔާ ހިމޭން ކަމުގެ ބާރު ނުފޯރުވުނީތީ އެވެ."

މިއަދު ބައްޕައަށް ރީތީ އެ ޑިންޑިން ފަތްބޯ ކޮވެލި ކުކުޅެއް ނޫނެވެ. ކެތްތެރި ގެވެހި އިޙުލާސްތެރި "ކިރުޅިޔަ ކުކުޅެވެ." މަންމައަށް ޓަކައި އަބަދުވެސް ހެޔޮ ދުޢާ ކުރާނަމެވެ. ވަރަށް ގަދަޔަށް ސަލާމް ބުނައްޗެވެ. މިހެން ބުނަމުން މަރީނާއާ ދިމާލަށް ވާތުލޯ މަރާލައި ވާތު ކޮނޑުމައްޗަށް ބޯ ތިރިކޮށްލީމެވެ.

-- ނިމުނީ --

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައި ވަނީ އަބްދުﷲ ފައިސަލެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ

Ads by Allied Insurance
  1. ކޮއްކޮ

    ވަރަށް ރީތި ވާހަކައެއް!

  2. ާޢެެޭން

    ވަރަށް ވެސް ރީތި

  3. ބަނީ

    ވަރަށްހިތްގައިމު، ކިޔާލާ ހިތުން ކިޔާލެވުނު ވާހަކަ އެއް..

  4. ޙުސައިން ޝަރީފް

    ދިވެހިވަންތަ ޢިބާރާތްކުރުންތަކެއް އެކުލެވިފަވާ ރީތި ވާހަކައެއް

  5. އިބުރަތްތެރި ރީތި ވާހަކައެެއް

  6. މުޙައްމަދު

    ވަރަށް ޗާލު ވާހަކައެއް ތުއްތުބޭ!!!

  7. ރާޝިދު

    ވަރަށް ފުރިހަމަ

  8. އާރިފް

    އަބްދުﷲ ފައިސަލެވެ ގެ މި ވާހަކަ ވަރަށް ހިތްގައިމެވެ. ފެއްޓިގޮތާއި އެބައި ނިންމުމުން އަމުނާލިގޮތް ވަރަށްވެސް ކަމުދެއެވެ. ވަރަށް ރީއްޗެވެ.

  9. ދޮންއިއްބެ

    ވަރަށް ކަމުދޭ ކިޔާލާން ޝައުޤުވެރި އިބްރަތްތެެރި ވާހަކައެއް

  10. ޙުސައިން

    ރީތި

  11. ޔުމްނާ

    ވަރަށް ރީތި ވަރަށް ފުރިހަމަ ވާހަކަ އެއް…

  12. Fennamun sifavamun dhiyaee eyruge foni handhaanthakeh😍. V thafathu koh v furihama ah edhuvas tha sifavegen dhey mivahakin Faisal Thuthube 👏👏👏

  13. ބޭބެ:

    ވ.ފުރިހަމަ ވާހަކަ އެއް:

  14. ީއިއްބެ

    މަށަށް ކަމުދަކަހަލަ

  15. ބޭބެ

    ވ. ފުރިހަމަ ވާހަކަ އެއް

  16. ވަރަށް ފުރިހަމަ ތުއްތުބޭ
    ތުއްތުބޭ ވަރެއްނެތް ️️️️️(:

  17. ރާސީންދާލް

    ހަގީގީ ވާހަކައަކާނިކަންވައްތަރު.

  18. އިސްޙާޤު

    ވަރަށްވެސް ފުރިހަމަ ރީތި ވާހަކައެއް. ފެށިގެން ގޮސް ނިމުމާއި ހަމައަށް ވެސް ސިފަކޮށްދީފައިވާ ގޮތުން ހަމަ އެ ތަނުގައި ހުރެވުނުކަހަލަ. އެހެންނަމަވެސް މުޅި ވާހަކައިން ފާހަގަ ކޮށްލެވުނު ދެކަމެއް ހިއްޞާ ކޮށްލާނަން. މުޅި ވާހަަކައިގައިވެސް ދިވެހި ފަށުވި ބަސްތައް ގެނެސްފައިވާއިރު، “ރިފްލެކްޓް” އަދި “ކޮންޓްރޯލް” މި ދެބަސް ބޭނުންކޮށްފައިވުމުން، ކުޑަކޮށް އަޅައިގަތް. މި ދެބަހަށްވެސް ދިވެހި ދެ ބަސް އޮންނަކަން ފާހަގަ ކުރެވޭ.

    • އަބުދު ﷲ ފައިސަލް

      ސުކުރިއްޔާ އިސްހާޤު!! ދެއްވި ހިޔާލް އުފުލާއި އެކު ބަލައިގެންފިން!!

  19. މުހައްމަދު

    ކުޑައިރުގެ ހަނދާންތައް އާކުރުވި، އިބުރަތްތެރި ވާހަކައެއް

  20. ފައިހާ ފައިސަލް

    ވަރަށް ޟައުގުވެރި ރީތި ވާހަކައެއް ❤

  21. އަހުމަދު މީމު

    ވަރަށް ހިތްގައަމު ވަހަކައެއް

  22. ަަޝާހީން

    ވަރަށް ފުރިހަމަ

  23. ވާހަކަ

    ރީތި. ވާހަކައަށް އިތުރު ފުރިހަމަކަން ގެނެވެދާނެ ހެން ހީވޭ ވާހަކައިގެ ބައެއް ބައިތައް ވާހަކައިގެ އެހެން ބައިތަކާ އިތުރަށް ގުޅުވާލައި ވާހަކައިގެ ވިޔުން ވަރުގަދަކޮށްލުމުން.

  24. ޙާތްތެރީ

    ފައިސަލްގެ ތިޔަ ވާހަކާއިގާ ހިތްގައިމު ގިނަކަންކަން ހިމެނި ވާހާކައެއްގެ ޙަޤީޤި ވަންތަކަން އެކުލެވި އެމުނިފައިވާކަން ފާހަގަ ކުރެވޭ،،
    ރާއްޖޭގައި އަދިވެސް ގިނަފަންނުވެރިން ފަރުދާގެ ނިވަލުގައި އެބަތިއްބެވިތާ؟

  25. ޒަމާން

    މާޒީގެ ހަނދާންތައް ސިފަކޮށްދޭ ވާހަކައެއް. ވަރަށް ރީތި

  26. ޢަލީ

    ވަރަަށްް ހިތްގައިމު ރީތި ޢިބްރަތްތެރި ވާހަކައެއް

  27. ޕަރީ

    Mujhe dhivei nehi aathihe… magar friends boli he ye story bohoth achcha he!!😍😍

  28. ނާޞިދު

    ވަަަަރަށްސަޅި ވާހަކައެއް

  29. އަޅުގަނޑު

    ވަރަށް ފުރިހަމަ ސިފަކުރުމެއް. ވާހަކަ ކިޔަމުން ދިޔައިރު އަމިއްލައަށް އެކަންކަން ތަޖުރިބާކުރެވެމުން ދިޔަފަދަ. ވާހަކައިން ލިބިދޭ ފިލާވަޅުވެސް އެޒަމާނަށް އަދި މިޒަމާނަށްވެސް ަހަމަ އެހާމެ ބޭނުންތެރި.

  30. ސިތޫ

    ވަރަށް ފުރިހަމަ️️️️

  31. މުހައްމަދު

    ވަރަށްވެސް ފުރިހަމަ

  32. ފުރިހަމަ

  33. ސީރީން

    ވަރައްފުރި ހަމަ ކިޔާ ހިތްވި ވާހަކަ އެއް!

  34. ހަލީލު

    ވަވަރަށްރީތި

  35. ހުސެން

    ވަރައް ފުރިހަމަ ރީތި ވާހަކަ އެއް.

    • ިއިއްޒަ

      ވ. ކަމުދިޔަ ވާހަކައެއް

  36. ޢުލާ

    ވަރަށް ފުރިހަމަ ރީތި ވާހަކައެއް މި ޒަމާނު ވަރަށް ބޭނުން ތެރި މަސައްކަތެއް މީ …

  37. ޕުރިންސިޕަލް

    ވަރަށް ޗާލު. މުޅިންވެސް ދިވެހި ބަސް ބޭނުންކޮއްލި ނަމަ ވަރަށް ފުރިހަމަވާނެ. ކޮންމެއަކަސް ރަށްފުށުގަ 90 އިން ކުރީގަ އުޅުނު މީހުނަށް ވަރަށް ފަހުމްގެ ބައި ބޮޑުވެފަ ޗާލުވާނެ.

  38. ސިރޫ

    ވަރަށް ފުރިހަ އިބުރަތް ތެރި ތަފާތު ވާހަކައެއް!! ދިވެހި ބަހުގެ ހަމަތަކަށް ލޯބިކުރައްވާ މިފަދަ ގެއލިފައިވާ އުސްތާޒުން ފެނި ވަރަށް އުފައުވޭ!!

  39. ޢިމްރާން ޢިސްމާޢީލް

    ރަށްފުށުގެ ދިރިއުޅުން ސިފަވެގެންދިޔަ ވރަށްރީތި ހިތްގައިމު ވާހަކައެއް
    ފައިސަލް މީކީ އާދައިގެ ބޭފުޅެއް ނޫން

  40. އިސްޙާޤު ނަޢީމް

    ލިޔާ ވާހަކަތަކުން އަބަދުވެސް ތަފާތު ފެނޭ. އުފެއްދުންތެރި ޚިޔާލުތައް އެކުލެވިފައިވާ ރީތި ވާހަކައެއް.

  41. ނާދީ

    ވަރަށް ފުރިހަމަ،ޢިބުރަތްތެރި،ވާޙަކައެއް!

  42. އިބްރާހިމް

    ފައިސަލް އަކީ ވާހަކަދެެއްކުމުގަޔާއި ލިއުމުގައި ތަފާތު ހިތްގައިމު ގޮތެއް ގެންގުޅުއްވާ ބޭފުޅެއް.

  43. މުހައްމަދު

    ރީތި ވާހަކަ އެއް

  44. ޢެކުވެރިޔާ

    ޥަރަށްފުރިހަމަ. ލިޔުންތެރިޔާގެ ޙަޔާތާއި ގުޅުމެއް ނުވޭބާއޭ ހިތައްއަރާ…

  45. ޢަބުދު ﷲ ފައިސަލް(ތުއްތު)

    ތުއްތުގެ މި ކުރުވާހަކަ ކިޔުއްވައި ވަރަށް ފުރިހަމަ އެހާމެ ބޭނުންތެރި ހިޔާލް ތަކެއް ހިއްސާ ކޮއްލެއްވީތީ ހިތުގެ އެންމެ ފުންމިނުން ޝުކުރު ވެރި ވަމެވެ! އަދި އެހިޔާލް ތައް އުފަލާއި އެކު ބަލައި ގަންނަމެވެ! ލިބިފައިވާ ކޮމަންޓް ތަކަށް ވިސްނާއިރު މިޒަމާނުގައިވެސް ދިވެހި ވަންތަކަމަށް ލޯބި ކުރާ ދިވެހި ބަހާ، ސަގާފަތް ދިރުވަން ބޭނުންވާ ބަޔަކު ވާތަން ފެނުމުން ވަރަށް އުފައު ކުރަމެވެ!

  46. ހަސަނު

    މި ވާހަކަ ކޮންމެވެސް މިއުޅޭ ކިބުލައް ނުދައްކާތި އެ ގޮލާ ވަރައ ހިތް ދެރަވާނެ…

  47. ފަޒީލް

    ގަދަ