ޚަބަރު

ދެ ޑޯޒް ފުރިހަމަ ކުރެވެންދެން، ވެކްސިން ކާޑު ލެމިނޭޓް ނުކޮށް މަޑުކޮށްލަން އެދިއްޖެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރެވެންދެން، ވެކްސިން ކާޑު ލެމިނޭޓް ނުކޮށް މަޑުކޮށްލަން ހެލްތު އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން އެދިއްޖެއެވެ.

Ads by Sosun Fihaara

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ހޮނިހިރު ދުވަހު ފެށިއިރު، ވެކްސިންކާޑު ލެމިނޭޓް ކޮށްގެން ބައެއް މީހުން ގޮސްފައިވާ ކަމަށެވެ.

މިގޮތަށް  ކަންތައް ކުރުމުން ވެކްސިންކާޑުގައި ދެވަނަ ޑޯޒް ފުރިަހަމަ ކުރިކަން އަންގައިދީ މަޢުލޫމާތު ލިޔުމަށް ދަތިވާކަން ފާހަގަ ކުރައްވާ ޑރ. ނަޒްލާ ވަނީ ދެވަނަ ޑޯޒް ޖެހުމަށް ފަހު ވެކްސިން ކާޑު ލެމިނޭޓްކުރަން މަޑުކުރުމަށް ގޮވާލައްވައިފައެވެ.

ކޮވިޑް-19އިން ދިފާޢުވުމަށް ދެވަނަ ޑޯޒްޖެހުމުގެ ކަންކަން ހޮނިހިރު ދުވަހު ފަށާފައި ވާއިރު، ވެކްސިން ޖެހުމަށް އެންމެ ބޭނުންވާ ވަރަށް ތަރުޙީބު ލިބެމުން ނުދާކަން ވެސް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މި ވެކްސިންގެ ބާރު އެންމެ އެކަށޭނަ ގޮތެއްގައި ފެންނާނީ ވެކްސިން ޖަހާތާ 8 ހަފުތާގެ ތެރޭގައި ދެވަނަ ޑޯޒް ޖެހުމުން ކަމަށެވެ. މި ސަބަބަށް ޓަކައި ވެކްސިން ޖެހިތާ 8 ހަފުތާ ފުރިހަމަ ވާއިރަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އަވަސްވެގަތުމަށް ވެސް ޑރ. ނަޒްލާ ގޮވައިލެއްވިއެވެ.

އެހެން ނަމަވެސް ޒަރޫރީ ހާލަތެއްގެ ގޮތުގައި ބަލައި، ސިއްޙީ ބޭނުމަކަށް ނުވަތަ ތަޢުލީމު ހާސިލު ކުރުމަށް ޤައުމުން ބޭރަށް ދާން ޖެހޭނަމަ، ދެވަނަ ޑޯޒް އޭގެ ކުރިން ޖަހައިދެއްވާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ދާއިރު، ކުރިން ވެކްސިން ޖެހި ކާޑާއި ކާކުކަން އަންގައިދޭ ލިޔުމެއް ގެންދިޔުމަށް ވެސް ޑރ. ނަޒްލާ ހަނދާން ކޮށްދެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!