އަކްޝޭ ވެސް ކޮވިޑަށް ފައްސިވެ، ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފި
އެކްޝަން ފިލްމުތައް ކުޅުމުން ބޮޑަށް މަޝްހޫރުވެ، ބޮލީވުޑްގެ "ކިލާޅީ" ގެ ލަގަބު ލިބިފައިވާ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރް ވެސް ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
އަކްޝޭ ކޮވިޑަށް ފައްސި ވެފައިވާކަން ހާމަ ކުރީ އިއްޔެއެވެ. ހޯމް ކަރަންޓީނުގައި ހުރުމަށް ފަހު މިއަދު އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި ކަމަށް ރިޕޯޓުތަކުން ބުނެފައި ވެއެވެ. ނަމަވެސް އަކްޝޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި އެޑްމިޓުވީ އޭނަގެ ޑޮކްޓަރުންގެ އިރުޝާދުގެ މަތިން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
އަކްޝޭއަކީ ފިލްމީ ދާއިރާގެ ގިނަ ބަޔަކު އިޙްތިރާމު ކުރާ އެކްޓަރަކަށްވުމުން، އޭނާއަށް އަވަސް ޝިފާއެއް ލިބުމަށް އެދި އެތައް ބަޔަކު ވަނީ މެސެޖު ކޮށްފައެވެ.
ރިޕޯޓު ތަކުން ބުނާ ގޮތުގައި، އަކްޝޭއާ އެކު މި ދުވަސްވަރު "ރާމް ސޭތޫ" ފިލްމުގައި މަސައްކަތްކުރާ 45 ޖޫނިއަރ އާޓިސްޓެއް ވެސް ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އެ އެންމެން ވެސް މި ވަގުތު ތިބީ ހޯމް ކަރަންޓީނުގައެވެ.
ފިލްމުގެ ލީޑް އެކްޓަރާއި އިތުރު ގިނަ ބަޔަކު ކޮވިޑަށް ފައްސި ވެފައިވުމުން ފިލްމު "ރާމް ސެތޫ" ގެ މަސައްކަތް މި ވަގުތު ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.
އިންޑިއާގައި އަނެއްކާ ވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު ގިނަ ތަރިންތަކެއް ވަނީ މި ބައްޔަށް ފައްސިވެފައެވެ. އެ ގޮތުން މަޝްހޫރު ތަރި ރަންބީރް ކަޕޫރާއި، އާލިއާ ބަޓް، އަދި އާމިރް ޚާންގެ އިތުރުން "އަނޫޕަމާ" ސީރީޒްގެ ރުޕާލީ ވެސް ދާދި ފަހުން ވަނީ މި ބައްޔަށް ފައްސި ވެފައެވެ.