ރާއްޖެއަކީ އައިއެސްގެ ދައުލަތުގެ ބަޔަކަށް ހެދުމަށް މިތަނުގައި އެމީހުންގެ ނެޓްވޯކު ހިންގާ: ނަޝީދު
ރާއްޖެއަކީ އައިއެސްގެ ދައުލަތުގެ ބަޔަކަށް ހެދުމަށް މިތަނުގައި އެމީހުންގެ ނެޓްވޯކު ހިންގާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖެގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައެވެ.
އެގޮތުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ތަފާތު ފިކުރު އުފެދިގެން އަންނަ ކަމަށާއި، އެއް ދައުލަތެއްގެ ގޮތުގައި އަރަބި ކަރާގައި އުފެދޭ ރޫހު އަބަދުވެސްމި ދިވެހި ދައުލަތް އޭގެ ތެރެއަން ގެންދަން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ޝާމް އާއި އައިއެސް ޖަމާއަތުން ހިންގާ މަސައްކަތުގައި ދިވެހި ރާއްޖެ އަކީ އެ މީހުންގެ ދައުލަތުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖޭގައި އެ މީހުންގެ ނެޓްވޯޓު ހިންގާ ކަމަށާއި އެއީ މިހާރު ރާއްޖޭގެ އިދާރާތަކަށް ސާފުވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ނަމަވެސް އަޅުގަނޑުމެންގެ ރައްޔިތުންނާއި އަޅުގަނޑުމެންގެ ސިފައިން މިތިބީ ޔަގީން ކަށަވަރު މި ދިވެހިރާއްޖޭގެ މިނިވަންކަން ކުޑަވެސް މިންވަރަކަށްދޫކުރާކަށެއް ނޫން. އިރާދަ ކުރެއްވިއްޔާ އިންޑިއާ ކަނޑުގައި ދިވެހިން އަބަދުވެސް ދެމި ތިބޭނީ ވަރުގަދަކަމާ އެކީގައި." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މިއަދު ރާއްޖޭގެ ރައްޔިތުން ފާހަގަކުރާ މިނިވަންކަމަކީ އިނގިރޭސީންގެ އަޅުވެތިކަމުން މިޤައުމު މިނިވަންވުމުގެ އުފާކަމަށެވެ. ދިވެހިން މިއަދު މިދެކޭ މިނިވަންކަން އެންމެބޮޑަށް ގުޅިފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަށްކަމަށް އިޝާރާތްކޮށް ރައީސް ނަޝީދު ވަނީ މިކަނޑުގެ މިނިވަންކަން ދެމެހެއްޓުމުގައި ދިވެހި ސިފައިން ވަމުންދާ ގުރުބާނީއަށް ތައުރީފް ކުރައްވާފައެވެ.
"ޒަމާނުއްސުރެއް ދިވެހިން އައީ އިންޑިޔާ ކަނޑުގައި މަސައްކަތް ކުރަމުން. ދަތުރުކުރަމުން. ވިޔަފާރި ކުރަމުން. ދިރިއުޅެމުން. މިކަނޑަކީ އަޅުގަނޑުމެންގެ ކަނޑު. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެންގެ ސިފައިން، މިތިބީ އަޅުގަނޑަށް ޔަގީން ކަށަވަރު މިރާއްޖޭގެ މިނިވަންކަން ކުޑަ މިނިްވަރަކަށްވެސް ދޫކުރާކަށެއްނޫން. އިރާދަކުރެއްވިއްޔަ އިންޑިޔާ ކަނޑުގައި ދިވެހިން އަބަދުވެސް ދެމިތިބޭނީ ވަރުގަދަކަމާއިއެކުގައި" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، 1800 އަހަރު ތަކުގައި އިންޑިޔާ ކަނޑުގެ އާރާއި ބާރަކީ އިގިރޭސީންގް އަތް ދަށުގައި އޮތް އެއްޗަކަށް ވީނަމަވެސް މިއަދު އެކަން ބަދަލުވެ މިސަރަހައްދުގެ ގައުމުތަކަށް މިނިވަންކަމާއިއެކު ވިޔަފާރިކުރުމާއި، ދަތުރުފަތުރު ކުރުމަށް ހުޅުވާލެވިފައިވާކަމަށެވެ. މިއީ މިނިވަކަންކަމުގެ އުފާ އެންމެބޮޑަށް ލިބިގެންދާ އެއްސަބަބުކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.