ޖާބިރުގެ މެސެޖް: ހަގީގީ މިނިވަންކަމުގެ އިހުސާސް ކުރެވޭނީ އިގުތިސާދު ކޮޅަށްޖެހި ގައުމުތަކުން ލޯނު ނެގުން ހުއްޓިގެން
ދިވެހިރާއްޖެއިން ބޭރު ގައުމުތަކަށް ބަރޯސާ ނުވެ އުޅެވޭނީ ރާއްޖޭގެ އިގުތިސާދު ނަގާ ކޮޅަށް ޖަހައިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހަހާއި ގުޅުވައިގެން "ދެން" އަށް ދެއްވި އިންޓަރވިއުއެއްގައި ކާށިދޫ ދާއިރާގެ މެންބަރު ވިދާޅުވީ، މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ ރާއްޖޭގެ މިނިވަންކަމަށްޓަކައި ދިވެހި ކާބަފައިން ކުރެއްވި މަތިވެރި ޤުރުބާނީ ކަމަށެވެ.
ޖާބިރު ވިދާޅުވީ މިނިވަން ދުވަސް އައިއިރު ދިވެހިން ތިބެން ޖެހިފައިމިވަނީ ބަންދެއްގައި ކަމަށާއި، ރާއްޖޭގެ އިގުތިސާދު އޮތީ ވަރަށް ނާޒުކުފައްތަރެއްގައިކަމަށެވެ. އަދި ހަގީގީ މިނިވަންކަމުގެ އިހުސާސްކުރެވޭނީ، އިގުތިސާދު ނަގާކޮޅަށް ޖެހިގެންކަމަށްެވެސް ވިދާޅުވިއެވެ. އެހެންކަމުން އިގުތިސާދުކޮޅަށް ޖެހުމަށް އެންމެން މަސައްކަތް ކުރަން ޖެހޭކަމަށާއި، ޚާއްސަކޮށް ނޫކަށިފުރަައިގެ ޒުވާނުން މިއަދު މަސައްކަތަށް ނިކުންނަށް ޖެހޭކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، އިގުތިސާދު ވީރާނާވުމުގެ ސަބަބުން ދިވެހިން ޖެހެނީ އަބަދުވެސް ބޭރުން ލޯނު ނަގަން ކަމަށެވެ. އެހެން ކަމުން އެއީ އެ ގައުމުތަކަށް ވަރަށް ބޮޑަށް ބަރޯސާ ވާން ޖެހޭ ސަބަބެއްކަމަށެވެ.
"މިނިވަންކަމުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އަބަދުވެސް އަޅުގަނޑުމެން މި ޖެހެނީ ބޭރު ގައުމުތަކުން ލޯނު ނަގައިގެން އެ ގައުމުތަކަށް ބަރޯސާވާން. އެއީ ހަގީގީ މިނިވަން ކަމެއް ނޫން. އަޅުގަނޑުމެން ހަގީގީ މިނިވަންކަމުގެ އިހުސާސް ކުރެވޭނީ އިގުތިސާދު މިނިވަންވެ، ބޭރު ގައުމުތަކުން ލޯނު ނެގުން ހުއްޓިގެން" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނީ މިނިވަން ދުވަސް ފާހަގަކުރާއިރު، ސަރުކާރުގައި ހުރި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންގެ ޙައްޤުތައް ދޫކޮށްލުމަށް ގޮވާލައްވާފައެވެ. އަދި ޕްރައިވެޓް ސެކްޓަރަށް ސަރުކާރުތަކުން ކުރާ ޖެއްސުމާއި އުދަގޫތައް ނައްތާލާ، ކުރީ ސަރުކާރުތަކުން އެ ފަރާތްތަކަށް ދީފައި ހުރި ގެއްލުންތަކުން އަރައިގަނެވޭނެ މަގު ކޮށާދެއްވުމަށްވެސް ޖާބިރު ވަނީ ގޮވާލައްވާފައެވެ.
ޖާބިރުވަނީ 55ވަނަ މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހިރައްޔިތުންނަށް އަރިސްކުރައްވާފައެވެ.