"އެއް ގަޑި ބައި މަގޭ މަންމައަށް ލަސްވީ، އެއްގަޑި ބައި"
"އެއްގަޑި ބައި މަގޭ މަންމައަށް ލަސްވީ، އެއްގަޑި ބައި" މިއީ ދިވެހީންގެ ތެރޭގައި ވަރަށް މަގުބޫލު ލަވައެކެވެ. މި ލަވައިގައި ކިޔައިދެނީ ކުއްޖަކު ގެއަށް ނުގޮސް ލަސްވުމުން އޭނާގެ މަންމަ ގުޅުމުން އޭނާ ދޭ ޖަވާބެވެ. ކޮންމެއަކަސް ދައްކަން މި އުޅެނީ އެ ލަވައިގެ ވާހަކައެއް ނޫނެވެ. އެ ލަވަައިގައި ވާ ގޮތުގެ ވާހަކައެއް ވެސް ނޫނެވެ.
އަޅުގަނޑުމެންގެ ބިޒީ ޝެޑިއުލް ހުންނަ ގޮތުން ބައެއް ފަހަރަށް ގެއަށް މި ދެވެނީ ދަންވަރު ބާރަ އެކެއް ޖަހާ ފަހުންނެވެ. އެކަމާމެދު އަޅުގަނޑުމެންގެ މަންމަ އާއި ބައްޕަ ފިޔަވައި ދެން ވަކި ކަންބޮޑުވާން ތިބީ ކޮން ބައެއް ހެއްޔެވެ. މަންމަ ނުވަތަ ބައްޕަ ގުޅާލައިފައި ދަރިފުޅާ ހާދަ ލަސްވެއްޖެއޭ ބުނީމާ އަހަންނަކީ ބޮޑު ކުއްޖެކޭ ބުނުމަކީ ހައްލެން ނޫންކަން އަޅުގަނޑުމެން މިއަދު ދަންނަން ޖެހެއެވެ. އެހެނީ މައިންބަފައިންނަށް ދަރީން ދުވަހަކު ވެސް ބޮޑު ނުވާނެތީއެވެ.
ބައެއް ފަހަރަށް މުހިންމު ކަމެއް ދިމާވެގެން ގެއަށް އަވަހަށް ނުދެވުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތްތަކުގައި މަންމަ އާއި ބައްޕައަށް އެކަން އަންގަން ވާނެއެވެ. އަދި ބޭރުގައި އުޅުނަސް , އެއްވެސް ކަހަލަ ވިޔާނުދާ ކަމެއްގައި އުޅެގެން ނުވާނެއެވެ. މަންމަ އާއި ބައްޕަ ދެރަވާ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
އެއް ގަޑި ބައި ވީމާ މަންމައަށް ހަގީގަތުގައި ވެސް ލަސް ވާނެއެވެ. ދަރިފުޅު ވީތަނެއް ނޭނގިގެން ހާސް ވެސް ވާނެއެވެ. ދަރިފުޅު ގެއަށް އައީމަ ނޫނީ އެ މަންމަގެ ލޮލަކަށް ނިންޖެއް ނާންނާނެއެވެ. އެހެންކަމުން ތިމަންނާ ބޮޑޭ އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ ކިޔާނެ ކަމެއް ނެތެވެ. މަންމަގެ ނަޒަރުގައި އަދިވެސް ތިބާއަކީ ކިރުބޯ ޅަ ކުއްޖެކެވެ. އެހެންކަމުން ވީ ވަރަކުން އަވަހަށް ގެއަށް ވަނުމަކީ ހައްލެވެ.