ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ކަންކަން ނުކުރަން އެމްއެމްސީން އިލްތިމާސްކޮށްފި
ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ކަންކަން ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ނޫސްވެރިކަމުގެ މަސައްކަތްކުރުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށާއި އެ މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ލިބޭކަން ޔަގީން ކުރުމަކީ އެ ކައުންސިލްގެ ގާނޫނީ ޒިންމާއެއް ކަމަށާއި، އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އަދި އެހެނިހެން އިދާރާތަކުން ވެސް މީޑިއާގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ކަމެއްކުރުމަކީ އެ އެ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތަކާއި އެނޫންވެސް އެފަދަ ބައެއް ހަރަކާތްތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން މީޑިއާ ކައުންސިލުން ފާހަގަކޮށްފައި ވެއެވެ.
އެގޮތުން، ބ އަތޮޅު ބޮޑުފިނޮޅުގައި ދާދިފަހުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަވަރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން މީޑިއާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަމަށާއި މިމަހުގެ 26 ވަނަ ދުވަހު މާލޭގެ ބައެއް މަގުތަކުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭއްވި މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށްވެސް ފުލުހުންގެ ފަރާތުން ހުރަސްތައް ކުރިމަތިވެފައިވާކަމުގެ ޝަކުވާ އެ ކައުންސިލްގެ މެންބަރުންނަށް ލިބފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ.
އެގޮތުން މުޒާހަރާގެ މަންޒަރު ނުފެންނަ ހިސާބަށް ނޫސްވެރިން ދުރަށް ޖެއްސުމާއި، އެނޫންވެސް މުޒާހަރާގައި ހިނގަމުންދާ ކަންކަން ކަވަރުކުރަން ހުރަސް އެޅޭފަދަ ބައެއް ކަންކަން ފުލުހުންގެ ފަރާތުން ކުރިމަތިވެފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެކައުންސިލުން ބުނެއެވެ.
މީޑިއާ ކައުންސިލުން ބުނީ، ގާނޫނު ނަންބަރު 2013/1 "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު"ގެ 43 ވަނަ މާއްދާގެ (ބ) ގައި "މީޑިއާގެ މަސައްކަތަށް ހުރަސްއެޅުން" އެއީ މުޒާހަރާތަކުގައިވެސް ފުލުހުންނަށް ނުކުރެވޭނެ ކަންކަމުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން، ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ލިބިދިނުމަށްޓަކައި، ގައުމުގައި ހިނގާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި މީޑިއާއާއި ނޫސްވެރިންގެ މަސައްކަތަށް ހުރަސްނޭޅޭ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމަބެހޭ އެންމެހާ މުއައްސަސާތަކަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި މި ދަނޑިވަޅުގައި ރާއްޖޭގެ އެންމެހައި މީޑިއާތަކާއި ނޫސްވެރިންވެސް ގާނޫނު ނަންބަރު 2013/1 "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު"ގެ އިމުގެ ތެރޭގައި މިފަދަ ކަންކަން ކަވަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.