އުފާވެރި ހަނދާންތައް ރައްކާކުރުމުގެ މަސްރަޙުގެ އެންމެ ކުރިއަށް މަސްރަހް!

އެކި މީހުންގެ އުފާވެރި ހަނދާންތައް ރައްކާ ކުރުމަކީ އޭނާ މަސައްކަތެވެ. ކައިވެނީގެ ހަފްލާއެއް ވިޔަސް ، އެނިވަރސަރީއެއް ނުވަތަ އުފަންދުވަހުގެ ހަފްލާއެއްގެ އިތުރުން ޚާއްޞަ މުނާސަބަތުތަކުގެ އުފާވެރިކަން ފުރިހަމަ ކޮށްލުމަކީ އޭނާގެ އުފަލެވެ. އަމިއްލަ މަސައްކަތުން އުފައްދާ ތަކެއްޗާއެކު އުފެއްދުންތެރި ޚިޔާލާއެކު ހަފްލާތަކަށް މުއްސަނދިކަން ގެނެސްދިނުމަކީ އޭނާގެ ޝައުގެވެ.
އެ މީހަކީ ޢަލީ މަސްރަޙެވެ. ފޮޓޯ ގްރަފީއާއި ވަޑާން ކުރުމުގެ އިތުރުން ވެޑިން ޕްލޭނިންގެ ހުރިހާ ކަމެއް ވެސް އަމިއްލައަށް ދަސްކޮށް މި ފަންނުތަކުގައި ގިނަ ބައެއްގެ މަގުބޫލްކަން ހޯދައިފައިވާ މަސްރަޙުގެ ވާހަކަތަކުން ސާބިތު ކޮށްދިން އެއް ކަމެއް ޔަގީނުން ވެސް އެބައޮތެވެ. ކުރަން މަސައްކަތް ކުރުމުން ކޮންމެ ކަމެއް ވެސް ވާނެއެވެ. ބޭނުން ވަނީ ކުޑަކުޑަ ހިތްވަރެކެވެ.

މަސްރަޙްގެ ފޮޓޯގްރަފީ ދަތުރު ކުރުކޮށް، ފޮނިކޮށް
އޭނާގެ ފުރަތަމަ ކުރި މަސައްކަތަކީ ކުރެހުމެވެ. ރޮނގުތަކަށް ބައްޓަމެއް ގެނެސް، މީހުން އާޝޯޚު ކުރުވަނިވި ތަސްވީރުުތައް ކުރެހުމުގެ ހުނަރުވެރި މަސައްކަތަށްފަހު މަސްރަޙް ދެން ގުޅުނީ މިޔުޒިކްގެ ދާއިރާއާއެވެ. އެއަށްފަހު އޭނާގެ މިސްރާބު ދެން ބަދަލު ކޮށްލީ ފޮޓޯގްރަފީއާއި ދިމާލަށެވެ.
"މީހުންގެ ޕޯޓްރެއިޓް ކުރިން ކުރެހީ. އެހެންވެ މީހުންގެ ތަސްވީރުތަކަށާއި އެކި މަންޒަރުތަކަށް ޝައުޤުވެރިކަން ވަނީ އުފެދިފަ. އޭރު ކެމެރާފަދަ ޒަމާނީ އެއްޗެހި ނުއެއް ފެނޭ. ކުޅުދުއްފުށިން ރަށަށް ވަރަށް ކުރިން ދިޔައިރު ފެނުނީ ފިލްމު ކެމެރާއެއް. ކެމެރާ ފެނިގެން ބޮޑަށް އިންސްޕަޔަރވީ ފޮޓޯގްރަފީއަށް. އުމުރުން އޭރު 11 ނުވަތަ 12 އަހަރުވަރު ވާނީ" މަސްރަޙް ކިޔައިދިނެވެ.

މަސްރަޙު ނަގައިދީފައިވާ ފޮޓޯޝޫޓެއްގެ ތެރެއިން/ ފޮޓޯ: މަސްރަޙް ޢަލީ
މަސްރަޙް ބުނި ގޮތުގައި އޭރު ކެމެރާއެއް ފެނުނު ކަމުގައި ވިޔަސް، ފޮޓޯ ނެގުމުގެ ފުރަސަތެއް އޭރަކު އޭނާއަކަށް ނުލިބެއެވެ. އެހެންކަމުން އޭނާ ދިޔައީ ކުރެހުމުގައި ކުރިއަށެވެ. ސްކޫލް ނިމިގެން މިޔުޒިކް ދާއިރާގައި ދުވަސްކޮޅަކު އުޅުމަށްފަހު އެ ދާއިރާ ދޫކޮށްލާފައި އޭނާ ދެން މިސްރާބު ބަދަލުވީ ސްކޫލް ދައުރުގައި ވެސް ޝައުޤު އޮތް ފޮޓޯ ނެގުމަށެވެ.
"މިޔުޒިކް ދާއިރާއިން ވަކިވުމަށްފަހު ދިޔައީ ރިސޯޓަކަށް. އެތަނުން ކެމެރާއެއް ލިބުނީ. ފުރަތަމަ ލިބުނީ ޑީއެސްއެލްއާރް ކެމެރާއެއް ނޫން. ސްނެޕްޝޮޓް ކެމެރާއެއް. އެއީ ލެންސް ވަކި ނުކުރެވޭ ކަހަލަ ކުދި ކެމެރާ. ފަހުން އަމިއްލައަށް ޑީއެސްއެލްއާރް ކެމެރާއެއް ހޯދައިފައި ޑިޖިޓަލް ކެމެރާ ދެން ހޯދީ. އެއީ 2009 ގައި" މަސްރަހް ކިޔައިދިނެވެ.

މަސްރަޙު ނަގައިދީފައިވާ ފޮޓޯޝޫޓެއްގެ ތެރެއިން/ ފޮޓޯ: މަސްރަޙް ޢަލީ
މަސްރަޙް ބުނީ ވިޔަފާރި އުޞޫލުން ފޮޓޯގްރަފީގެ މަސައްކަތް ކުރަން ފެށީ ޑިޖިޓަލް ކެމެރާއެއް ލިބުނު ހިސާބުން ފެށިގެން ކަމަށެވެ. އެ ގޮތުން ކައިވެނީގެ ފޮޓޯތައް ނަގަން ފެށުމުގެ އިތުރުން ސްޓޫޑިއޯއެއްގައި ފަސް ވަރަކަށް މަސް ވަންދެން މަސައްކަތް ކުރި ކަމަށް ވެސް މަޝްރަޙް ބުންޏެވެ. ނަމަވެސް ސްޓޫޑިއޯއެއްގައި އެ މަސައްކަތް އިތުރަށް ފުޅާ ނުވާކަމަށް އިހުސާސް ކުރެވުމުން ސްޓޫޑިއޯ ދޫކޮށްލާފައި އޭނާ މަސައްކަތް ކުރަން ފެށީ ފްރީލޭންސް ކޮށެވެ.
މާވަޑިކަމާއި ވެޑިންގ ޕްލޭން ކުރުން
މަސްރަޙްއަކީ އެންމެ މަސައްކަތެއް ކުރާ ނުވަތަ އެންމެ ހުނަރެއް ލިބިފައިވާ މީހެއް ނޫނެވެ.
އެންމެ ދާއިރާއެއްގައި އުޅުމަކީ އޭނާ ގަބޫލުކުރާ ފަލްސަފާއެއް ނޫނެވެ.
ބޭނުމެއް ނުވޭ އެންމެ ކަމަކުން ކުރިއަރާކަށް. ބޭނުންވަނީ ޝައުޤުވެރިކަން ހުންނަ ކަމެއްނަމަ އެކަމެއް ދަސްކޮށްގެން، އެ މަސައްކަތް ވެސް ކުރަން. އެ ހުނަރު ވެސް ލިބިގަންނަން
މާވަޑިކަމާއި ވެޑިންގ ޕްލޭން ކުރުން ފަދަ ކަންކަމުގައި ވެސް އޭނާ ދަނީ ތަފާތު ދައްކަމުންނެވެ، ކޮވިޑް-19އާ ގުޅިގެން މި މަސައްކަތްތައް މަޑު ޖައްސައިލައިފައި ވީ ނަމަވެސް އޭނާގެ އުއްމީދަކީ މި ދާއިރާތަކުން ވެސް އޭނާގެ ހުނަރު ކުރިއެރުވުމެވެ.

"މިދިޔަ އަހަރު މި ރަށަށް (ގއ.ދާންދޫއަށް) އައި ފަހުން މިދުވަސްކޮޅު އަދި މިހުރީ ކުޑަކޮށް މާކެޓް ދޫކޮށްލެވިފަ. މިއި އުފަން ރަށެއް ނޫން. އުފަން ރަށަކީ ގއ. ދިޔަދޫ. އެކަމަކު މިރަށުގައި މިހާރު މިވަނީ ރެޖިސްޓަރ ކުރެވިފަ އާއިލާ ވެސް މިކޮޅުގައި ތިބުމާއެކީ. އެންމެ ކުޑައިރުއްސުރެ ވެސް އެކިކަހަލަ މަސައްކަތް ކުރަން. މައިންބަފައިންނަކީ ވެސް އެގޮތުން އެކިއެކި މަސައްކަތްތައް ކުރި ބައެއް. ބައްޕައަކީ ރާނާ މީހެއް، ބޯކޮށުމުގެ ކަންކަން ވެސް ކުރާނެ. ބައްޕައާއި މަންމައަކީ ވެސް ފަހާ ދެ މީހުން. އެހެންވީމަ އެކިކަހަލަ ހުނަރު ލިބުމަކީ އާއިލާ ފަރާތުން ވެސް ލިބުނު ކަމެއް" މަސްރަޙް ބުންޏެވެ.
.

މަސްރަޙް، ކައިވެނި ޚަފްލާއެއް ތައްޔާރު ކުރުމުގެ މަސައްކަތުގައި/ ފޮޓޯ ދެން އަށް ހަދިޔާ ކުރީ މަސްރަހް
ފްރީލޭންސް ފޮޓޯގްރާފަރެއްގެ ގޮތުގައި އުޅުމަކީ ބުރަކަމެއް
ފްރީލޭންސް ފޮޓޯގްރަފީގެ މަސައްކަތަކީ ގިނަ ފަހަރަށް އެކަނި ކުރެވޭ މަސައްކަތަކަށް ވުމާއެކު އެއީ ބުރަ މަސައްކަތެކެވެ.
"ބައެއް ފަހަރު ކްލައިންޓް ބޭނުން ވެދާނެ ވީޑިއޯ ކުރަން ވެސް ފޮޓޯ ނަގަމުން. އެކަމަކު ދެ ކަމެއް އެއްކޮށެއް ނުއެއް ކުރެވޭނެތާ؟ އެހެންވީމަ އިތުރު އާޓިސްޓެއް ވެސް ޝާމިލުކޮށްގެން، މިސާލަކަށް ވީޑިއޯގްރާފަރަކާ ގުޅިގެން އެ މީހާއާއި ކްލައިންޓުންނާ ބައްދަލު ކުރުވައި ގްރޫޕް ގޮތަށް ފަހުން މަސައްކަތް ކުރަނީ." ފްރީލޭންސް ފޮޓޯގްރާފަރެއްގެ ގޮތުގައި އުޅޭއިރު ދިމާވާ ދަތިތައް ކިޔައިދެމުން މަސްރަޙް ބުންޏެވެ.

މަސްރަޙު ނަގައިދީފައިވާ ފޮޓޯޝޫޓެއްގެ ތެރެއިން/ ފޮޓޯ: މަސްރަޙް ޢަލީ
ވެޑިންގ ޕްލޭނިންގެ މަސައްކަތަކީ ވެސް ފަސޭހަ ކަމެއް ނޫން، އެކަމަކު ނުކުރެވޭނެ ކަމެއް ވެސް ނޫން
މަޝްރަޙްއަކީ ވަކި ކަމެއް ކުރާ ހިތް ވެއްޖެ ނަމަ އެކަމެއް ދަސްކޮށްގެން ކުރާ މީހެކެވެ. އެގޮތުން ވެޑިން ޕްލޭންކޮށް، ކައިވެނީގެ ޙަފްލާތަކުގެ އެރޭންޖްމަންޓް ކުރުމަކީ ވެސް އެފަދައިން ފެށުނު މަސައްކަތެކެވެ.
ކައިވެނީގެ ކަންކަން ހަމަޖެއްސުމުގައި މަޝްރަހް މަސައްކަތް ކުރީ ގްރޫޕަކާއެކުގައެވެ. ޑެކޮރޭޝަންގެ ކަންކަން ވެސް އެގޮތުން އޭނާ ބެލެހެއްޓިއެވެ.

މަސްރަޙް، ކައިވެނި ޚަފްލާއެއް ތައްޔާރު ކުރުމުގެ މަސައްކަތުގައި/ ފޮޓޯ ދެން އަށް ހަދިޔާ ކުރީ މަސްރަހް
"ކައިވެނި ކުރަން އަންނަ މީހުންނަށް އަޅުގަނޑުމެން ފުރަތަމަ ކިޔައިދެނީ މި މަސައްކަތް ކުރިއަށްދާނެ ގޮތް. އެމީހުންނަށް ގިނަ ފަހަރަށް ފެނިފައި ހުންނަނީ ބަޔަކު ނަގާފައިހުރި ފޮޓޯއެއް. އެ މަސައްކަތް ކުރިއަށްދާ ގޮތެއް އެމީހުންނަށް ފެނިފައެއް ނުވަތަ އެނގިފައެއް ނުހުރޭ. އެހެންވީމަ އަޅުގަނޑުމެން އެމީހުންނާ ބައްދަލުކޮށް ކިޔައިދެނީ މަސައްކަތް ކުރިއަށްދާނެ ގޮތް. އަދި އެމީހުންގެ ޚިޔާލުތައް ވެސް ހޯދަނީ. ވަރަށް ބޮޑަށް މަޝްވަރާ ކޮށްގެން ދެ ފަރާތުގެ ޚިޔާލާއި ބައެއް ފަހަރު އެމީހުންގެ އާއިލާގެ ޚިޔާލު ވެސް ހޯދައިގެން ކުރިއަށް ގެންދަނީ" މަސްރަހު ކިޔައިދިނެވެ.
އެންމެ ފުރިހަމައަށް ކައިވެންޏެއް ޕްލޭން ކުރަން އެދޭނަމަ، ވީހާވެސް ކުރިން ބުކް ކުރަން ބުނެފައިވާނެ ކަމަށް ވެސް މަސްރަޙް ބުންޏެވެ.
"ވެޑިންގްއެއް އަޅުގަނޑު މާނަ ކުރާ ގޮތަކީ، ދެ މީހެއްގެ ދިރިއުޅުމުގައި އަންނަ އެންމެ މުހިންމު އެއް ވަގުތުކޮޅޭ އެއީ، އެވަގުތު ކޮޅަކީ އެ ދެމީހުންގެ އާއިލާއާއި، އެކުވެރިންނާއި ގާތް މީހުންނަށް ވެސް ވަރަށް ޚާއްސަ ވަގުތުކޮޅެއް. އެންމެން ވެސް އުފަލާއެކު މަޖާކޮށްލަން ބޭނުންވާނެ ވަގުތުކޮޅެއް. ކައިވެނި ކުރާ ދެ މީހުން ތިބޭނީ އެހެން މީހުންނާއި ވަކިން. އަގުބޮޑުކޮށް ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުން ވެސް ގެންދަނީ އެ ޚާއްސަ ވަގުތުކޮޅު ކެޕްޗަރ ކުރަން. އެހެންވެ އަޅުގަނޑު އެމީހުންނަށް ކިޔައިދެނީ ޕާޓީގައި ފޮޓޯ ނަގާއިރު ވެސް ބޭނުންވަނީ ވަރަށް ކެންޑިޑްކޮށް ތިއްބާއޭ ފޮޓޯ ނަގަން" މަސްރަޙް ބުންޏެވެ.
މަސްރަޙް ބުނީ ފޮޓޯ ނެގޭ އެންމެ ސްޕޮޓެއް ހުރުމުގެ ބަދަލުގައި އޭނާ ބޭނުން ވަނީ އެމީހަކު ހުއްޓިލައިގެން ހުންނަ ކޮންމެ ތަނަކީ ވެސް ރީތި ފޮޓޯއެއް ނަގާލެވޭނެ ތަނަކަށް ހެދުން ކަމަށެވެ.
މަސްރަޙް ބުނީ ވެޑިންގް ޕްލޭން ކުރުމުގައި އަންހެން ކުއްޖާ ލައިގެން ހުންނަ ހެދުމާ ބެހޭގޮތުން ވެސް ޚިޔާލުދީ ހަދާ ކަމަށެވެ. އެގޮތުން އެ ހެދުމަކީ ފަހަތުން ވަރަށް ދިގު ހެދުމެއްނަމަ، ޕާޓީގައި ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރު ކޮޅަށް ހުންނައިރު، ހެދުން ބަރުކަމުން ވަރަށް އުނދަގޫ ވާނެ ވާހަކަ ވެސް ކިޔައިދޭކަމަށް މަސްރަހު ބުންޏެވެ.
މި ހިސާބަށް އާދެވުނީ އަމިއްލައަށް މަސައްކަތް ކޮށްގެން
މަސްރަޙްގެ މައިންބަފައިންނަކީ މުއްސަނދި ބައެއް ނޫނެވެ. ހުރިހާ ފަންނެއް ގައި ވެސް އޭނާ އުސްމިންތައް ހާސިލް ކުރީ އަމިއްލަ މަސައްކަތުންނެވެ،
"އަޅުގަނޑަކީ އަބަދުވެސް މަސައްކަތް ކުރާ މީހެއް. ރިސޯޓުގައި އުޅުނުއިރު ވެސް އަބަދުވެސް ވަޑާމުގެ މަސައްކަތެއް ނުވަތަ އެނޫން ވެސް ކޮންމެވެސް މަސައްކަތެއް ކުރުމުގައި އަޅުގަނޑު އުޅުނީ. ޑެސްކު ދޮށުގައި އިނދެ ކުރާ މަސައްކަތްތަކަކީ އެހާ ކަމުދާ މަސައްކަތްތަކެއް ނޫން. އަބަދުވެސް އަތްފައި ހެލުވެން ޖެހޭނެ" މަސްރަޙް ކިޔައިދިނެވެ.

މަސްރަޙު ނަގައިދީފައިވާ ފޮޓޯޝޫޓެއްގެ ތެރެއިން/ ފޮޓޯ: މަސްރަޙް ޢަލީ
އެއްވެސް ދާއިރާއަކީ އެހާ ފަސޭހައިން ކުރިއަށްދެވޭ ދާއިރާއެއް ނޫނެވެ. އެގޮތުން މަސްރަޙް ވަނީ ފޮޓޯގްރާފީގެ ދާއިރާގައި ވެސް އޭނާއަށް ކުރިމަތިވީ ދަތިތައް ހިއްސާ ކޮށްފައެވެ.
"ފޮޓޯގްރަފީގެ ދާއިރާގައި ކުރިމަތިވީ ދަތިތަކަކީ ޓެކްނޮލޮޖީއަށް އަންނަ އާއެއްޗެހިތައް ހޯދުން. އިންޓަނެޓް މެދުވެރިކޮށް ފެނޭ އެތަކެތި، އެކަމަކު ހޯދޭނެ ގޮތެއް ނުހުރޭ. ކުރިން އެމަސައްކަތް ކުރަން ފެށި ގޮތަކީ މީހުން އަތުން ލެންސެއް، ނުވަތަ އެ ނޫން ވެސް އެއްޗެއް ބޮރޯ ކޮށްލައިގެން މަސައްކަތް ކުރުން. ކެމެރާއަށް ލެންސެއް ލިބުނަސް ނުއެއް ނިމޭ. އެބަ ޖެހޭ ލެޕްޓޮޕެއް ވެސް ހޯދަން. ނަގާ ފޮޓޯތައް ޕްރޮސެސް ކުރެވޭނެ ގޮތް ހަދަން." މަސްރަޙް ކިޔައިދިނެވެ.

މަސްރަޙު ނަގައިދީފައިވާ ފޮޓޯޝޫޓެއްގެ ތެރެއިން/ ފޮޓޯ: މަސްރަޙް ޢަލީ
ފޮޓޯގްރަފީގެ ދާއިރާގައި ދިމާވި ދަތިތަކުން މަސްރަޙްއަށް އެހީތެރިވީ އޭނާގެ އެކުވެރި އަޙުމަދު މިޝާން (ބައްޓި) އެވެ. ބައްޓިއަކީ ވެސް ފޮޓޯގްރާފަރެއް ކަމަށާއި، އޭނާއަކީ ފެށުނީއްސުރެ މިހާތަނަށް ވެސް މަސްރަޙް ހުރިހާ ކަމެއްގައި ވެސް އެހީތެރިވި މީހެއްކަން މަޝްރަޙް ވަނީ ފާހަގަ ކޮށްފައެވެ. އަދި ބައްޓިއަށް އޭނާ ފަށްފަށުން ޝުކުރު އަދާ ކުރެއެވެ. އަދި އޭނާއާއެކު މަސައްކަތް ކުރާ މުޅި ޓީމަށް ވެސް މަސްރަހު ޝުކުރު އަދާ ކުރެއެވެ.
ޒުވާން ޖީލަށް ދޭން ބޭނުންވާ މެސެޖު
މަސްރަޙްއަކީ ހިންގުންތެރި، ހަރުދަނާ ޒުވާނެކެވެ. މަދުން ނޫނީ ނުފެންނަ ފަދަ ހީވާގި ފަހުލަވާނެކެވެ.
މަޝްރަޙް ވަނީ ޒުވާނުންނަށް ޚާއްޞަކޮށް މެސެޖެއް ދީފައެވެ. ކަންނެތް ނުވެ އަމިއްލަ ފުދުންތެރި ބަޔަކަށް ޒުވާނުން ވުމަކީ އޭނާގެ އާދޭހެވެ.

ފްރޭލޭންސް ފޮޓޯގްރާފަރ: މަސްރަޙް ޢަލީ
"އަޅުގަނޑު ބުނާނީ އަމިއްލަ ބުރަ މަސައްކަތުން އާމްދަނީ ހޯދުމުން އެ ލިބޭ ހިތްހަމަ ޖެހުން ހަގީގަތުގައި ވެސް ވަރަށް ބޮޑޭ. އަޅުގަނޑަށް ވެސް ވަރަށް ފަސޭހަވީސް މައިންބަފައިން ދިނީމަ ކާލައިގެން ހުންނަން. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ދޯ. އަޅުގަނޑު ބުނާނީ، ހުވަފެނެއް އޮތިއްޔާ އަޒުމެއް ކަނޑައަޅާށޭ، އަދި އެއަށްފަހު އެ އަޒުމު ނުވަތަ ލަނޑުދަނޑި ހާސިލު ކުރުމަށް އަމިއްލައަށް ބުރަ މަސައްކަތް ކުރާށޭ. މިކަމުގައި ބޭނުންވާނީ ހިތްވަރު. ބައެއް ފަހަރު އެކަނި ވެސް ހިތްވަރު ލިބިގަންނަން ޖެހޭނެ ފަހަރު އަންނާނެ. ކޮންމެ ކަމަކީ އެހާ ފަސޭހަ ކަމަކަށް ވެސް ނުވެދާނެ. އެކަމަކު ބުރަ މަސައްކަތުން ކުރާ ކޮންމެ ކަމެއް ވެސް ކޮށް ނިމުމުން، ނަތީޖާ ވަރަށް ފުރިހަމަ ވާނެ" މަސްރަޙް ބުންޏެވެ.
ފޮޓޯގްރަފީގައި މިއަދު މަގުބޫލް މަޝްރަޙްގެ ކޮންމެ ފޮޓޯއަކީ ވެސް އެތައް ބައިވަރު ވާހަކަތަކެކެވެ. ފޮޓޯތަކުން ފެންނަ ވަޑާމުގެ ސާމާނާއި މާހައުލުން ދައްކައިދެނީ މަޝްރަޙުގެ މަސައްކަތާއި އުފެއްދުންތެރި ޚިޔާލުތަކެކެވެ. އެ ފޮޓޯތަކުން އާއިލާތައް އެ ރައްކާކޮށްލަނީ އެތައް ހަނދާންތަކެކެވެ. ހަމަގައިމު ވެސް އެފަދަ ކޮންމެ އާއިލާއެއްގެ އުފާވެރި ހަނދާންތަކާ މަސްރަޙު ގުޅިފައި ވާނެއެވެ.