އޮސްޓްރޭލިއާ އިން 120000 ޑޮލަރުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި
ކޮވިޑް-19އާ ދެކޮޅަށް ރާއްޖޭގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށް 120،000 ޑޮަލަރުގެ ސާމާނު އޮސްޓްރޭލިޔާ އިން މިއަދު ހަދިޔާ ކޮށްފިއެވެ.
މިތަކެތި ރާއްޖެއާ ހަވާލުކޮށްދެއްވީ އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޑޭވިޑް ހޮލީ އާއި ޑިފެންސް އެޑްވައިޒަރު ގްރޫޕް ކެޕްޓަން ޝޯން އަންވިންއެވެ. ރާއްޖޭގެ ފަރާތުން މި ތަކެއްޗާއި ހަވާލުވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައިޅުއްވައިފައި ހުންނަވާ ހައިކޮމިޝަނަރު އުމަރު ރައްޒާގުއެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ އަންސެލް އިން އުފައްދާފައިވާ 12،000 އޯވަރއޯލް އާއި 200،000 އަންގި ހިމެނެއެވެ. މި ތަކެތީގެ ސަބަބުން ކޮވިޑްގެ ނުރައްކާ ކުޑަކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ލުއިފަސޭހައެއް ލިބޭނެ ކަމަށް އޮސްޓްރޭލިއާގެ ހައިކޮމިޝަނުން ބުނެއެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއަކީ އޮސްޓްރޭލިއާ އަކީ ޒަމާންވީ ރަހުމަތްތެރިއެއް ކަމަށާއި، ކޮވިޑާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި ދެމިތިބޭނެ ކަމާއި، އަދި ކޮވިޑާއި ގުޅިގެން ރާއްޖޭގެ ފްރަންޓްލައިނުގައި މަސައްކަތްކުރާ ފަރާތްތައް ބޭނުން ކުރުމަށް މިފަދަ އެހީއެއް ދެވުނުކަމަށްޓަކައި އުފާކުރައްވާކަން ހައިކޮމިޝަނަރު ޑޭވިޑް ހޮލީ ފާހަގަކުރެއްވިއެވެ.
އޮސްޓްރޭލިއާ އިން މިފަދަ އެހީއެއް ވެފައިވާއިރު ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރާ ހިދުމަތްތެރިންނަށް 150،000 ޑޮަލަރުގެ ސާމާނު އެމެރިކާ އިން ވެސް ވަނީ ހަދިޔާކޮށްފައެވެ.