ޚަބަރު

ވޯޓުލާން ރަށަށް ދިޔަޔަސް ރަށުގެ އިތުރު ތަންތަނަށް ނުދާން އިލްތިމާސްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދު ހެނދުނު ފެށިގެން ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން އެ މީހަކު ރެޖިސްޓްރީ ވެފައިވާ ރަށަށް ދަތުރު ކުރިކަމުގައި ވިޔަސް، ވޯޓުލާ ސަރަޙަައްދު ފިޔަވާ އިތުރު ތަންތަނަށް ނުދިޔުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކޮށްފިއެވެ.

Ads by MWSC

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް އެމީހަކު ވޯޓުލުމަށް ރެޖިސްޓްރީ ވެފައިވާ ރަށަށް ދަތުރު ކުރުމުގައި ސަމާލުވާން ޖެހޭ ކަންތައްތަކެއް އެޗްޕީއޭއިން ވަނީ އިއުލާނު ކޮށްފައެވެ.

އެ ގޮތުން އެޗްޕީއޭއިން ބުނެފައި ވަނީ ވޯޓުލާ ސަރަޙައްދު ފިޔަވާ ރަށުގެ އާންމު އެހެން ތަނަކަށް ނުދިޔުމަށެވެ.

އެމީހަކު ވޯޓުލުމަށް ރެޖިސްޓްރީ ވެފައިވާ ރަށަށް ދަތުރު ކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް:

▪︎ ހުރުމާއި ކެއުމުގެ އިންތިޒާމު އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން

▪︎ މީހުންނާ ބައްދަލު ނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން

▪︎ ގިނަ ވެގެން 48 ގަޑިއިރުގެ ތެރޭގައި އެ މީހަކު އައި ރަށަކަށް އެނބުރި ދިޔުން

▪︎ ދަތުރު ފެށުމުގެ ކުރިން، ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް، ދަތުރުކުރާ ތާރީޚާއި ރަށުގައި މަޑުކުރާނެ މުއްދަތާއި ރަށުގައި ހުންނާނެ ތަން އެންގުން

▪︎ ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިޔުމުގައި ޢަމަލު ކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތިން ޢަމަލު ކުރަންވާނެ

މި އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 273128 މީހަކަށެވެ.

ވޯޓުލާން މިފަހަރު 713 ފޮށި ބަހައްޓާފައިވާއިރު، ވޯޓުލުން މިވަގުތު ފެށިފައި ވަނީ 518 ފޮއްޓެއްގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!