ފުލުހުންނަށް ދެވޭ ކޮންމެ އަނިޔާއަކާ ދެކޮޅު، އެފަދަ ކަންކަން ކުރާ މީހުންނާމެދު ފިޔަވަޅު އަޅަން ޖެހޭ: މުއިއްޒު
ފުލުހުންނަށް ދެވޭ ކޮންމެ އަނިޔާއަކާ ދެކޮޅު ކަމަށާއި އެފަދަ ކަންކަން ކުރާ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރޭގެ އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވުމާ ގުޅިގެންނެވެ.
ހަމީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭގެ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހީ އެމީހުން ފުލުހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ކަމަށެވެ. އަދި އެހާ ބޮޑަށް ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި އެކަން ކުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންނާއި ސިފައިންނަކީ ގައުމުގެ އެންމެ މަތީ އިހްތިރާމް އާއި ގަދަރު ތާ އަބަދު ލިބިގެންވާ ބަޔެއް ކަމަށެވެ.
"ފުލުހުންނާ ސިފައިންނަށް ކުރެވޭ ކޮންމެ ފުރައްސާރައަކާއި، ދެވޭ ކޮންމެ ގެއްލުމަކާ ކުރެވޭ ކޮންމެ އަނިޔާއަކާ ދެކޮޅު ހަދަން، އެފަދަ ކަންކަން ކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަން ޖެހޭ." މުއިއްޒު ވިދާޅުވިއެވެ.
Dhivehi fuluhunnaa sifainnakee qaumuge emme mathee ihthiraam aai qadharu thaa abadhu libigenvaa bayeh. Fuluhunnaa sifainnah kurevey komme furassaara akaa,dhevey komme gellumakaa,kurevey komme aniyaa akaa dhekolhu hadhan.Efadha kankan kuraa faraaithah hoadhaa fiyavalhu alhanjehey
— Dr Mohamed Muizzu (@MMuizzu) July 29, 2020
މުޒާހަރާގެ ތެރެއިން ދެ ފުުލުހެއްގެ ގަޔަށް ކުޅާއެކު ހައްޕުނޑު ޖަހާފައިވާ ކަމަށާ އެކަން ކުރި މީހާ ހޯދާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް، ޕީއެންސީ އަކީ އެފަދަ ކަމެއް ކުރާނެ ބައެއް ނޫން ކަމަށާއި އެ ދެ ޕާޓީން އެފަދަ ކަމަކަށް ހިތްވަރުވެސް ނުދޭނެ ކަމަށެވެ.