މާލޭ މޭޔަރުކަމަށް ވާދަކުރެއްވި އަލްހާން ފަހުމީއަށް ލިބުނީ އެކެއް އިންސައްތަ ވޯޓު

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ މާލޭ މޭޔަރުކަމުގެ ގޮނޑި ބޮޑު ތަފާތަކުން ޕީޕީއެމްގެ ކެނޑިޑޭޓް މުހައްމަދު މުޢިއްޒު ކާމިޔާބު ކުރައްވާފައިވާއިރު މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެނޑިޑޭޓް އަލްހާން ފަހުމީއަށް ލިބިލެއްވީ އެންމެ އެކެއް އިންސައްތައެއްގެ ވޯޓެވެ.
މިހައިތަނަށް ސާފުވި ނަތީޖާތަކަށް ބަލާއިރު މާލޭގެ މޭޔަރު ކަމުގެ އިންތިޚާބުގައި މުޢިއްޒުއަށް ލިބިފައި ވަނީ 61.47 އިންސައްތަ ވޯޓެވެ. އެއީ 9،305 ވޯޓެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ލިބުނީ 36.82 އިންސައްތަ ވޯޓެވެ. އެއީ 5،573 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އަލްހާން ފަހުމީއަށް ލިބުނީ އެންމެ 259 ވޯޓެވެ. އެއީ 1.71 އިންސައްތައެވެެ.
އަލްހާން ފަހުމީ އަކީ ފޭދޫ ދާއިރާގެ ކުރީގެ މެންބަރެވެ. މޭޔަރު ކަމަށް އޭނާ އަމިއްލަ ގޮތުން ވާދަ ކުރެއްވީ މާލޭގައި ހުރި މައްސަލަތައް ހައްލު ކުރެވޭނެ ޕާޓީއެއް ވެސް، ކެނޑިޑޭޓެއް ވެސް ނެތުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަލްހާން މޭޔަރު ކަމަށް ކުރިމަތިލެއްވި ނަމަވެސް އޭނާގެ ފަރާތުން ކެމްޕޭންގެ މާ ގިނަ ހަރަކާތްތަކެއް ވެސް ފެނިފައެއް ނުވެއެވެ.