ޙައްޖު ޚުތުބާ: މުސީބާތްތަކުގައި ކެތްތެރިވެ މާތް ﷲ އަށް ދުޢާ ދެންނެވުމުގައި ދެމިތިބޭށެވެ. !

މިއަދުގެ ޙައްޖު ޙުތުބާ ޚާއްސަ ކޮށްފައިވަނީ މުސީބާތްތަކުގައި ކެތްތެރިވުމަށާއި މާތް ﷲ އަށް ދުއާ ދެންނެވުމުގައި ދެމިތިބުމަށެވެ.
އެގޮތުން މުޅި ދުނިޔެއަށް ވެސް މިވަގުތު ކުރިމަތިވެފައިމިވާ ސިއްޙީ ބަލިމަޑުކަން ފެތުރެމުންދާއިރު، މިފަދަ މުސީބާތްތަކުގައި ކެތްތެރިވުމަށް ޙައްޖު ޙުތުބާގައި ގޮވާލާފައިވެއެވެ.
މިއަހަރުގެ ޙައްޖު ޙުތުބާ ދެއްވާފައިވަނީ ޝެއިހް އަބްދުﷲ ބިން ސުލައިމާން އަލް މާނެއާ އެވެ.
މުސްލިމުންނަށް މުސީބާތްތަކާއި ކުރިމަތިވުމުން ކެތްތެރިވުމުގެ މުހިއްމު ކަމަށް ޙައްޖު ޙުތުބާގައި އަލި އަޅުވާލަމުން ޙުތުބާގައި ވިދާޅުވެފައިވަނީ މާތްﷲ އިރާދަފުޅުން މިހާރުގެ ހާލަތުން އެހެން ހާލަތަކަށް ބަދަލުވެ މިއަށްވުރެ ރަނގަޅުގޮތް މެދުވެރިވާނެ ކަމަށެވެ.
ބަލިމަޑުކަން މުޖުތަމައެއްގައި ފެތުރޭނަމަ އެކަމުން ރައްކާތެރިވުމަށް ބާރުއެޅުމުގެ މުހިންމުކަން ޙުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި ގައިން ގަޔަށް އަރާ ބައްޔެއް ފެތުރޭނަމަ އެފަދަ ހާލަތުގައި ރައްކާތެރިކަމަށް ކުރަން ޖެހޭ ކަންތައްތަކަކީ މުހިއްމު ކަމެއް ކަމަށް އިސްލާމްދީން ވެސް ބާރު އަޅާކަމަށް ޙުތުބާ ގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ޙުތުބާގައި ވިދާޅުފައިވަނީ، މުސީބާތްތަކާ ކުރިމަތިލާން ޖެހުމާއި އެފަދަ މުސީބާތްތަކަކީ މާތްﷲ އަށް ކިޔަމަންތެރިވުމަށްޓަކައި ހުޅުވިގެންދާ އިތުރު ދޮރެއް ކަމަށެވެ. އަދި ކޮންމެފަދަ ވަގުތެއްގައިވެސް ކޮންމެފަދަ ހާލަތެއްގައިވެސް މުސީބާތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށާއި އެކަމަށް ތައްޔާރުވެ ކެތްތެރިވާން ޖެހޭނެ ކަމަށް ވެސް ޙުތުބާގައި ހަނދުމަ ކޮށްދެއްވާފައިވެއެވެ.