ލައިފްސްޓައިލް

ލޯބިވާ އަނބިމީހާ އުފަލުގައި ބެހެއްޓުމަށް މިއީ ވެސް ކުރެވިދާނެ ބައެއް ކަންކަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގިނަ ފިރިހެނުން ބުނާ ގޮތުގައި، އެމީހުންނަށް އެންމެ އުނދަގޫ އެއް ކަމަކީ އަނބިމީހާ އުފަލުގައި ބެހެއްޓުމެވެ. އަނބިމީހާ އުފަލުގައި ބަހައްޓަން އެމީހުންގެ ނަޒަރުގައި ވަރަށް ގިނަ ކަންތައް ވެސް ކުރެއެވެ. ނަމަވެސް ގިނަ ފަހަރަށް އެކަންތައްތައް ވަނީ ފެއިލްއެވެ.

Ads by STELCO

އަނބިން އުފަލުގައި ހިތްހަމަ ޖައްސާފައި ބެހެއްޓުމަށް އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމްދީން ވެސް ބާރު އަޅާ އިރު، އަނބިންނަކީ ކޮންމެ ފިރިއެއްގެ ދިރިއުޅުމުގައި ވެސް އެންމެ މުހިންމު އެކަކު ކަމުގައި ވާން ޖެހޭނެއެވެ.

އަނބިން އުފާކޮށް ދިނުމޭ ބުނުމުން ބައެއް މީހުން ދެކޭ ގޮތުގައި އެއީ އަނބި ދަށުވުމެވެ. އަދި އެއީ ކުރަންވާނެ ކަމެއް ވެސް ނޫނެވެ.

ތެދެކެވެ. އަނބިދަށުވާކަށް ނުވާނެއެވެ. ނަމަވެސް އަނބިމީހާ އުފަލުގައި ބެހެއްޓުމާއި، އަނބިދަށުވުމަކީ ތަފާތު ދެ ކަމެކެވެ.

އަނބިދަށުވުމަކީ ތެދެއް ދޮގެއް ނުބަލާ އަނބިމީހާ ބުނާހާ އެއްޗެއް ޤަބޫލުކޮށް ބުނާހާ ކަމެއް ކޮށްދީގެން އުޅުމެވެ. އޭނާ ކުރާ ނުބައި ކަންތަކުގައި ވެސް، އެއީ ނުބައި ކަމެއްކަން އެނގިހުރެ ވެސް، އެވަރު އޭނާއަށް ވިސްނައި ދިނުމުގެ ހިތްވަރެއް ނުބަހައްޓާ އެކަމުގައި އޭނާއާ އެއްބައިވުމެވެ.

އަނބިމީހާ އުފަލުގައި ބެހެއްޓިދާނެ ބައެއް ގޮތްތައް ލިޔެލާނަމެވެ.

އަނބިމީހާގެ މައްޗަށް ދީލަތިވެ އޯގާތެރިވުން

އަނބިމީހާއަށް ދީލަތިވުމޭ ބުނާ ބަހުގެ މާނައަކީ، އަނބިމީހާއަށް އޭނާ އުފާވާނެ ފަދަ އެއްޗެހި ހޯދައިދިނުމެވެ. އަބަދާއި އަބަދު ހޯދައި ނުދެވުނަސް، މަދު މަދުން ވިޔަސް އެއްޗެއް ދިނުމަކީ ލޯބި އިތުރުވެ، އޭނާ ވަރަށް އުފާވާނެ ކަންކަމެވެ. އަދި އޭގެން އޭނާއަށް އޯގާތެރިވާކަން ވެސް ދައްކުވައިދެއެވެ. އަނބިންގެ އުފަލަށްޓަކައި އެއްޗެހި ހޯދައި ދިނުމަކީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ވެސް ގެންގުޅުއްވި ރިވެތި އާދައެކެވެ.

އަނބިމީހާ ދައްކާ ވާހަކަ އަޑުއެހުން

ފިރިންނަކީ ވެސް ދިރިއުޅުމުގައި ވަރަށް ބުރަކޮށް އުޅޭ ބައެކެވެ. އާމްދަނީ ހޯދުމަށްޓަކައި އެތަކެއް މަސައްކަތްތަކެއް ކުރުމަށްފަހު ގެއަށް ގޮސް އެންމެ އަވަހަށް ބޭނުން ވާނީ އަރާމުކޮށްލާށެވެ. ނަމަވެސް، ހިތްވަރެއް ކޮށްފައި އޭގެން ކުޑަ ވަގުތުކޮޅެއް އަނބިމީހާއާ ވާހަކަ ދެއްކުމުގައި ވެސް ހޭދަ ކޮށްލާށެވެ. އޭނާ ދައްކަން ހުރި ވާހަކަތައް އަޑު އަހައި، ޚިޔާލެއް ދޭންވާކަން ކަމުގައި ޚިޔާލެއް ވެސް ދޭށެވެ. މިއީ އަނބިމީހާ ވަރަށް އުފާވެ، ތިމާދެކެ އިންތިހާއަށް ލޯބިވެސް ވާނެ ކަމެކެވެ.

އަނބިމީހާއަށް ރައްކާތެރިކަން ދޭނެކަން އިޙްސާސްކޮށްދީ

އަނބިމީހާ އަބަދުވެސް ރައްކާތެރިކޮށް ބަހައްޓާނެކަން އޭނާއަށް ޔަޤީންކޮށް ދިނުމަކީ ވެސް އަނބިމީހާ ވަރަށް އުފާވާނެ ކަމެކެވެ. އޭނާ ދެރަވެ ނުވަތަ ބިރުގަންނަ ކަންތައްތަކާ މެދު ފުރަތަމަ އޭނާއާ ވާހަކަ ދައްކައި، އެއަށްފަހު އޭނާ އެކަންކަމުން ރައްކާތެރިކޮށްދޭށެވެ.

އަނބިމީހާގެ ފައިދާ ނުނެގުން

ފައިދާ ނުނަގާށޭ މިބުނާ ބަހުގެ މާނައަކީ، ހަމައެކަނި މަސައްކަތްތައް ކުރުމަށް އެކަނި އޭނާ ނުގެންގުޅުމެވެ. ތިމާގެ އަނތްބަކަށް އޭނާ ވުމުގެ މާނައަކީ، ގޭގައި ގެންގުޅޭ މަސައްކަތު މީހަކަށް އޭނާ ހެދުމެއް ނޫނެވެ. އޭނާއަކީ ވެސް ޙިއްސުތަކަކާއި އިޙުސާސުތަކެއް ދެއްވާފައިވާ އިންސާނެކެވެ. އެހެންކަމުން އަނބިމީހާއަށް އިޙްތިރާމް ކުރާށެވެ.

ކުރެވޭ ކުދި ކުށްތައް ހަނދާން ނައްތާލައި ކޮށްދޭ ރަނގަޅު ކަންތައް ހަނދާންކުރުން

"މިއަދު ކެއްކި ބަތުން ލޮނު ރަހައެއް ނުލާ! ކިހިނެއްތަ ތި ކައްކަނީ މިހާރު؟" މިފަދަ ބަސްތައް ބުނުމުން އަނބިމީހާ ވަރަށް ބޮޑަށް ހިތުގައި ޖެހޭނެއެވެ. ބަތްތެލިން ލޮނު ރަހަ މިއަދު ނުލިޔަސް، އޭނާ އެހައި ބުރަކޮށް އުޅެމުންވެސް ތިމާއަށް ކާންދޭން އެއްޗެހި ތައްޔާރު ކުރިކަން ހަނދާން ކުރާށެވެ. އަދި ކަމަކާ އޭނާ ވިސްނައި ފިކުރު ކުރަނީތޯ އަހައި އޮޅުން ފިލުވާށެވެ. މިއީ ކުޑަ ކުޑަ މިސާލެކެވެ. މިފަދަ ވަރަށް ގިނަ ކުދިކުދި މައްސަލަތައް ޖައްސާ ބޮޑު ޒުވާބެއް އުފެދި ބައެއް ފަހަރު ކައިވެނި ރޫޅެން ވެސް ދިމާވެއެވެ. މިފަދަ ކަންތައްތައް ހަނދާން ނައްތާލައި، ނުވަތަ މާބޮޑު ކަމަކަށް ނުހަދާ އަނބިމީހާއަށް މާފު ދިނުން ބުއްދިވެރިއެވެ.

އަނބިމީހާގެ މައްޗަށް ހެޔޮ ދުޢާ ކުރުން

ނަމާދު ކުރުމަށްފަހު ތިމާ ކުރާ ދުޢާގައި އަނބިމީހާ މަތިން ހަނދާންކޮށް، އަނބިމީހާއަށް ހެޔޮ ދުޢާ ކުރުމަކީ، ފިރިއަކަށް އަނތްބަކަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއެވެ. އަދި އެންމެ ބޮޑު އުފާވެރިކަން ވެސް މެއެވެ.

ގޭތެރޭގެ މަސައްކަތްތަކުގައި އަނބިމީހާއަށް އެހީތެރިވެދިނުން

ގޭތެރޭގެ ކަންކަން ކުރުމުގައި އަނބިމީހާއަށް އެހީތެރިވެ ދިނުމުގައި އަނބިދަށުވުމެއް ނޫނެވެ. ބައެއް މީހުންނަށް މިހެން ހީވި ކަމުގައި ވިޔަސް، އަނބިމީހާއަށް ގޭތެރޭގެ ކަންކަމުގައި އެހީތެރިވެ ދިނުމަކީ ވަރަށް ރީތި އާދައެއްގެ އިތުރުން ދެމަފިރިންގެ ދެމެދު ލޯބި އިތުރުވާނެ ކަމެކެވެ. އަދި މީގެ އިތުރުން މިއީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ސުންނަތުން ހިމެނިގެންވާ ކަމެކެވެ.

އެހެން މީހުން ކުރިމަތީގައި އަނބިމީހާއަށް ތަޢުރީފު ކުރުން

މި ޒަމާނުގެ ގިނަ ފިރިހެނުންގެ ކިބައިގައި އަށަގެންފައިވާ އާދައަކީ މީހުން ކުރިމަތީގައި އަނބިންނާ ދިމާލަށް އެއްޗެހި ގޮވައި، ނުވަތަ ކޮންމެ ވެސް ކަހަލަ ބޭއަދަބީ ބަހެއް ބުނެ އަނބިމީހާ ލަދު ގަންނަވާލުމެވެ. ބައެއް ފަހަރު މަޖަލަކަށް ވެސް މިފަދައިން ކަންތައް ކުރެއެވެ. ނަމަވެސް، މިހެން ކަންތައް ނުކޮށް އެހެން މީހުން ކުރިމަތީގައި އަނބިމީހާއަށް ތަޢުރީފު ކުރުން މާ ރަނގަޅު ވާނެއެވެ. އޭނާ ކޮށްދޭ ކަންތައްތަކާއި ނުވަތަ އޭނާއަށް ކުރެވުނު ރަނގަޅު ކަމެއްގެ ވާހަކަ ދައްކާ އެކަމާމެދު އުފާވެ ފަޚުރުވެރިވާ ވާހަކަ މީހުން ގާތު ބުނުމުން، އަނބިމީހާ އިންތިހާއަށް އުފާވާނެއެވެ. އަދި ފިރިމީހާއަށް އިޙްތިރާމް ވެސް ލިބިގެންދާނެއެވެ.

 

މަސްދަރު: އިސްލާމިކް އިންފޮމޭޝަން

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!