ޝަރުޢީ ޢުޛުރަކާ ނުލައި ރަމަޟާން މަހު ރޯދައެއް ދޫކޮށްލުމުގެ ނުބައިކަން
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
"އެއް ރެއަކު ތިމަންކަލޭގެފާނު އަވަހާރަފުޅު ލައްޕަވައިފައި ވަނިކޮށް (ހުވަފެންފުޅުގައި) ތިމަންކަލޭގެފާނުގެ އަރިހަށް ދެ މީހަކު އަތުވެއްޖެއެވެ. ދެން ތިމަންކަލޭގެފާނަށް ދަންނަވައިފިއެވެ. އަރައިވަޑައިގަންނަވާށެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. "ތިކަން ކުރަން ތިމަންކަލޭގެފާނަށް ކުޅަދާނަވެގެން ނުވެއެވެ." އެ ދެ ބޭކަލުން ދެންނެވިއެވެ. ތިމަންމެން އެކަން ކަލޭގެފާނަށް ފަސޭހަކޮށްދޭ ހުށީމެވެ. ދެން އެ ފަރުބަދައިގެ މެދަކާ ހަމައަށް ދެވެން ދެން ތިމަންކަލޭގެފާނު އަރައިވަޑައިގެންފީމެވެ.
ކުއްލިއަކަށް ވަރުގަދަ އަޑުފަށްގަނޑެއް ތިމަންކަލޭގެފާނަށް އިވިވަޑައިގެންފިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އެއީ ކޮން އަޑުފަށްގަނޑެއް ހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އެއީ ނަރަކަވަންތަވެރިން ހޭރޭ އަޑުފަށްގަނޑެވެ. ދެން އެމީހުން ތިމަންކަލޭގެފާނު ގޮވައިގެން ހިނގައިގެންފިއެވެ.
ފަހެ ކުއްލިއަކަށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ އެކޮޅުކޮޅުންް އެލުވިފައިވާ ބައެކެވެ. އެއުރެންގެ މިޔަކަނިތައް ވަނީ އިރައިލެވިފައެވެ. އަދި އެ މިޔަކަނިތަކުން ލޭ ފައިބާ ފައިބާ ހުއްޓެވެ.
ތިމަންކަލޭގެފާނު ދެންނެވީމެވެ. މިއީ ކޮން ބައެއް ހެއްޔެވެ. އެބޭކަލުން ދެންނެވިއެވެ. މިބައިމީހުންނަކީ ރޯދަ ވީއްލާ ވަގުތު ނުޖެހެނީސް ރޯދަ ވީއްލައި އުޅުނު މީހުންނެވެ.
رواه النسائي و ابن حبان و صححه الألباني
ރެފަރެންސް:كتاب الصيام، الشيخ محمد إبراهيم النيفري