ޚަބަރު

ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ވިދާޅުވެއްޖެއެވެ.

Ads by MWSC

އީޕީއޭއިން ނެރުނު އިއުލާނެއްގައި ވިދާޅުވީ ތިމާވެށީގެ ގާނޫނުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މަސް ހިފުމަކީ މަނާ ކަމެއް ކަމަށާއި މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ބައެއް ބާވަތްތައް ހިފުން ވެސް މަނާ ކޮށްފައިވާއިރު، މި ދެ ކަންތައް ކުރުން ވެސް އާންމު ވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އީޕީއޭއަށް މީހުން ޝަކުވާކޮށް، ރިޕޯޓް ކުރަމުންދާ ކަމަށް ވެސް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.

މީގެ ތެރެއިން އެންމެ އާންމުވެފައި ކަމަށް ފާހަގަ ކުރެވެނީ 2010 ވަނަ އަހަރު ބޭނުން މަނާކޮށްފައިވާ މިޔަރުގެ މަސްވެރިކަން މިހާރު ރާއްޖޭގެ ބައެއް ރަށްރަށުގައި ފުޅާކޮށް ކުރާ ކަމެވެ. އޭގެ ތެރޭގައި އދ. ދިގުރަށާއި އަދި އެތޮޅު ދަނގެތި ހިމެނެއެވެ.

މިޔަރުގެ މަސްވެރިކަމަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހު ފަހުކޮޅު ރާއްޖެއިން ބޭރަށް 429 ކިލޯގެ މިޔަރު އުރަހަ ގެންދަން އުޅެނިކޮށް ކަސްޓަމްސްއިން ވަނީ ހިފަހައްޓާފައެވެ. ކަސްޓަމްސް އިން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

އީޕީއޭގެ އިއުލާނުގައި އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގެ ތިމާވެށީގެ މުއްސަނދިކަމާއި ގުދުރަތީ ދިރުންތައް މުއްސަނދިކުރުމަށް ޓަކައި ކޮށްފައިވާ ދެ ކަންތައް ކަމަށެވެ. އަދި އެ ދެ ގާނޫނުން އީޕީއޭ އަށް ލިބިދޭ ބާރުގެ ދަށުން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!