ލައިފްސްޓައިލް

ލޯބިވާ މަންމާއެވެ. ރަމަޟާން މަހު މަންމަ ގާތުގައި ނެތުމުން އިހްސާސް ކުރެވެނީ ބަޔާން ކުރަން ދަތި ފަޅުކަމެކެެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ލޯބިވާ މަންމާއެވެ. މިއަހަރުގެ ރަމަޟާން މަސް އަހަރެމެންނާ މިއޮތީ ބައްދަލު ކޮށްފައެވެ. މިއީ އެ މަހަކަށް އަހަރެމެން އެންމެ އިންތިޒާރު ކުރާ އެއް މަހެވެ. އަހަރެމެން ރަމަޟާން މަހަށް އެތައް ތައްޔާރީ ތަކެއް ވަމެވެ. ހަވާދު ދެވުމާއި ގޯތިތެރެއަށް ދޮންވެލި ލުމާއި ގޭތެރެ ޒީނަތްތެރި ކުރުން ފަދަ އެތައް ކަމެއްް ކުރަމުއެވެ. ރަށްފުށުގެ އެ ދިރިއުޅުމަކީ ހާދަހާވާ ހިތްފަސޭހަ ޗާލޫ ދިރިއުޅުމެކެވެ.

Ads by STELCO

މަންމާއެވެ. މިއަހަރުގެ ރަމަޟާން މަހަށް އަހަރެން ރަށަށް ދާން ނުހަނު ބޭނުންވިއެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން އަދިވެސް އެއްތަނުން އަނެއް ތަނަށް ކަރަންޓީން ނުވެ ދަތުރު ކުރުމުގެ ފުރުސަތެއް ނެތެވެ. އަދި އަހަރެން މިއުޅޭ އޮފީހުން ޗުއްޓީއެއް ވެސް ލިބެނީ އަދި ދެމަސް ފަހުންނެވެ. އެހެންކަމުން މިއަހަރުގެ ރަމަޟާން މަސް އަހަންނަށް ހޭދަ ކުރަން ޖެހިފައި މިވަނީ މަންމައާ ދުރުގައެވެ.

މަންމާ އަހަރެން ވާހަކައެއް ބުނަން ހެއްޔެވެ؟ މަންމަ ކޮންމެ ދުވަހަކު އަހަންނަށް ހަދައިދޭ ގުޅަ އާއި ރޯސްޕާނާއި ކަރާ ފަނީގެ މަތިން މިއަދު އަހަރެން ހާދަ ހަނދާން ވެއެވެެ. މަންމަ ހަދާ ފަތް މަސްހުންޏާއި ރޮށީގެ ރަހަ އަރު ތެރޭގައި ނުލާތީ އަހަރެންނަށް ރޯދަ މަހުގެ އިހްސާސެއް ވެސް ނުކުރެވެއެވެ. މަންމަ ހަދާ ކާ އެއްޗެހީގެ ރަހަ އެހެން އެއްވެސް މީހަކު ހަދާ ކާ އެއްޗިއްސަކުން ނުލިބޭނެ ކަން އަހަންނަށް ޔަގީނެވެ.

މަންމާއެވެ. ވެކްސިންގެ ދެ ޑޯޒަށް ފަހު ކަރަންޓީނު ނުވެ ރަށަށް ދެވޭނެ އުސޫލެއް މިހާރު އާންމު ކޮށްފިކަން މަންމައަށް އެނގޭ ހެއްޔެވެ. އަހަރެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާކަށް މިހާރު މާ ގިނަ ދުވަހެއް ނެތެވެ. ފިތުރު އީދަށް ރަށަށް ނުދެވުނަސް އިރާދަކުރެއްވިއްޔާ ބޮޑު އީދުގައި އަހަންނަށް ރަށަށް ދެވޭނެއެވެ. އަހަރެމެން އެންމެން ބޮޑު އީދުގައި އިންޝާﷲ ބައްދަލު ވާނެއެވެ. އަހަރެމެން އެންމެން އެކުގައި މަޖާ ކުރާނަމުއެވެ.

އަހަރެންގެ ހެޔޮ ދުއާ އަކީ މަންމަ ހެޔޮ ހާލުގައި ލެއްވުމެވެ،

ނޯޓް: މި ސިޓީ އަކީ މާލޭގައި ކިޔަވަން ފައިބާ ހުރި ކުއްޖެއްގެ ރަށުގައި ހުރި އޭނާގެ މަންމައަށް ލިޔެފައިވާ ސިޓީއެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!