ވާހަކަ

ކުރު ވާހަކަ: އަނިޔާގެ ޝިކާރަ   

ދެން އެމްވީ ، ދެން އޮންލައިން

އިރުގެ ރަން ދޯދިތަކުން މުޅި ޖައްވު އަލިކުރަމުން ދިޔަ ވަގުތެވެ. ކަނޑުގެ ލޮނުގަނޑުގައި ތޮޅެލުމަށްފަހު، މުޅި އުޑުމަތި ރީނދޫ އަދި އޮރެންޖު ކުލައިން ފަވާލައި، އަރައިގެން އައި އިރުގެ ރަން ދޯދިތައް ފެންނަ ކޮންމެ އިންސާނެއްގެ ހިތަށްވެސް ލިބޭނީ ހިތްހަމަޖެހުމާއި، އުފާވެރިކަން ކަން ކަށަވަރެވެ. އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކާޅާއި ކޮވެލީގެ ގޮވުންތަކަކީ ޤުދުރަތުގެ ފުރިހަމަ މިސާލަކަށް ނުވެ ދާނެތޯއެވެ؟ ފަތިހުގެ މި ހިތްގައިމު ވަގުތު، މި ދޮންވެލީގެ ސާލެއްފަދަ ގޮނޑުދޮށުގައި ހެދިފައިވާ ގަސްތަކުގެ ހިޔަލުގައި ތިބި ކޮންމެ މީހަކުވެސް މި ވަގުތުގެ ފުރިހަމަކަމާއި، ހިތްހަމަޖެހުން ފުރިހަމައަށް ހޯދާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ.

Ads by Hajj Corporation

އަހަރެންވެސް މިތަނަށް އައީ ކުޑަ ނަމަވެސް ހަމަޖެހުމެއް އަހަރެންގެ ހިތަށް ލިބޭތޯއެވެ. އަހަރެންގެ ހިތާމަތަކަށް ކުޑަވެސް ލުޔެއް ލިބޭތޯއެވެ. ކުޑަވެސް ހައްލެއް އަހަރެންގެ މި ވީރާނާވެފައިވާ ޙަޔާތް އާބާދުކުރުމަށް ހޯދޭތޯއެވެ. އަހަރެންގެ މި އެކަނިވެރި ޙަޔާތުގައި އަހަންނަށް އެހީގެ އަތެއް ދިއްކޮށްލާނޭ މީހަކު ވޭތޯއެވެ. އެހެންނަމަވެސް، އަހަރެންގެ ހިތުގެ ޝަކުވާތަކާއި، ހިތާމަތަކާއި، އާދޭސްތައް އައްސަވާނޭ ފަރާތެއް މާތްﷲ ފިޔަވައި ނުވެއެވެ. އަހަންނަށް ދިމާވެފައިވާ ދަތިތަކާއި، މުޞީބާތްތަކުން އަރައިގަތުމަށް އަހަންނަށް އެހީވާނޭ އެއްވެސް ފަރާތެއް ﷲ ފިޔަވައި ނުވެއެވެ. މިއަދު އަހަންނަކީ ގޮތްހުސްވެފައިވާ ނިކަމެއްޗެއް ފަދައެވެ. ދާނޭ ދިމާއެއް ނޭނގިފައި ހުރި ދަތުރުވެރިއެއް ފަދައެވެ. އެހައި ވެސް ބޮޑަށް އަހަރެން މިވަނީ މަޖުބޫރީ ޙާލަތަށް ގޮސްފައެވެ. ދުނިޔެ މަތިން ފޫހިވާވަރު ވެފައެވެ. އަހަރެންގެ ނަޒަރު ހުއްޓިފައި ވަނީ އަރަމުން އައި އިރުގެ ރަން ދޯދިތަކަށެވެ. އެއާއެކު، އަހަރެންގެ ކުރިމައްޗަށް ސިފަވެގެން ދިޔައީ އަހަރެންގެ ބަރުބާދުވެފައިވާ ޙަޔާތެވެ. ނިވިފައިވާ އުއްމީދުގެ ހުޅުކޮޅެވެ. އަހަރެންގެ ވީރާނާވެފައިވާ ދިރިއުޅުމެވެ.

***********

އަހަންނަކީ މަންމައާ އެކު އެކަނި ގެއެއްގައި ދިރިއުޅެމުންދާ އެންމެ ފަނަރަ އަހަރުގެ އަންހެން ކުއްޖަކީމެވެ. އެހެން މީހުންހާ ފުދުންތެރި ބަޔަކަށް އަހަރެމެން ނުވިޔަސް، އަހަރެމެން އުޅުނީ އުފަލުގައެވެ. ހިތްހަމަޖެހިގެންނެވެ. އުމުރުން އެންމެ ތިން އަހަރުގައި ބައްޕަ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔުމުން، މަންމަ އަހަރެން ބަލަމުން އައި ނިކަމެތި ޙާލު ހިތަށް ސިފަވާ ކޮންމެ ފަހަރަކު ހީވަނީ އަހަރެންގެ ހިތް ފުނޑުފުނޑު ކޮށްލާހެންނެވެ. ރެޔާ ދުވާލު ކެއުމަކަށް، ނިދުމަކަށް، އަދި އަރާމަކަށް ބެލުމެއްނެތި، މަންމަ ބުރަކޮށް މަސައްކަތް ކުރަމުން ދިޔައީ އަހަރެންގެ ޙައްޤުގައެވެ. އެކި މީހުންނަށް އެކި މަސައްކަތް ކޮށްދީ، ނަގައިފައިވާ ދަރަނިތައް ފުއްދަމުން ދިޔައީ، އަހަރެންގެ މުސްތަޤުބަލް އުޖާލާކޮށްދިނުމަށް ޓަކައެވެ. މަންމަގެ ހުރިހާ އުފާތައް ޤުރުބާންކުރަމުން ދިޔައީ، މުޅި ޤައުމު ވެސް އަހަރެންނާ މެދު ފަޚުރުވެރިވާ، ކާމިޔާބު، މޮޅު ކުއްޖަކަށް އަހަރެން ހެދުމުގެ ބޭނުމުގައެވެ. ކިޔަވައި މޮޅުވެގެން، ވަޒީފާގެ މައިދާނުގައި ކާމިޔާބު މީހަކަށް އަހަރެން ވުމަކީ މަންމަގެ އެންމެ ބޮޑު ހުވަފެނެވެ. އެ ހުވަފެން ކާމިޔާބު ކޮށްދިނުމުގެ ޢަޒުމުގައި އަހަރެން ފައިތިލަ ސާބިތުކޮށް، ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރަމުން ދިޔައީމެވެ. މަންމަގެ އެދުންތައް ފުއްދައިދިނުމަކީ އަހަރެންގެ ހުރިހާ ވެސް އުފާކަމުގައި ދެކިގެން އަހަރެން ދިޔައީ، ހިތުގައި އެއްވެސް ބުރަކަމެއް ނެތިއެވެ.

ކުލާހުގައި އެންމެ މޮޅު ކުއްޖަކަށް ހުންނާނީ އަހަރެންނެވެ. އަހަރެންނަކީ ހުރިހާ ޓީޗަރުންގެ ލޯބި ހޯދައިފައިވާ އަޚްލާޤު ރަނގަޅު ދަރިވަރަކީމެވެ. އަބަދުވެސް ކުލާހުގައި ވަރަށް މަޑުން އިންނަ ކުއްޖަކީމެވެ. ހިތްހަމަޖެހުމާއި އުފަލުގައި، ކިޔެވުމުގެ ދުވަސްތައް ހޭދަކުރަމުން ދަނިކޮށް އަހަރެންގެ ޙަޔާތް ހީވެސް ނުކުރާ ފަދަ ގޮތަކަށް ބަދަލުވެގެން ދިޔައީ އަހަރެން ނުވެސް ވިސްނަހުއްޓައެވެ. މިއީ ކިޔަވާ ދަރިވަރަކަށް މަދަރުސީ ޙަޔާތުގައި ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. ތަޙަންމަލު ކުރަން ޖެހޭނެ އެންމެ ވޭނީ ދުވަސްތަކެވެ. ޙައްލެއް ހޯދަން އެންމެ އުނދަގޫ މައްސަލައެވެ. ކަޑައްތު ކުރަން އެންމެ އުނދަގޫ ރާސްތާއެވެ. އާނއެކެވެ. ހަނގާއޭ ކިޔުނު މި ވޭނުން ފުރިގެންވީ ކެކުޅުންތައް އަހަންނަށް ތަޙައްމަލު ކުރަން ޖެހުނީ، ކުލާހުގައި އުޅޭ އެހެން ދަރިވަރަކު އަހަރެންގެ މައްޗަށް ލީ ޙަސަދައެއްގެ ސަބަބުނެވެ. އަޑުއަހާށެވެ. މި ކިޔައިދެނީ އަހަރެން މިއަދު މި ޙާލަތަށް ވެއްޓެން މެދުވެރިވި ސަބަބެވެ.

އަހަރެމެން ގުރޭޑް ނުވައަކަށް ބަދަލުވި އަހަރުގެ ފުރަތަމަ ދުވަހެވެ. އަހަރެމެންގެ ކުލާހަށް އާ ދަރިވަރަކު ބަދަލުވުން އެއީ އަހަރެންގެ ޙަޔާތަށް ކޮޅިގަނޑެއް އަންނާނެ ފަދަ ކަމެއްކަމަކަށް ފަހަރެއްގައި ވެސް އަހަންނަށް ހީކުރެވިފައެއް ނެތެވެ. އިނާޔާގެ ފަރާތުން ފެނުނީ މީގެ ކުރިން ދުވަހަކު ވެސް ކުއްޖެއްގެ ކިބައިން އަހަރެންނަށް ފެނިފައި ނުވާ ފަދަ ސިފަތަކެކެވެ. ދުލުން ހަޑި އެއްޗެހި ގޮވުމާއި، ޓީޗަރުންގެ ކުރިމަތީގައި ވެސް ބަސްބުނެ، ކުލާހުގައި އުޅޭ އެހެން ދަރިވަރުންނަށް އުނދަގޫކޮށް، އެންމެ ނުބައި މަގުން ހިނގާ އިރު ވެސް، އިސްވެ އެއްވެސް މީހަކަށް އެއްޗެއް ބުނަން ނުކެރެނީ އިނާޔާއަކީ މަޝްހޫރު ޤާނޫނީ ވަކީލެއްގެ ހުރި ހަމައެކަނި ދަރިފުޅަށް ވީމައެވެ. ޓީޗަރުން ވެސް ހަނު ތިބީ، ނުކުރާ ކުށެއްގައި މީހަކު ނުވަތަ ކުއްޖަކު ބައްދައިގެން ކޯޓާ ހަމައަށް ގެންދިޔުމަކީ ވެސް އިނާޔާގެ ބައްޕައަށް މާ އުނދަގޫ ކަމަކަށް ނުވާނެކަން އެނގޭތީއެވެ. ފުރަތަމަ އަހަރެންވެސް މާ ބޮޑަކަށް އަޅައެއް ނުލަމެވެ. އެހެން ނަމަވެސް، އަހަރެންގެ ޙަޔާތުގެ ޒަލްޒަލާ ފެށުނީ ކުރެހުމުގެ މުބާރާތް އޮތް ދުވަހު، ޙައްޤު އެއްވަނަ އަހަންނަށް ލިބުނު ދުވަހުއެވެ. އެކަމާ އެންމެ ޙަސަދަވެރިވީ ފަރާތަކީ އިނާޔާއެވެ. އިނާޔާގެ އުނދަގޫ އަހަންނަށް ފޯރަން ފެށީ ވެސް އެހިސާބުންނެވެ.

ކުރެހުމުގެ މުބާރާތް ނިންމުމަށްފަހު، އެދުވަހު އަހަރެން ގެއަށް ދިޔައީ އުފަލުން ހުރެއެވެ. މަންމައަށް މި ޚަބަރު ދިނުމުން މަންމަ އުފާވެ، ފަޚުރުވެރިވާނެ ވަރު ހިތަށް އަރާފައި އަހަރެންނަށް ވެސް ދިޔައީ ހެވެމުންނެވެ. އަމިއްލަ ޚިޔާލުތަކުގައި ހުރެގެން ހިނގަމުން ދިޔަ އަހަރެންގެ ފިޔަވަޅުތައް މަޑުޖެހުނީ އަހަރެންގެ ބޮލަށް މީހަކު ކުނި ބިހެއް ފަޅާލި ކަހަލަ އިހުސާސެއް ކުރެވުމުންނެވެ. ދުވި ކުނި ވަހާއެކު އަހަންނަށް މޫނު ކުނިކޮށްލެވުނެވެ. ފަހަތް ބަލައިލެވުނީ އެ ޢަމަލު ހިންގީ ކާކުކަން އެނގެން ބޭނުންވެފައި ހުރި ވަރުންނެވެ. އެވަގުތު އިނާޔާއާއި އެކު ކުލާސް ދެތިން ކުއްޖަކު އަތް ޖަހާފައި ހޭން ތިއްބެވެ. "އަޅޭ... ކީއްކުރާނީ ދޯ.. ރީނާ ދެރަވެފަތަ؟ ރޮނީތަ؟ އެކަމަކު މިތާކު ނެތޭ ތި ބާލާ ކަރުނަތައް ބަލާނެ މީހަކު ވެސް.. ދެން ވެސް ތިކަހަލަ ލަނޑު ލިބެން ބޭނުން ނޫނިއްޔާ ރަނގަޅަށް އަޑު އަހާ.. ރީނާ ރަނގަޅު ވާނީ ކޮންމެ ކަމަކުން އަހަންނަށްވުރެ ކުރި ހޯދަން ނޫޅުނިއްޔާ.. ހުރިހާ ޓީޗަރުން ވެސް އަބަދު ރީނާ ރީނާ.. ހުރިހާ ކުދިންވެސް އަބަދު ރީނާ ރީނާ.. މަގުމަތިން ދެމީހަކު ޖެހިލިޔަސް އަބަދު ރީނާގެ މޮޅު ވާހަކަ.. މަގޭ ބޯ ހީވަނީ ހަމަ ފަޅައިގެން ގޮސްދާނެހެން ރީނާއަކާ ހަދާ.. ދެން މީގެ ފަހުން އަހަރެން ބުނާ ގޮތަކަށް ކަންތައް ނުކުރަންޏާ އަބަދު ވެސް ތިކަހަލަ ލަނޑު ލިބޭނެ.. އަޑު އިވިއްޖެތަ؟" އިނާޔާގެ ވާހަކަ ފެށީ މަލާމާތުގެ ރާގަކަށް ނަމަވެސް، ވާހަކަ ނިންމާލި އިރު އިނާޔާ ރުޅިއައިސްގެން ގޮސް ތުރުތުރު އަޅައެވެ. އިތުރު ބިހެއް އަހަރެންގެ ބޮލަށް ފަޅާލުމަށް ފަހު އިނާޔާ އެތަނުން ދިޔައިރުވެސް އަހަންނަށް އެ އިން ގޮތަށް އިނދެވުނެވެ.

އަހަރެންގެ ލޮލުން ކަރުނަތައް ފައިބަން ފެށީ އިޚްތިޔާރަކާ ނުލައެވެ. އެއްޗެކޭ ބުނަން ދެ ތުންފަތް ޙަރަކާތް ކޮށްލިޔަސް، އަޑެއް ނުނުކުތެވެ. އިނާޔާގެ ބައްޕަގެ ނުފޫޒު ގަދަކަމާއި، މުއްސަނދިކަމާއި، އަހަރެންގެ ނިކަމެތި ދިރިއުޅުމާ އަޅައި ކިޔާލެވުނެވެ. އަހަންނަކަށް އެއްވެސް ގޮތެއް ނެތެވެ. އަހަރެންގެ މުޅި ދިރިއުޅުން އިނާޔާގެ އަތްމައްޗަށް ދޫކޮށްލަން ނިންމީ އެހިސާބުންނެވެ. ދެން ވާނެ ގޮތަކާމެދު ވިސްނަމުން އަހަރެން ތެދުވެ، ގައިން ވެލި ފޮޅާލުމަށްފަހު ގެއާ ދިމާއަށް ހިނގައިގަތީމެވެ. އަހަންނަށް ގެއަށް ދެވުނުއިރު މަންމަ ގޭގައި ނޫޅޭކަން އެއީ ނަސީބެކޭ ހިތަށް އެރިއެވެ. އެހެން ނޫންނަމަ، މަންމަ އަހަންނާ ސުވާލު ކުރާނެކަން ޔަގީނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށް ފަހު، އަހަރެން އަވަހަށް ގޮސް ވަނީ ފާޚާނާއަށެވެ.

އެދުވަހުގެ ފަހުން އަހަރެންގެ މުޅި ޙަޔާތް ބަދަލުވެއްޖެއެވެ. ސްކޫލުގައި އެއްގޮތަކަށް ވެސް އަހަންނަށް ކިޔެވޭކަށެއް ނޯވެއެވެ. ޓެސްޓު ޕޭޕަރަކުން ވެސް އަހަންނަށް އިނާޔާއަށް ވުރެ މަތިން އެންމެ މާކުހެއް ލިބުނަސް، އަހަރެންގެ ދުވަސް ދިޔައީއެވެ. އިނާޔާގެ ފަރާތުން ލިބުނު ކުދިކުދި އަނިޔާތައް، ނުފިލާނޭ ބޮޑެތި ޒަޚަމްތަކަކަށް ބަދަލުވާން ނެގީ ކުޑަ ދުވަސްކޮޅެކެވެ. ކޮންމެ ދުވަހަކު އަހަންނަށް އެތައް އަނިޔާއެއް ވެއެވެ. އަހަރެންގެ ގައިގައި އެވަރަށް ތަޅާ، ލެއްވިހާ ހުތުރު އެއްޗެއް އަހަންނާ ދިމާއަށް ގޮވަމުން ދިޔައިރު، އަހަންނަކީ ވެސް އެހެން މީހުން ފަދައިން އިންސާނެއްކަން އިނާޔާއަށް ހަމަ ނުވިސްނެނީބާވައެވެ؟ ކުލާހުގެ ހުރިހާ ކުދިންހެން އިނާޔާއާ އެއްބައިވެ އަހަންނަށް ގޯނާ ކުރަމުން ދިޔައިރު، އަހަރެންގެ ވެސް އޮންނަނީ ހިތެއްކަން އެމީހުންނަށް ހަމަ ނުވިސްނެނީބާވައެވެ؟

އިނާޔާމެންގެ ފަރާތުން ލިބެންފެށި އަނިޔާތަކުން އަހަންނަށް ކިޔެވުމަށް އެއްގޮތަކަށް ވެސް ސަމާލުކަމެއް ނުދެވެއެވެ. އަހަރެންގެ ނަތީޖާ ދަށްވާން ފަށައިފިއެވެ. ޓީޗަރުން ވެސް މިހާރު އަހަންނާ ދޭތެރޭ ދެކެނީ މުޅިން ތަފާތުކޮށެވެ. ބަސްނާހާ، ވިޔާނުދާ ކުއްޖެއްގެ ގޮތުގައެވެ. އެއްވެސް ކުއްޖަކު އަހަންނާ އަނގައިން ވެސް ބުނެނުލައެވެ. އަހަރެންގެ އަރުތެރެއިން ކާއެއްޗެއް ވެސް ނުދިރެއެވެ. މުޅި ގައިގައި އަޅާ ވޭނަށް ކެތް ނުކުރެވި، ނުނިދި، ރޯން އޮންނަންޖެހޭ ރޭތައް މަދެއްނުވާނެއެވެ. ކުދިކުދި ކަންކަމާ ރުޅިއައިސް، ބާރަށް އެއްޗެހި ބުނެވެން ފެށުނެވެ. މިހާރަކަށް އައިސް އަހަރެންގެ ބަދަލުވެފައިވާ އުޅުމާ ބެހޭގޮތުން މަންމަ ވެސް ސުވާލުކޮށްފިއެވެ. އެހެން ނަމަވެސް، އަހަންނަށް އާދެވެނީ ރުޅިއެވެ. އެ މަންމަގެ ހިތުގަ ޖައްސާލާފައި އަހަންނަށް އެއްޗެހި ގޮވައިގަނެވެނީއެވެ. މިއީ އަހަރެން އަމިއްލައަށް އިޚްތިޔާރު ކުރި މަގެއް ނޫނެވެ. އަހަރެންނަށް މަޖުބޫރުވެފައިވާ ގޮތެވެ. އަހަރެންވެސް ކިޔަވަން ބޭނުމެވެ. ކުރިން އުޅުނު ގޮތަށް ބަސްއަހައިގެން، ރަނގަޅަށް އުޅެން ބޭނުމެވެ. ނަމަވެސް، ކުރާނީ ކީއްހެއްޔެވެ؟ އަހަންނަށް އެއިން އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ. ކޮށްފިނަމަ، އިނާޔާ އަހަރެންގެ ދުވަސް ދުއްވާލާކަށްވެސް ފަހެއް ނުޖެހޭނެއެވެ. އެހާވެސް ބޮޑަށް އިނާޔާ އަހަންނަށް ނަފްރަތު ކުރެއެވެ. ނަމަވެސް، އަހަންނަށް ނުވިސްނެނީ އިނާޔާ އެހާ ބޮޑަށް އަހަންނަށް ނަފްރަތު ކުރަން ޖެހުނު ސަބަބެވެ. އަހަރެންގެ ކުށަކީ ކިޔަވަން މޮޅުވުން ހެއްޔެވެ؟ ނޫނީ އެންމެންގެ ލޯބި ހޯދާ, ބަސްއަހާ، މޮޅު ކުއްޖަކަށް ވުން ހެއްޔެވެ؟ އަހަރެންވެސް ރަން ވަނަތައް ޙާސިލް ކުރަނީ އަހަރެންގެ އަމިއްލަ މަސައްކަތުންނެވެ. އިނާޔާވެސް އެގޮތަށް މަސައްކަތް ކުރީމަ ވީ  ނޫން ހެއްޔެވެ؟ އެހެންނަމަވެސް، އަހަރެން މި ވާހަކަތައް ޙިއްސާ ކުރާނެ ފަރާތެއް ﷲ ފިޔަވައި ނުވެއެވެ. މަންމަ ގާތު ބުނަން ޖެހިލުން ވަނީ އިނާޔާ ދީފައިހުރި އިންޒާރުތަކުގެ ސަބަބުންނެވެ. ޓީޗަރުން ގާތު ބުނަން ފަސްޖެހެވެނީ އެމީހުން އިނާޔާ ދިފާޢު ކުރާނެކަން އެނގޭތީއެވެ. އަހަންނަށް ގޮތް ހުސްވެއްޖެއެވެ. ހިތްވަރު އެލިއްޖެއެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތި، މި ހުރިހާ ކަމަކާ ކުރިމަތިލުމަކީ އެއްވެސް ޙާލެއްގައި އަހަންނަށް ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް، މިއަދު އަހަރެން މި ވަނީ އެކަންޏެވެ. އަހަންނަށް ހިތްވަރުދޭނޭ އެއްވެސް މީހަކު ނެތިއެވެ. މުޅި ދުނިޔެ މަތިން ވެސް އަހަރެން މިއަދު ފޫހިވެއްޖެއެވެ.

**********

ޚިޔާލުތަކުގައި އިން އަހަންނަށް ހޭވެރިކަމެއްވީ ކުޑަކުއްޖެއްގެ ރުއިމުގެ އަޑަށެވެ. އޭރު އަތިރިމަތީގައި މާ ގިނަ ބަޔަކުވެސް ނެތެވެ. އެކުއްޖާގެ ވޭނީ ހަޅޭކުގެ އަޑު އިވިފައި އަހަންނަކަށް ކެތެއް ނުކުރެވުނެވެ. ހިތަށް އަސަރުކުރިވަރުން އެ އަޑު އަންނަ ދިމާއަށް އަހަރެން ހިނގައިގަތީމެވެ. އެތާނގާ ތިބި ކުދިންތަކެއް ހީނ ސަކަރާތްޖެހި އިރު، ބިންމަތީގައި ވެއްޓިފައި އޮތް ކުއްޖާ އޮތީ ތެމިފޯވެފައެވެ. ލާފައި ހުރި ގަމީސް ވަނީ ވީދައިގެން ގޮސްފައެވެ. އޭރު އިތުރުކުއްޖަކު އެ ކުއްޖާ ގަޔަށް ފިނި ފެންފުޅިއެއް އޮއްސާލަނީއެވެ. އެ މަންޒަރު ފެނުމުން އަހަރެންގެ ހިތަށް ސިފަވެގެން ދިޔައީ އިނާޔާ ފާޚާނާ ތެރޭ ހުރެފައި އަހަރެންގެ ގަޔަށް އޮއްސާލި ފެންބާލިދީ މަތިންނެވެ. މުޅި ޔުނީފޯރމު ތެންމާލުމަށް ފަހު، އަހަރެންގެ ދަށްބަނޑުގައި ފައިން ޖެހި ހަނދާނާއެކު ނޫނެކޭ ކިޔާ ބާރުބާރަށް އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. އެ ދިލަ ތަދު އަދިވެސް ވާފަދަ އިޙުސާސަކާ އެކުއެވެ. އަހަރެންގެ ވޭނީ ހަޅޭކުގެ އަޑަށް އެކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް އަހަރެންނާ ދިމާއަށް ބަލައިލިއެވެ. އޭރުވެސް އަހަންނަށް ހުރެވުނީ ހުއްޓިފައެވެ. އަހަރެންގެ ވިސްނުން ދަތުރު ކުރަންފެށީ އެކި ދުވަސްދުވަހުގެ މަތިން އިނާޔާ އަހަންނަށް ކުރި އުނދަގުލާއި، އަނިޔާތައް މަތިންނެވެ. އަހަންނަށް ދިން      ވޭނާއި، ޒަޚަމްތައް މަތިންނެވެ.

ހުރިހާ ކަމެއް އެއްފަހަރާ އައިސް އަހަރެންގެ ބޯތެރޭގައި އެނބުރެން ފެށުމާ އެކު އަހަންނަށް މަޑަކުން ނުހުރެވުނެވެ. މިކަން ހުއްޓުވަން އަހަރެން ބޭނުންވިއެވެ. ހަނގާގެ ވޭންދެނިވި އަނިޔާ ތަޙައްމަލު ކުރަން ޖެހެނީ އަހަރެން އެކަންޏެއް ނޫނެވެ. މި އަނިޔާގައި، ހަދާނެގޮތެއް ނެތި، ބަންދުވެފައި ތިބި އެތައް ކުދީންނެއް ތިބޭނެކަން އަހަންނަށް ޔަޤީނެވެ. އަހަންނަކަށް ކެތެއް ނުކުރެވުނެވެ. ބާރުބާރަށް ހިނގާފައި ގޮސް އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތްލީމެވެ.

"ކޮއްކޯ.. އިނގޭތަ؟ ތި ކުރެވެނީ ވަރަށް ގޯސް ކަމެއް.. ކޮއްކޮ ކީއްވެތަ މި ކުއްޖާއަށް ތަދު ކުރަނީ؟" ކިތަންމެ ރުޅި އައިސްފައި ހުރި ނަމަވެސް، އަހަރެން އެކުއްޖާއަށް ވިސްނަދެވޭތޯ ބެލީ ލޯބިންނެވެ. "ކީއްވެ ހެއްޔޭ؟ އަބަދު އަބަދު މީނަ މިސްމެންނާ ސަރމެން ކައިރީގައި މޮޅު ވަނީ.. އަނެއްކާ ބަލާބަ ހުންނަ ސިފަ.. މާ މޮޅު މީހަކަށް ވެގެން އަބަދުވެސް ބަލާނީ ޝާމް ދަށްކުރެވޭތޯ.. ޝާމް ވަރަށް ފޫހިވޭ މީނަ ދެކެ.." އެކުއްޖާ ވާހަކަ ދެއްކި ގޮތުން އެ ކުއްޖާއަށް ކިޔަނީ ޝާމް ކަން އަހަންނަށް ނަގައިގަނެވުނެވެ. ބޮޑު މީހެއްގެ ބަސްމަގު ބޭނުންކޮށްގެން ވާހަކަ ދެއްކި އެ ކުއްޖާއަށް ވިސްނައިދެވޭތޯ އަހަރެން ބެލީމެވެ. "ޝާމް ކޮއްކޮއަށް އިނގޭތަ؟ ކޮންމެ ކުއްޖަކުވެސް މޮޅުވާނީ މާތް ﷲގެ އިރާދަފުޅުން.. އެކުއްޖެއްގެ އަމިއްލަ ހިތްވަރާ މަސައްކަތުން.. އެހެން ކުއްޖަކު ދަށް ކޮށްގެން ނޫނީ އެހެން ކުއްޖަކަށް ދެރައެއް ދީގެނެއްނޫން.. ޝާމް ދެރަވާނެތަ އެހެން ކުއްޖަކު ޝާމްއަށް އެހެން ހަދައިފިއްޔާ؟" އަހަރެން ޝާމްގެ ބޮލުގައި ފިރުމާލީމެވެ. ޝާމް އިރުކޮޅަކު އިސްދަށަށް ޖަހައިގެން ހުއްޓެވެ. އޭނައާއެކު ތިބި އެހެން ކުދިންވެސް ތިބީ ލަދުގަނެ، ދެރަވެފައިކަން އަހަންނަށް އެނގުނެވެ. "ތިބުނީ ތެދެއް.. ޝާމްވެސް ބޭނުމެއް ނުވާނެ ޝާމްއަށް އެގޮތަށް ވާކަށް.. ޝާމްއަށް ވެސް ތަދުވާނެ.. އިވާން.. ވަރަށް ބޮޑަށް ސޮރީ.. ޝާމްއަށް ނޭނގުނީ.. ދެން މީގެ ފަހުން އެހެންނެއް ނުހަދާނަން.. ހިނގާ ފްރެންޑް ވާން.." ޝާމް ބިންމަތީގައި އޮތް ކުއްޖާއަށް ތެދުވަން އެހީވިއެވެ. ހުރިހާ ކުދިން ވެސް އެކުއްޖާގެ ކިބައިން މަޢާފަށް އެދޭތަން ބަލަން ހުރި އަހަރެންގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އެކުދިން އެކީގައި އަހަންނަށް ޝުކުރު އަދާކޮށްފައި ދިޔުމުން އަހަންނަށް މިކަމާ ދޭތެރޭގައި ވިސްނާލެވުނެވެ.

ހަނގާގެ މައްސަލަ ކުރިމަތިވަނީ އަހަންނަށް އެކަންޏެއް ނޫނެވެ. މި ރާއްޖޭގައި އެކަނި ވެސް، މި އަނިޔާގެ ޝިކާރައަކަށް ވެފައި ތިބި އެތައް ކުދީންނެއް ތިބޭނެކަން ކަށަވަރެވެ. އެކުދިންނަށް އެހީވާން އަހަރެން މިހާ ބޭނުންވީ، މި އަނިޔާގެ ޝިކާރައަކަށް އަހަރެންވެސް ވެފައިވީތީއެވެ. އެހެން ކުއްޖަކު މި އަނިޔާގެ ޝިކާރައަކަށްވެފައި ވާތަން ފެނިފައިވާތީއެވެ. ނަމަވެސް، އެކުދިންގެ ޙައްޤުގައި އަޑު އުފުލަން ބޭނުންވާނަމަ، ފުރަތަމަ އަހަރެން ޖެހޭނީ އަހަރެންގެ އަމިއްލަ ދިފާޢުގައި ކޮޅަށް ތެދުވެ، އަޑު އުފުލާށެވެ. މިއަދު އަހަރެން އަޑު އުފުލާނަމެވެ. އަހަރެންގެ ޙައްޤުގައި ކޮޅަށް ތެދުވާނަމެވެ. މާތްﷲ މިއަދު އަހަންނަށް އެ ހިތްވަރު ދެއްވައިފިއެވެ. މަންމައަށާ މުދައްރިސުންނަށް ހުރިހާ ޙަޤީގަތެއް އެއްވެސް ފަސްޖެހުމަކާ ނުލާ އަހަރެން ކިޔައިދޭނަމެވެ. ގައިގައި އަތްލާ، އަނިޔާކޮށް ހެދުމަކީ ޤާނޫނީގޮތުން ކުށަކަށް ވާއިރު، އެކަން ސިއްރުކޮށްގެން ހުރުމަކީ ވެސް ކުށެއް ނޫން ހެއްޔެވެ؟ އަހަރެން އިންސާފު ހޯދާނަމެވެ. އަހަރެންގެ އުފާވެރި ދިރިއުޅުން އަނބުރާ ހޯދާނަމެވެ. އެއީ ކިތަންމެ އުނދަގޫ ރާސްތާއަކަށް ވީނަމަވެސް، އަހަރެން އެ ރާސްތާ ކަޑައްތު ކުރާނަމެވެ. މަންމަ ފަޚުރުވެރިވާފަދަ މޮޅު ދަރިޔަކަށް ވާނަމެވެ. ކިޔަވާ މޮޅުވެގެން ހަނގާގެ މައްސަލަ ކުރިމަތިވެފައިވާ ކުދީންނަށް އެހީވުމުގެ ގޮތުން ހިލޭސާބަހަށް މަސައްކަތްކޮށްދޭ އަހަރެންގެ އަމިއްލަ ޖަމްޢިއްޔާއެއްވެސް އުފައްދާނަމެވެ. މުޅި ޤައުމުވެސް އަހަންނާ މެދު ފަޚުރުވެރިވާ ދިވެހި ދަރިޔަކަށް އަހަރެން ވާނަމެވެ.

އަރައިގެން އައި އިރުގެ ރަން ދޯދިތަކަށް ބަލަންހުރި އަހަރެންގެ ތުންފަތަށް ވެރިވީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ. އެ އިރު މިއަދު އަރައިގެން އެ އައީ، އަހަރެންގެ ނިވިފައިވާ އުއްމީދުގެ ހުޅުކޮޅު އަލުން ރޯކޮށްދެމުންނެވެ. ވީރާނާވެފައިވާ ޙަޔާތް އަލުން އާބާދުކޮށްދެމުންނެވެ. އަހަރެންގެ ޢަޒުމުގައި ފައިތިލަ ސާބިތުކޮށް، ހަރުދަނާ ކަމާއެކު ކުރިޔަށް ދާން ހިތްވަރު ދެމުންނެވެ. ހަނގާގެ މި ވޭނީ އަނިޔާގެ ޝިކާރައަކަށް ވެފައި ތިބި އަހަރެން ފަދަ އެތައް ކުދީންތަކަކަށް އިންސާފާއި، ރައްކާތެރިކަން ކަށަވަރުކޮށްދޭން އަހަރެންގެ އަމިއްލަ ނަފްސަށް ވަޢުދު ވީމެވެ. އިރު އަރާ މުޅި ޖައްވު އެކީހެން އަލިވުމުން އަހަރެން އެނބުރި ގެއަށް ދާން މިސްރާބު ޖެހީ، ހިނިތުންވެ ހުރެއެވެ. އާ ޢަޒުމަކާ އެކުއެވެ. އާ އުއްމީދަކާ އެކުއެވެ.

ނިމުނީ

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައިވަނީ ޝާޔަން އަބްދުﷲ އާމިރެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!