ޚަބަރު

"ރޯދަ ދޫކޮށްލި މައްސަލައިގައި ފުލުހުންގެ ވަޒީފާއިން ޖާމިއު ވަކި ކުރީ ޤާނޫނީ ޚިލާފަށް"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރަމަޟާން މަހު ރޯދަ ދޫކޮށްލި މައްސަލައަކާ ގުޅިގެން، ފުލުހުންގެ ކޮސްޓެބަލްގެ ވަޒީފާއިން ރ.މަޑުއްވަރީ ސީސަންގެ އަބުދުﷲ ޖާމިއު ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

Ads by MWSC

ޖާމިއު ގެ މައްޗަށް މި ދައުވާ ކޮށްފައި ވަނީ، މީގެ 11 އަހަރު ކުރިން 1429 ވަނަ އަހަދުގެ ރޯދަމަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 6:00 އެހާކަންހާއިރު ޝަރުއީ މަގުބޫލު އުޒުރެއް ނެތި އައްޑޫ ޕޮލިސް އެކަޑަމީގެ މެސް ރޫމްގައި ހުންނަ ފެން އިސްކުރުބަރިން ފެން ބޮއި، ރޯދަ ދޫކޮށްލި ކަމަށް ބުނެ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގައެވެ.

ފެން ބޮއިގެން ޖާމިއު ރޯދަ ދޫކޮށްލާފައިވާކަން ހެކިންގެ ހެކި ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ބުނެ، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ކަނޑައަޅައި، އުގޫބާތެއްގެ ގޮތުން ހަ މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށާއި، އޭނާ ދޫކޮށްލި ރޯދަ ގަޟާ ކުރުމަށް އަންގައި ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

ކޯޓުގެ އެ ހުކުމާ ގުޅިގެން ފުލުހުންގެ ވަޒީފާއިން އޭނާ ވަކިކުރިއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމް ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ ޖާމިއުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބަލައި ހައިކޯޓުން ކުރި ހުކުމްގައި ވަނީ، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޖާމިއުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭނެ ކަމަށް މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާ ކަމަށެވެ. އެހެންކަމުން ދަށު ކޯޓުން ޖާމިއުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް، އެގޮތުގެ މަތީން މައްސަލަ ނިންމައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށްވެސް، ހުކުމްގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރުމުން އެއިރު އޭނާ އަދާކުރި ވަޒީފާ އަލުން ހަމަޖައްސައިދިނުމަށް އެދިި ފުލުހުންނަށް ހުށަހެޅިއެވެ. ނަމަވެސް ފުލުހުން އޭނާގެ ވަޒީފާ ހަމަޖައްސައެއް ނުދިނެވެ.އެހެންކަމުން ޖާމިއު އަދާކުރަމުން ދިޔަ ވަޒީފާ އަނބުރާ ލިބި ދިނުމަށާއި، އެދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތަކާއި ކުރިއެރުންތައް ލިބިދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޖާމިއުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ.

ސިވިލް ކޯޓުން ހުކުމް ކުރީ ކޮންސަޓްބަލްކަމުގެ ވަޒީފާއިން ޖާމިއު ވަކިކުރި ކުރުން ބާއިލުކުރާނެ ހަމައެއް ނެތްކަން ޝަރީއަތަށް ސާބިތު ވާތީ އޭނާ އެދިފައިވާ ގޮތަށް އެވަޒީފާއާއި އެދުވަސްތަކުގެ އިނާޔަތްތަކާއި ކުރިއެރުން ދިނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ޝަރީއަތުގެ ފަރާތުން އަންގާނެ ތަނެއް ނެތް ކަމަށެވެ.

ޖާމިއުގެ ފަރާތުން ދެން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުން ވެސް ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކުރައްވާފައެވެ. އެހެންކަމުން ޖާމިއުގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް އެ މައްސަލަ ގެންދިޔައެވެ.

މި މައްސަލަ ބަލައި ސުޕްރީމް ކޯޓުގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިއާރު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވީ، ޖާމިއު ވަޒީފާއިން ވަކިކުރި ފަހުން 11 އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައި ވާތީ، ޖާމިއުގެ ވަޒީފާ އަލުން އަނބުރާ ރުޖޫއަ ކުރުމަށް އެންގުމަކީ، އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

Ads by Allied Insurance
  1. ޖާނޭ

    މިސަރުކާރުގައި ދީނާ ދެކޮޅަށް މީހަކު ކަމެއް ކުރުމުން އެމީހާ ހިމާޔަތް ކުރާނެ.