ޚަބަރު

މިމަހު އެކެއްގެ ފަހުން އޭދަފުއްޓަށް ދިޔަ މީހުން ކަރަންޓީންވާން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މި މަހު 1 ގެ ފަހުން ބ.އޭފަފުއްޓަށް ދަތުރުކޮށްފައިވާ މީހުން ކަރަންޓީން ވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

Ads by Hajj Corporation

އެޗްޕީއޭއިން މިއަދު ބުނީ އޭދަފުށިން ކޯވިޑް-19ގެ ފައްސި ގިނަ ކޭސްތަކެއް ފެނިފައިވާތީ، 01 އޭޕްރީލް 2021 ގެ ފަހުން އެރަށުގައި އުޅުމަށް ފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސެންޓަރަށް އެންގެވުމަށެވެ.

އަދި މިތާރީޚްގެ ފަހުން އޭދަފުއްޓަށް ގޮސްފައިވާ ފަރާތެއްވާނަމަ، އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިއްބެވުމަށް ވެސް އަންގައިފައި ވެއެވެ. ހަމައެއާއެކު 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ސާމްޕަލްއެއް ނަގަައި ޓެސްޓް ކުރުމަށާއި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން 01 އޭޕްރީލް 2021 ގެ ފަހުން ބ. އޭދަފުށިއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި ސާމްޕަލް ނަގައި ނަތީޖާ ނައްސި ކަމުގައި ވިޔަސް އޭދަފުށިއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާ ކުރެއްވުމަށް އެޗްޕީއޭއިން ބުނެއެވެ.

އެ ރަށުން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އެރަށުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވި އެންމެން މިހާރު ވަނީ އެކަހެރި ކުރެވިފައެވެ.

އެ ރަށުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅައިފައިވާއިރު ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނިކުމެ ނޫޅެން ވެސް ވަނީ އަންގައިފައެވެ. އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އަކުން ފެށިގެން ދަށް ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ނުގެންދަން ވަނީ ވެސް އަންގައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!