ތިބާ ތިޔަ ރޭޕް ކުރަނީ ހަމަ މީހެއްގެ ދަރިއެކެވެ. މާދަމާ ތިބާގެ ދަރިއަކަށް އެހެން ވާން ތިބާ ބޭނުން ހެއްޔެވެ؟
ރޭޕް ކުރުމަކީ މާ "ސަޅި" ކަމެއް ކަމަށް ހީވެފައި ތިބި މީހުން މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި އެބަ ތިއްބެވެ. ހާމަކަން ބޮޑު ގޮތެއްގައާއި ސިއްރުވެރި އެތައް ގޮތަކަށް އެމީހުން އެ ހަޑި މުޑުދާރު އަމަލު ހިންގަމުން ދެއެވެ. ރޭޕް ކުރަމުންދާ އިރު ރޭޕް ވަމުންދާ އެ ނިކަމެތި އިންސާނާ އެ ރޯ ރުއިމަށް އެ މީހުން ދެނީ ބީރު ކަންފަތެކެވެ. ނިކަމެތި ކަމުގެ ފައިދާ އެމީހުން ނަގަނީ އެހާ ވެސް އަނިޔާވެރި ގޮތަކަށެވެ.
ކަން މިހެން އޮތް އިރު، ރޭޕް ކުރާ މީހުންނަށް އެއީ ކިހާ ނުބައި އަމަލެއް ކަން ސިކުނޑިއަށް ނަގައި ނުގަނެވެނީ ބާވައެވެ. ނުވަތަ އެކަން އެމީހުންނަށް އެނގިހުރެ ވެސް އެ އަނިޔާ ގަސްތުގައި ވަކި ބަޔަކަށް ދޭން އެމީހުން ބޭނުން ވަނީ ބާވައެވެ. މި ހުންނަނީ ހައްތަހާ ވެސް މިކަމާ ގުޅިގެން ހިތުގައި އުފެދިފައިވާ އެކި ކަހަލަ ސުވާލުތަކެވެ. އެ މުޑުދާރު އަމަލު ހިންގާ މީހުންނަށް އޭގެން އެއްވެސް ސުވާލެއް އަމިއްލަ ހިތަށް ނަގައި ނުގަނެވެނީ ބާވައެވެ.
ރޭޕް ކޮށްގެން މިއަދު އެމީހުންނަށް ފިލައި ތިބެވެއެވެ. އަދި ދުނިޔޭގައި ރޭޕް ވެގެން ދިޔަ ނިކަމެތި އިންސާނާ ބޭޒާރު ވެސް ވާނެއެވެ. އެހެން ނަމަވެސް ދަންނާށެވެ. ދުވަހެއް އެބަ އާދެއެވެ. އެ ދުވަހަކީ ހުރިހާ ޢަމަލެއްގެ ހިސާބު އެންމެ ފުރިހަމައަށް ބެއްލެވޭ ދުވަހެވެ. ރޭޕް ވެގެން ދުނިޔޭގައި ބޭޒާރުވި ނިކަމެތި އިންސާނާއަށް އެދުވަހުން އޭނާއަށް ޙައްގު އިންސާފު ލިބޭނެއެވެ.
މިއަދު ތިބާ ރޭޕް ކުރާ މީހާ އަކީ ވެސް ހަމަ ދެމަފިރިއެއް ނުހަނު ލޯބިން އެތައް ހުވަފެންތަކާއެކު ބޮޑުކުރި ލޯބިވާ ދަރިއެކެވެ. ތިބާ އެ މީހާ ގަޔަށް އަރައި ރޭޕް ކުރުމަށް ފަހު ތިބާ ފިލާނީއެވެ. ކަމުގެ ވޭނާއި ތަދު ތަހައްމަލު ކުރަން ޖެހޭނީ ރޭޕް ވެގެން ދިޔަ އެ ނިކަމެތި އިންސާނާއެވެ. އަދި އޭނަގެ އާއިލާއިންނެވެ. އެމީހުން ވެސް އެ ދަރިފުޅާމެދު އެތައް ހުވަފެންތަކެއް ދެކޭނެއެވެ. އެތައް އުއްމީދެއް ކުރާނެއެވެ. އެހެން ނަމަވެސް އެ ހުރިހާ ކަމަކަށް "ފުލްސްޓޮޕް" ޖެހުމަށް ތިބާގެ ތިޔަ ވިޔާނުދާ އަމަލު އޭނާއަށް މަޖުބޫރު ކުރާނެއެވެ.
ތިބާ ވިސްނާލާށެވެ. ތިބާ ރޭޕް ކުރި ނިކަމެތި އިންސާނާގެ އާއިލާއިން އަދި ޚާއްސަކޮށް އޭނަގެ މައިންބަފައިން ހާދަހާ ދެރައެއް ވާނެއެވެ. ހިތުގައި ޖެހޭނެއެވެ. އެއީ އެމީހުން އެހާ ލޯބިން ބަލާ ބޮޑުކުރި ދަރިފުޅެވެ. އެ ބައްޕަގެ މަގާމުގައި މިއަދު ތިބާ ހުރި ނަމަ ތިބާއަށް ކުރާނެ އިހުސާސް ނިކަން ވިސްނައިލަބަލާށެވެ. ހިތަށް ތަސައްވަރު ވެސް ނުކުރެވޭހާ ހިތްދަތި ވާނެއެވެ. އެހެން ނަމަވެސް ތިބާގެ ދަރިފުޅު ރޭޕް ކުރާ މީހާ ތިބާ އާ މެދު ވިސްނާނެ ހެއްޔެވެ؟ ތިބާގެ ދަރިފުޅުގެ މުސްތަޤުބަލާއި ތިބާގެ އާއިލާއާ މެދު އޭނާ ވިސްނާނެ ހެއްޔެވެ؟ މިއަދު ތިބާ އެ މީހާ ގަޔަށް އެރުމުގައި އެފަދަ ކަމަކާ ނުވިސްނި ފަދައިން އެ ދުވަހުން އޭނާ ވެސް ތިބާއާއި ތިބާގެ ދަރިފުޅުގެ އެއްވެސް ކަމަކާ މެދު ނުވިސްނާނެއެވެ.
މި ފަދަ މުޑުދާރު އަދި އެހާމެ ވިޔާ ނުދާ ޢަމަލު ކުރާ ފަރާތްތަކަށް ލިބެން ޖެހޭ ޙައްގު އަދަބު އަދިވެސް އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައި ދެވިފައެއް ނުވެއެވެ. މަގުމަތީގައި އެފަދަ މީހުން ހާމައަށް އުޅޭއިރު މިއީ މިއަދު އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިއަދު އޭނާ ކަމުގައި ވެއްޖެނަމަ މާދަމާ ތިބާގެ އާއިލާ މީހަކު ކަމުގައި ވެސް ވެދާނެއެވެ. މިކަމުގައި އެންމެން އަތު ގުޅައިގެން މިކަން ހުއްޓުވުމަށް ނުކުންނަމާ ހިންގަވާށެވެ.