ދީން

ލޯފަން މީހަކަށް ލިބުނު ހަރުފަ ދަނޑިގަނޑެއްގެ ވާހަކަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދެ އެކުވެރިއަކު ދަތުރު ކުރަމުން ދިޔައެވެ. އޭގެ ތެރެއިން އެކަކީ ލޯފަން މީހެކެވެ.

Ads by MWSC

އެމީހުން ދަތުރު މަތީގައި އުޅެނިކޮށް ރޭގަނޑުވުމުން، ދަތުރު މެދުކަނޑައިލައިފައި އަރާމުކޮށްލަން ސަރަޙައްދެއްގައި މަޑުކުރިއެވެ. އެމީހުން މަޑުކުރި ސަރަޙައްދަކީ ދުވާލު ގަޑީގައި ވަރަށް ހޫނު ގަދަވާ، އަދި ރޭގަނޑު ގަޑީގައި ވަރަށް ގަދަޔަށް ފިނިވާ ސަރަޙައްދެކެވެ.

އެ ރޭ ފަތިސް ވަގުތު ކައިރި ވެފައި ހުއްޓާ ލޮލަށް ފެންނަ މީހާ ދިޔައީ ކާނެ އެއްޗެއް ހޯދާށެވެ. ލޯފަން މީހާ ފަހަރަކު ތަނެއްގައި އަތް ކާތަމުން ދިޔައީ، އޭނާއަށް ހިފައިގެން ހިނގާނެ ދަނޑިގަނޑެއް ފެނޭތޯއެވެ.

އޭނާގެ އަތް ޖެހުނީ ހަރުފައެއްގައެވެ. ރޭގަނޑު ގަޑިއަކީ ވަރަށް ފިނި ގަދަވާ ގަޑިއެއްކަމުން އެ މީހާއަށް ހަރުފަގެ ގައިގައި އަތްލެވުނު އިރު އޭތި އޮތީ އެއްކޮށް ހަރުވެފައެވެ. އެހެންކަމުން ނަގައިގެން ހުރެވުނީ ހަރުފައެއްކަމެއް އެ ލޯފަން މީހާއަކަށް ނޭނގުނެވެ. ރަނގަޅު، ހަރު ދަނޑިގަނޑެއް ލިބުމުން އެ މީހާ ވަރަށް އުފާވިއެވެ.

އެ ވަގުތު އެތަނަށް ލޮލަށް ފެންނަ މީހާ ދިޔައެވެ. ލޯފަން މީހާ ހިފައިގެން ހުރީ ހަރުފައެއްކަން ފެނުމާއެކު އެ އެއްލާލުމަށް އޭނާ ހާސްވެފައި ނަސޭޙަތް ދިނެވެ. އަދި އެއީ ހަރުފައެއް ކަމާއި، އެ ހިފައިގެން ހުރެއްޖެނަމަ ގެއްލުމެއް ލިބިދާނެ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ލޯފަން މީހާ އެ ނަސޭޙަތްތައް އަޑެއް ނޭހިއެވެ. ލޮލަށް ފެންނަ މީހާ އުޅެނީ އޭނަގެ ދަނޑިގަނޑު ބޭނުން ވެގެން ކަމަށް ބުނެ، އޭނަގެ ގޮތުގައި ހުއްޓެވެ. އަދި އެ ހަރުފަ ދަނޑިގަނޑު ހިފައިގެން ހިނގައި ގަތެވެ.

އިރު އަރަން ފެށުމުން، އެ ސަރަޙައްދުން ފިނިކަން ވެސް ފިލައިގެން ދާން ފެށިއެވެ. އެހެންކަމުން ހަރުވެފައި އޮތް ހަރުފަ ވެސް މަޑުމަޑުން އޭގެ ހަރުކަން ފިލައި އޭތީގެ ހަށިގަނޑު ހަރަކާތްތެރި ކުރެވެން ފެށިއެވެ. ހަރުފައަށް ހަރަކާތް ކުރެވެން ފެށުމާއެކު ލޯފަން މީހާގެ އަތަށް ވިހަލިއެވެ. އެ ވިހައިގެ ސަބަބުން ލޯފަން މީހާ މި ދުނިޔެ ދޫކޮށް ދިޔައެވެ.

ބައެއްފަހަރު އަހަރުމެންގެ އީމާންތެރިކަން ވެސް ވަނީ މި ވާހަކައިގައިވާ ފަދައިންނެވެ. އަހަރުމެންގެ ތެރެއިން ބައެއް މީހުން، މި ލޯފަން މީހާ ފަދައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިސްރާ އާއި މިޢުރާޖް ގެ ދަތުރުފުޅުގައި ނަރަކައާއި ސުވަރުގެ ފެނިވަޑައިގެން، އެ ދެ ތަނުގެ ވާހަކަތައް ވެސް އަހަރުމެންނަށް ކިޔައިދެއްވިއެވެ. ސުވަރުގެވަންތަވެރީންނަށް ވުމަށާއި ނަރަކައިން ވޭންދެނިވި އަޒާބުން ސަލާމަތްވާން އުޅެންވީ ގޮތްތައް އަންގަވައި ދެއްވިއެވެ. ނަމަވެސް އަހަރުމެންގެ ތެރެއިން ބައެއް މީހުންނަކީ އެކަލޭގެފާނުގެ އެ ވާހަކަފުޅުތަކަށް ބޯ ނުލަނބާ، އެންގެވި ގޮތާ މުޅިން ޚިލާފަށް އުޅޭ، އަހަރުމެންގެ އަމިއްލަ ނަފްސުތައް ނުރައްކަލުގެ ތެރެއަށް ވައްޓާލައިފައިވާ މީހުންނެވެ.

މަސްދަރު: އިސްލާމިކް ޓީޗިންގް

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!