ދީން

ޒިނޭއަށް މަގުފަހިކޮށްދޭ ކޮންމެ ކަމަކީ ޙަރާމް ކަމެކެވެ.

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

ހިލޭ އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ ތަންތަނުގައި އެކަހެރިވެ އުޅުމަކީ އިސްލާމްދީން ވަރަށް ބޮޑަށް  މަނާ ކުރައްވާފައިވާ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން އިސްލާމީ މުޖުތަމަޢުތައް ފަސާދަވެ ލަދުވެތިކަމާއި، ޢިތްފަތްތެރިކަން ގެއްލިގޮސް މާތްﷲގެ ކޯފާއަށް އެތަނެއް ހުށައެޅިގެންދިޔުމުގެ ސަބަބަކަށް އެކަންވެގެން ދާތީއެވެ. މާތްﷲ އެކަލާނގެ އަޅުތަކުންގެ ޙާލު މޮޅަށް ދެނެވޮޑިގެންވާތީ ފިތުނަ އާއި ފަސާދައަށް އިންސާނާ ހިނގައިދާނެ ހުރިހާ ދޮރެއް ވަނީ ބަންދު ކުރަށްވާފައެވެ. ޒިނޭއާ ގާތް ނުވުމަށް ވަނީ އަމުރުކުރައްވާފައެވެ.

Ads by STELCO

ފިރިހެނުންގެ ބެލުން ތިރިކުރުމަށް ފިރިހެނުންނަށް އަމުރު ކުރެއްވި ފަދައިން އަންހެނުންނަށް ވެސް އެކަނބަލުންގެ ލޯތައް ތިރިކުރުމަށް ވަނީ އަމުރު ކުރައްވާފައެވެ. އަދި އަންހެނުންގެ ޒީނަތްތެރިކަން ފާޅުނުކުރުމަށާއި، ހިލޭފިރިހެނުންނަށް އަޑު އިވޭ ހިސާބުގައި ތުއި އަޑުން ވާހަކަ ނުދެއްކުމަށާއި، އަންހެނުންގެ ފައިގެ ތަކަހޮޅީގެ އަޑު އިއްވުމަށްޓަކައި ބިމުގައި އެކަނބަލުންގެ ފައިން ނުޖެހުމަށް ވަނީ އަމުރު ކުރައްވާފައެވެ. އަދި ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާ ވަނީ އަންހެނުން މަޙުރަމަކާ އެކުނޫނީ ދަތުރު ނުކުރުމަށާއި، ހިލޭ ފިރިހެނުންނާ އެކަހެރި ނުވުމަށާއި، ވަސްގަދަ އަތަރާއި ސެންޓު ޖަހައިގެން ފިރިހެނުންގެތެރެޔަށް ނިކުމެ ނޫޅުމަށް އަމުރު ކުރައްވާފައެވެ. މިހުރިހާ ކަމެއްވެސް އަންގަވާފައި ވަނީ މުސްލިމު އަންހެނާގެ ކަރާމަތާއި ޢިތްޒަތް ވެއްޔާމޮޑެވިގެން ދިޔަނުދިނުމަށްޓަކައެވެ. ކެހިވެރިންގެ އަނިޔާވެރި ވަކިތަކުން އަންހެނާ ޙިމާޔަތް ކުރުމަށް ޓަކައެވެ.

މާތްﷲ ރުއްސުންލެއްވި ޢުޤުބާ ބިން ޢާމިރު ގެ ކިބައިން ރިވާވެގެންވެއެވެ .ހަމަ ކަށަވަރުން ސަލާމާއި ޞަލަވާތް ލެއްވީ ކީރިތި ރަސޫލާ ޙަދީޡް ކުރެއްވިއެވެ''(إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ فَقَالَ رَجُلٌ مِنْ الْأَنْصَارِ يَا رَسُولَ اللَّهِ أَفَرَأَيْتَ الْحَمْوَ قَالَ الْحَمْوُ الْمَوْتُ ) ( ބުޚާރީ : ޙަދީޡް ނަމްބަރު : 4831)''  މާނައީ : ތިޔަބައިމީހުން (ހިލޭ ) އަންހެނުންގެ ތެރެޔަށް ވަދެ އުޅުމުން ދުރުވެ ރައްކާތެރިވެ ތިބޭ ހުށިކަމެވެ. އެހިދު އަންޞާރިއްޔަ ބޭކަލަކު ދެންނެވިއެވެ '' ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އޭނާގެ އަޚާގެ އަންހެނުންގެ ގާތަށް ވަދެ ނިކުމެ އުޅުމާ މެދު ދެކެވަޑައިގަންނަނީ ކިހިނެއް ހެއްޔެވެ؟''  ޙަދީޡް ކުރެއްވިއެވެ''  ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އަކީ މަރެވެ'' މީގެ މާނަކީ އެއީ ހަލާކެވެ. އެއީ ނުރައްކާ ކަމެކެވެ.

ޒިނޭގެ މާނައަކީ ފިރިހެނެއްގެ ޒަކަރުން ފާޅުވާ ހިސާބު އަންހެނާގެ ފަރުޖުގެ ތެރެއަށް ވެއްދުމެވެ. އިސްލާމްދިނުގައި ޒިނޭ ޙަރާމް ކުރައްވިއިރު، އެކަމަށް މަގުފަހިކޮށްދޭނެ ހުރިހާ މަގުތަކެއްވަނީ ބަންދުކުރުމަށް އަންގަވާފައެވެ. އެއީ އަންހެން ކުދިންނަށް ބެލުންކަމުގައިވީނަމަވެސް، ވާހަކަދެއްކުންކަމުގައިވީނަމަވެސް، އަދި މިނޫންވެސް ހުރިހާ މަގުތަކެއްވަނީ ބަންދުކުރުމަށް އަންގަވާފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.(وَلا تَقْرَبُوا الزِّنَى إِنَّهُ كَانَفَاحِشَةً وَسَاءَ سَبِيلاً) الإسراء:32.މާނައީ: "އަދި، ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ އަދި މަގެއްގެ ގޮތުން ނުބައިވެގެންވާ ޢަމަލެކެވެ". ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.: إن الله كتب على ابن آدم حظه من الزنا ، أدرك ذلك لا محالة ، فزنا العين النظر ، وزنا اللسان النطق ، والنفس تمنَّى وتشتهي ، والفرْج يصدق ذلك كله ويكذبه " . رواه البخاري ( 5889 ) ومسلم ( 2657 )  މާނައީ:" ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ކޮންމެ އާދަމުގެ ދަރިއަކަށްވެސް ޒިނޭއިން އޭނާއަށް މިންވަރެއް ލިޔުއްވާފައެވެ. އެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ފަހެ ލޮލުގެ ޒިނޭއަކީ ބެލުމެވެ. އަދި ދުލުގެ ޒިނޭއަކީ ވާހަކަ ދެއްކުމެވެ. އަދި ނަފްސު އެކަމަށް އެދި ދަހިވެތި ވެއެވެ. އަދި ލަދުވެތި ގުނަވަން އެކަން ތެދުކޮށް ދޮގުކުރެއެވެ."

އެހެންކަމުން މުސްލިމަކު  ޒިނޭގެ އެއްވެސް ޢަމަލެއް ( އެއީ  އަތުގެ ޒިނޭ، ލޮލުގެ ޒިނޭ، ފައިގެ ޒިނޭ އެއްކަމުގައިވިޔަސް ) ކުރުން އެއީ ހުއްދަކަމެއް ނޫނެވެ.

އަދިވެސް ﷲ ތަޢާލާ ސޫރަތުލް މަޢާރިޖުގައި މުއުމިނުންގެ ސިފަތައް ބަޔާން ކުރައްވައި ވަޙީކުރައްވާފައިވެއެވެ.

وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ* إِلَّا عَلَى أَزْوَاجِهِمْ أَوْ مَامَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ* فَمَنِ ابْتَغَى وَرَاءَذَلِكَ فَأُولَئِكَ هُمُ الْعَادُونَ. މާނައީ: "އެބައިމީހުންނީ އެބައިމީހުންގެ އަނބިންފިޔަވައި، ނުވަތަ އަޅުން ފިޔަވައި އެހެންމީހުންނަށް އެބައިމީހުންގެ ފަރުޖުތައް ރައްކާތެރިކުރާ މީހުންނެވެ. އަދި އެބައިމީހުންނީ މަލާމާތްލިބިގެންވާ މީހުންނެއް ނޫނެވެ. ފަހެ އޭގެ އިތުރަށް އެދިއްޖެއް މީހުންނަކީ ޙައްދުފަހަނަޅައި ދާމީހުންނެވެ".  އެހެންކަމުން މިއާޔަތުން ވެސް އަޅުގަޑުމެންނަށް އަންގައިދެނީ ތިމާގެ އަނބިންނާއި މިލްކުވެގެންވާ އަޅުން ފިޔަވައި އެހެންމީހުން ހުއްދަވެގެން ނުވާކަމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!