ދީން

ސަމާސާކޮށް މަޖާ ކުރުމުގައި ދީނުގެ ހަމަތައް

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

Ads by STELCO

ސަމާސާ ކުރުމުގައި ޝަރްޢީގޮތުން ޝަރްޠުތަކެއް ވެއެވެ. އެއީ:

  1. އެކަމުގައި ދީނަށް ފުރައްސާރަ ކުރުމެއް ނުވުން. ދީނަށް ފުރައްސާރަ ކުރުމަކީ ދީނުން ބޭރުވާ ފަދަ ކަމެކެވެ. ސޫރަތުއް ތައުބާގެ 65 އިން 66 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُۚ قُلْ أَبِاللَّـهِ وَآيَاتِهِ وَرَ‌سُولِهِ كُنتُمْ تَسْتَهْزِئُونَ ﴿٦٥﴾لَا تَعْتَذِرُ‌وا قَدْ كَفَرْ‌تُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِ‌مِينَ ﴿٦٦﴾) މާނައަކީ: " ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤالކުރައްވައިފިނަމަ، އެއުރެންދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނިވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނުވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّهއާއި،އެކަލާނގެ آيةތަކާއި، އެކަލާނގެ رسولއާއަށް ހެއްޔެވެ؟ ތިޔަބައިމީހުން عذرނުދައްކާށެވެ! ތިޔަބައިމީހުން إيمانވުމަށްފަހު،ތިޔަބައިމީހުން ތިޔަތިބީ كافرވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفوކުރެއްވިޔަސް، އަނެއްބަޔަކަށްތިމަންރަސްކަލާނގެ عذابދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެންކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ."

އިބްނު ތައިމިއްޔާ ރަޙްމަތުﷲ ޢަލައިހި- ވިދާޅުވެފައިވެއެވެ. "ﷲ އާއި އެކަލާންގެ ރަސޫލާ އަށް އަދި އެކަލާންގެ އާޔަތްތަކަށް މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ މީހާ އީމާންވުމަށް ފަހު ކުފުރުގެ ތެރެއަށް ވައްދާ ކަމެކެވެ."

ހަމައެފަދައިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމަގެ ބައެއް ސުންނަތް ތަކަށް މަލާމާތް ކުރުމަކީ ވެސް އެކަމެއް ކުރާ މީހާ ދީނުން ބޭރުވެދާފަދަ ކަމެކެވެ. މިހާރަކަށް އައިސް ތުނބުޅި ބަހައްޓާ މީހުންނަށާއި، ހެދުން ކުރުކޮށް ބަހައްޓާ ފިރިހެނުންނަށާއި، ބުރުގާ އަޅާ ނިވާކޮށްގެން ތިބޭ އަންހެނުންނަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ ޢާއްމުވެފައިވާ ކަމެކެވެ. އެފަދަ މީހުން ތައުބާވުމަށް އަވަސްވެގަތުން ހުއްޓެވެ.

  1. ސަމާސަ އަށް ވެސް ތެދުބަސް މެނުވީ ނުބުނުން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (ويل للذي يُحدث فيكذب ليُضحك به القوم ويل له)رواه أبو داود .މާނައަކީ: "މީސްތަކުން ހެއްވުމަށްޓަކައި ދޮގުހަދައިގެން ވާހަކަ ކިޔައިދޭ މީހުންނަށް ހަލާކު ހުއްޓެވެ. އެފަދަ މީހުންނަށް ހަލާކު ހުއްޓެވެ." އަދިވެސް ޙަދީޘް ކުރައްވައެވެ. (إن الرجل ليتكلم بالكلمة ليُضحك بها جلساءه يهوي بها في النار أبعد من الثريا)رواه أحمد،މާނައަކީ: "އެމީހެއްގެ ޖަލީސުން ހެއްވުމަށްޓަކައި ދޮގުހަދައިގެން ވާހަކަ ކިޔައިދޭ މީހުން ނަރަކަ އަށް ހޫރުވާލެވޭނެއެވެ. ޘުރައްޔާ އަށް ވުރެ ދުރަށް އެއްލައިލެވޭނެއެވެ."
  2. މީސްތަކުންނަށް ބިރުދައްކައި ނުހެދުން. عن أبي ليلى قال : ( حدثنا أصحاب محمد صلى الله عليه وسلم أنهم كانوا يسيرون مع النبي صلى الله عليه وسلم ، فنام رجل منهم فانطلق بعضهم إلى حبل فأخذه ففزع ، فقال رسول الله عليه وسلم : ( لا يحل لمسلم أن يروع مسلماً)رواه أبو داود .އަބޫލައިލާގެ-ރަޙިމަހުﷲ- ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަގެ އަޞްޙާބުން ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އެބޭކަލުން އެއް ރެއެއްގައި ނިކުމެވަޑައިގަތެވެ. އޭގެ ތެރެއިން އެއް ބޭކަލަކު އަވަހާރަފުޅު ލެއްޕެވިއެވެ. ބައެއް ޞަޙާބީން ވަޑައިގެން އޭނާ އަށް ބިރުދެއްކެވިއެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އެއްމުސްލިމަކު އަނެއް މުސްލިމަކު ބިރު ގެންނެވުން ހުއްދަވެގެން ނުވެއެވެ."
  3. ފުރައްސާރަކޮށް ވައްތަރު ޖައްސާ މަލާމާތްކޮށް ނުހެދުން. އިންސަނުންނަކީ ވިސްނުމާއި ފިކުރުގެ ގޮތުން ތަފާތު ބަޔެކެވެ. ބައެއް މީހުންނަކީ ދެރަ ނިކަމެތި ބަޔެކެވެ. ބައެއް މީހުންގެ ކިބައިގާ އަނެކާ ހިނިއަންނަ ޛާތުގެ ޢައިބު ކަމެއް ހުރެދާނެއެވެ. ނަމަވެސް މިފަދަ ޙާލަތްތަކުގައި ސަމާސަ އަކަށް ހަދައިގެން ނަމަވެސް އަނެއްމީހާ އަށް މަލާމާތްކޮށް ފުރައްސާރަކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މިފަދަ ކަންތަކުން ދުރުހެލިވުމަށް އަންގަވާ ސޫރަތުލް ޙުޖުރާތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ‌ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرً‌ا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرً‌ا مِّنْهُنَّۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَـٰئِكَ هُمُ الظَّالِمُونَ) މާނައަކީ: " އޭ إيمانވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށްފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދިއަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުންމާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް عيبނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيبނުކިޔާށެވެ!) އަދިއެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقبތަކުން ނުގޮވާށެވެ! إيمانވުމަށްފަހު فاسقވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبةނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމައަނިޔާވެރިންނެވެ."

އިބްނު ކަޘީރު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "މިއާޔަތުގެ މުރާދަކީ މީސްތަކުން ނިކަމެތިކޮށް، އެބައިމީހުންގެ ގަދަރުކުޑަކޮށް، ފުރައްސާރަކޮށް ހެދުމެވެ. މިއީ ޙަރާމް ކަމެކެވެ. އަދި މިއީ މުނާފިގުންގެ ޞިފައެކެވެ."

މިފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އަމުރު ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (المسلم أخو المسلم لا يظلمه ولا يخذله ولا يحقره ، التقوى ها هنا – ويشير إلى صدره ثلاث مرات – بحسب امرئٍ من الشر أن يحقر أخاه المسلم ، كل المسلم على المسلم حرام ، دمه وماله وعرضه)رواه مسلم.މާނައަކީ: "އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާގެ އަޚާ އަށް އަނިޔާވެރިއެއް ނުވާނެއެވެ. އަދި އޭނާގެ އަޚާ އަށް ދެރަގޮތެއް ނުހަދާނެއެވެ. އަދި ނިކަމެތި ކަމެއް ނުކުރާނެއެވެ. ތަގްވާ ވަނީ މިތަނުގައެވެ. މިހެން ޙަދީޘް ކުރައްވާ ތިންފަހަރަށް މޭފުޅަށް އިޝާރާތް ކުރެއްވިއެވެ. މުސްލިމް އަޚާ އަށް ދެރަނިކަމެތި ގޮތްތައް ހެދުން ނުބައި ކަމަކަށް ފުދެއެވެ. އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް ޙަރާމްވެގެން ވެއެވެ. އޭނާގެ ލެޔާއި މުދަލާއި އަބުރެވެ."

  1. މާގިނައިން ސަމާސާކޮށް ނުހެދުން. ސަމާސާ ގިނަ ކުރުމަކީ މީހާގެ ޝަޚްޞިއްޔަތު ގެއްލި ސަކަރާތުގެ ތެރެއަށް ވައްޓާލާ ކަމެކެވެ. އިމާމް ނަވަވީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "މަނާކުރެވިގެންވާ ސަމާސާ ކުރުމަކީ ދާއިމީ ގޮތެއްގައި ކުރެވޭ ޙައްދުފަހަނަ އަޅައިދާ ކަހަލަ ސަމާސާ އެވެ. މީސްތަކުން އަބަދާއި އަބަދު ހީސަމާސާކޮށް ހެދުމުގެ ސަބަބުން ﷲ ހަދުމަކުރުމުން ދުރުހެލިކޮށްލައެވެ. އަދި ގިނަވަގުތުގައި މީސްތަކުންނަށް ގޯނަ ކުރެވެއެވެ. އަދި ހިތްތަކުގައި ދެކޮޅުވެރިކަން އުފެދިގެން ދެއެވެ. އަދި މީހާގެ ހައިބަތާއި ތަގްވާވެރިކަން ގެއްލިދެއެވެ. މިފަދަ ކަންތަކުން ދުރުހެލިވެ ހުރެ ކުރާ ސަމާސާ އަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމަ ކުރެއްވި ފަދަ ހުއްދަ ސަމާސާ އެވެ."
  2. މީސްތަކުންގެ ޙައްގު ދިނުން. ބައެއް މީހުން ކޮންމެ ފަދަ މީހަކާވެސް ސަމާސާ ކޮށްފާނެއެވެ. ޢިލްމުވެރިންނަށް ޙައްގެއްވެއެވެ. ޢުމުރުން ދުވަސްވީ މީހުންނަށްވެސް މަގާމެއްވެއެވެ. އެހެންކަމުން ސަމާސާ ކުރާ އިރުގައި ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްގު ލިބިދޭން ޖެހޭނެއެވެ.
    1. ސަމާސާ ކުރުމުގެ ތެރޭގައި ޣީބަ ބުނުން ފަދަ ޙަރާމް ކުރައްވާފައިވާ ކަންތައް ތަކަށް އަރައި ނުގަތުން. ފަހަކަށް އައިސް ބައެއް މީހުންނަށް އަނެކާގެ ނުބައި ވާހަކަ އެއް ދައްކާލުމަކީ އެބައިމީހުންގެ ވާހަކަ ޒީނަތްތެރި ކޮށްލުމުގެ ގޮތުން ކޮށްލާ ކަމެކެވެ. ނަމަވެސް އަނެއް މުސްލިމް އަޚާ ނެތްތަނުގައި އޭނާ ނުރުހޭ ފަދަ ވާހަކަ އެއް ދެއްކުމަކީ ޣީބަ ބުނުން ކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.
    2. ސަމާސާ ކުރުމަށް މުނާސިބު ވަގުތު އިޚްތިޔާރު ކުރުން. މިޘާލަކަށް ދަތުރަކު ގޮސް އުޅޭ ވަގުތުގައި، ނުވަތަ ދެރަޙްމަތްތެރިޔަކު ބައްދަލުވާ ހިނދުގައި، ނުވަތަ އެނޫންވެސް މުނާސިބު ވަގުތު ތަކުގައެވެ.

އެއްދުވަހަކު ސުފްޔާން ބިން ޢުޔައިނާގެ ގާތުގައި މީހަކު ބުންޏެވެ. "ސަމާސާ ކުރުމަކީ މުންކަރާތެއް ތޯއެވެ؟" ވިދާޅުވިއެވެ. "އަދިކިއެއްތަ، އެއީ ސުންނަތެކެވެ. ނަމަވެސް އެކަން ކުރަން ދަންނަ، އެކަން ކުރަން ޖެހޭ ވަގުތުގައި ކުރާ މީހުންނަށެވެ."

އިސްލާމީ އުއްމަތް މިއަދު މިވަނީ މީސްތަކުން އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވެ އުޅެން ޖެހިފައެވެ. އަދި ދިރިއުޅުމުގެ ކަންތަކުން ފޫހިކަން ފިލުވާލަން ޖެހިފައެވެ. ނަމަވެސް މީސްތަކުންވަނީ ހީސަމާސާކޮށް، އަނެކުން ބިރުގަންނަވާ ހެދުމުގައި ޣަރަގުވެފައެވެ. އަދި އެބައިމީހުންގެ މަޖްލިސްތަކުގައި އަނެކުންގެ ޢައިބު ކިޔާ މަލާމާތްކޮށް ޣީބަ ބުނުން ވަނީ ޢާއްމު ކަމަކަށްވެފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (لو علمتم ما أعلم لضحكتم قليلاً ولبكيتم كثيراً) މާނައަކީ: "ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަންތައްތައް ތިޔަބައިމީހުންނަށް އެނގޭނަމަ، ހިނުން މަދުކޮށްފައި ގިނައިން ރޯނެއެވެ."

އިބްނު ޙަޖަރު ރަޙިމަހުﷲ- ފަތްޙުލް ބާރީގައި ވިދާޅުވެފައިވެއެވެ. "މި ޙަދީޘްގައި ޢިލްމުގެ މުރާދަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރި ކަމާއި، އެކަލާނގެ އަށް އުރެދޭ މީހުންނަށް ކަނޑައަޅުއްވާފައިހުންނަ ޢުގޫބާތް ތަކުގެ ވާހަކަ އެވެ. އަދި މަރުވާ ވަގުތު ގައްޔާއި ގަބުރު ގައްޔާއި ގިޔާމަތް ދުވަހުން ހިނގާނެ ކަންތައްތަކުގެ ވާހަކައެވެ."

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު- އާއި ސުވާލު ކުރެވުނެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބުން ހީސަމާސާކޮށް ހައްދަވާތޯއެވެ؟" ވިދާޅުވިއެވެ. "އާދޭހެވެ. އެބޭފުޅުންގެ ހިތްޕުޅުގައިވާ އީމާން ކަމަކީ ފަރުބަދަ އެއް ފަދަ އެއްޗެކެވެ."

އަޅުގަޑުމެން އެންމެނަކީ ދެދުނިޔޭގެ ބާއްޖެވެރިކަން ލިބިގެންވާ، ދެދުނިޔޭގެ ބިރުވެރި ކަންތަކުންދުރުހެލިވެ ސަލާމަތްވެގެންވާ ބަޔަކު ކަމުގައި ލައްވާށި.އަދި ގިޔާމާތް ދުވަހުގައި "ތިޔަބައިމީހުން ބިރުވެރިކަމެއް، ހާސްކަމެއް ނެތި ސުވަރުގެ ވަންނާށޭ" ބުނެވޭ މީހުންގެ ތެރެއިން އަޅަމެން އެންމެން ލައްވާށި. އާމީން. وصلى الله على نبينا محمد وعلى آله وصحبه وسلم. والحمد لله رب العالمين.  والله أعلم.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!