ދީން

މި ތިން ޢަމަލު ޖަމަޢަކޮށްފި މީހާ ސުވަރުގެ ވަންނަ ހުއްޓެވެ.

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ރަމަޟާންމަހަކީ ﷲ ތަޢާލާ ދެއްވާ މަތިވެރި ދެއްވުމެކެވެ. އަގުހުރި ފުރުސަތެކެވެ. އެ އިލާހުގެ އަޅުތަކުންނަށް ޚާއްޞަ ކަންތައްތަކެއް އެ މަހުގައި ލައްވައިފައި ވެއެވެ.  މިކަންކަން ޙާޞިލް ކުރެވޭނީ ނިޔަތާއި އަމަލުން އެކަން ޙާޞިލް ކުރަން އެދޭ މީހަކަށެވެ.

Ads by STELCO

ރޯދައަކީ ﷲގެ ޙަޟްރަތުގައި ޚާއްޞަ އަޅުކަމެކެވެ. ހެޔޮ ޢަމަލުތަކާއި އަޅުކަންތަކަށް ޖަޒާ ދެއްވަނީ ﷲ ކަމުގައިވާ އިރު ވެސް ޚާއްޞަކޮށް ރޯދައަށް ޖަޒާ ދެއްވަނީ އެ އިލާހު ކަމަށް ވަޙީ ކުރައްވައިފައިވުމުން ޚާއްޞަ އަޅުކަމަކަށް ވެއެވެ. ސުވަރުގޭގެ އަށް ދޮރު ކޮޅުތަކުގެ ތެރެއިން ރޯދަވެރީންނަށް ވަކީން ޚާއްޞަ ދޮރުކޮޅެއް ވާކަމީ ރޯދަވެރީންގެ މަތިވެރިކަން ދޭހަ ކޮށްދޭ ކަމެކެވެ.

ޞަޙީޙު މުސްލިމުގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (( مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِمًا )). قَالَ أَبُو بَكْرٍ رضى الله عنه أَنَا. قَالَ (( فَمَنْ تَبِعَ مِنْكُمُ الْيَوْمَ جَنَازَةً )). قَالَ أَبُو بَكْرٍ رضى الله عنه أَنَا. قَالَ (( فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِينًا )). قَالَ أَبُو بَكْرٍ رضى الله عنه أَنَا. قَالَ (( فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضًا )). قَالَ أَبُو بَكْرٍ رضى الله عنه أَنَا. فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- (( مَا اجْتَمَعْنَ فِى امْرِئٍ إِلاَّ دَخَلَ الْجَنَّةَ )) މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މިއަދު ރޯދަވެރިއެއްގެ ގޮތުގައި ހެންނެވީ ކާކުތޯއެވެ؟ އަބޫބަކުރުގެފާނު ދަންނަވައިފިއެވެ. ތިމަން ކަލޭގެފާނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މިއަދު ޖަނާޒާއެއްގައި ބައިވެރިވީ ކާކުތޯއެވެ؟ އަބޫބަކުރުގެފާނު ދަންނަވައިފިއެވެ. ތިމަންކަލޭގެފާނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މިއަދު މިސްކީނަކަށް ކާން ދިނީ ކާކުތޯއެވެ؟ އަބޫބަކުރުގެފާނު ދަންނަވައިފިއެވެ. ތިމަންކަލޭގެފާނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މިއަދު ބަލި މީހަކަށް ޒިޔާރަތްކުރީ ކާކުތޯއެވެ؟ އަބޫބަކުރުގެފާނު ދަންނަވައިފިއެވެ. ތިމަންކަލޭގެފާނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. މިކަންތައްތައް ޖަމަޢަކޮށްފި މީހަކު ސުވަރުގެ ވަންނަ ހުއްޓެވެ.”

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ ތެރެއިން ކިތަންމެ ބަޔަކު މިއަދު މަގުތައް މަތީގައި ސަލާން ޖަހާ ތަން އެބަފެނެއެވެ. ކާއެއްޗަކަށް އެދޭ ތަން ފެނެއެވެ. މީހެއްގެ ޖަނާޒާ ސަހަރާގައި ނެތް ދުވަހެއް މަދެވެ. ރަމަޟާން މަސް ނޫނަސް ރޯދަ ހިފުން ސުންނަތް ދުވަސްތައް ވެސް ބައިވަރެވެ. ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވާފައިވާ މިފަދަ މަތިވެރި ޚަބަރުތަކުގެ ފައިދާ ނުހޯދަންވީ ކީއްވެތޯއެވެ؟

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!