ތާވަލާ އެެއްގޮތަށް އޭލެވެލް އިމްތިހާނު ކުރިއަށް ދާނެ
ތާވަލު ކުރެވިފައިވާ ގޮތަށް އޭލެވެލް އިމްތިހާނު ކުރިއަށް ދާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަ ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިހާރު ކުރިއަށްދާ އޭލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި، ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައި ހުރި އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ ސުކޫލްތަކުގައި ކުރިއަށް ދާނެ ކަމަށެވެ.
މީގެ އިތުރުން އެ އިއުލާނުގައި ބުނެފައި ވަނީ، އޭލެވެލްގެ ސުވާލު ކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައި ނުވާ ކަމަށެވެ.
އިމްތިހާނުގެ ބައެއް ސުވާލު ކަރުދާސްތައް ބައެއް އޮންލައިން ޕްލެޓްފޯމްތަކުން ލީކުކުރަމުންދާ މައްސަލަ އެޑެކްސެލްއިން ބަލަމުން ދާ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ. އެހެންކަމުން މިކަމާ ގުޅިގެން ވަކި ގޮތަކަށް ކަންތައް ކުރަން އެޑެކްސެލްއިން އަންގަންދެން ތާވަލު ކުރެވިފައިވާ ގޮތަށް އޭލެވެލް އިމްތިހާނު ކުރިއަށް ދާނެ ކަމަަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
އޭލެވެލް އިމްތިހާނުގެ ފިޒިކްސް ޔުނިޓް-1 ޕޭޕަރު ލީކްވި ކަމަށް އަޑު ފެތުރުނީ އިއްޔެއެވެ. އެގޮތުން ބުރާސްފަތި ދުވަހު މެންދުރު 2 ޖަހާއިރު އޮތް އިމްތިހާނުގެ ސުވާލު ކަރުދާސް އެ ދުވަހު ހެނދުނު ލީކުވީ ކަމަށް މައުލޫމާތު ލިބެއެވެ.