ވާހަކަ

ކުރު ވާހަކަ: ޔޫން

ދެން އެމްވީ ، ދެން އޮންލައިން

ލޮލުން ކަރުނަ ނައިސް ދާނެ ހެއްޔެވެ. ހިތުގެ ހަމަޖެހުން ނަގައިލީ ބޯމަތިވި ކޮޅިގަނޑު ވިލާގަނޑެވެ. ތުއްތު ތުއްތު ދަރިފުޅު ގަޔާލައި ބޮޑިކޮށްލަމުން ވެހޭ ވާރޭތެރޭ އަހަރެން ދިޔައީ ދާނޭ ވަކި މަންޒިލެއް ނެތިއެވެ. އެހެނަސް އަހަރެންގެ އަޒުމަކީ ފަހަތް ބެލުމެށް ނެތި ކުރިޔަށް ދިޔުމަށެވެ. ކުޑަކުޑަ ދަރިފުޅު ޔޫންގެ ހައްގުގައެވެ.

Ads by MWSC

މިކާލްއާއި އަހަރެން ކިޔަވަމުން ދިޔައީ އެއް ކުލާހެއްގައެވެ. މިކާލްއަކީ އަހަރެންގެ އަވައްޓެރި ގެއެއްގެ ކުއްޖެއްކަމުން ސުކޫލަށް ގޮސް އައިސް ވަނީ ދެމީހުން އެކުއެކީގައެވެ.ގުރޭޑް ބާރައިގެ ކިޔެވުން ނިމުނު ދުވަހު މިކާލް އަހަންނަށް ލޯބި ހުށަހެޅީ ގެޔަށް ދިޔަ މަގުމަތީގައެވެ. ރަތްކުލައިގެ ފިނިފެންމަލެއް މިކާލް އަހަރެންގެ އަތަށް ދިނެވެ. "މިޝާލްގެ ޖަވާބު ކޮންމެ ގޮތަކަށް އައިކަމުގައި ވީނަމަވެސް އަހަރެން ރުހޭނަން. މިޝާލް ދެެކެ އަހަރެން ވަރަށް ލޯބިވޭ. ރައްޓެހިވެގެން ގިނަދުވަހު އުޅޭކަށް ބޭނުމެއް ނޫން. އަހަރެން ބޭނުމީ އަހަންނަށް ވަޒީފާ ލިބުނުހައި އަވަހަކަށް މިޝާލްއާ ކައިވެނިކުރަން. އެހެންވީމަ މިޝަލް ވިސްނާލާފަ ޖަވާބެއް ދެއްޗޭ." މިކާލް ފައްޗަކަށް ވާހަކަ އަމުނާލަމުން ދަބަސް ހިފައިގެން ހިނގައިގަތީ މިކާލްގެ ގެއާ ހަމަޔަށް އާދެވުމުންނެވެ.

މިކާލްގެ އެސުވާލުން އަހަރެން އުފާވިއެވެ. ހިތަށް ބަޔާންކުރަން ދަތި ހަމަޖެހުމެއް ލިބިގެންދިޔައީ އަހަރެންގެ ހިތުގައި ވެސް މިކާލްއަށް ޓަކައި ވިންދު ޖަހަމުން އަންނާތީއެވެ. އޮތް ހަމައެކަނި ބިރަކީ އަހަރެންގެ މަންމަމެން މިކާލްއާ އަހަރެން ގުޅެން ރުހިދާނެ ކަމާމެދު އޮތް ބިރުވެރިކަމެކެވެ. މިކާލްގެ އާއިލާއަކީ މާލޭގެ މަޝްހޫރު ގަދަރުވެރި އާއިލާއެކެވެ. އެއާ ހިލާފަށް އަހަރެންގެ އާއިލާ އަކީ މެދުފަންތީގައި ގުނާލެވޭ އާއިލާއެކެވެ. ކޮންމެ ގޮތަކަށް ކަންތައްތައް ވިޔަސް މިކާލްއާ ވަކިން އަހަންނަށް އުޅެވިދާނެޔޭ އަހަރެންގެ ހިތެއް ނުބުނެއެވެ.

އެ ދުވަހު ގެޔަށް ގޮސްފައި ވެސް ވިސްނެން ފެށުނީ މިކާލް ދެއްކި ވާހަކަތަކާ މެދުގައެވެ. މަންމަ ކައިރީ އެ ވާހަކަ ދައްކާނީ ކީކޭ ކިޔާފައި ކަމެއް ވެސް އަހަރެންގެ ޅަވިސްނުމަކަށް ނައެވެ. ދެން ހުރީ ބައްޕައެވެ. ބައްޕަ ލޮލަށް ފެންނާނީ ވަރަށް މަދު ދުވަހެއްގައެވެ. ބައްޕަ ވަޒީފާ އަދާކުރަނީ ބޭރުދަތުރު ކުރާ ބޯޓެއްގައެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ. މަންމަ އަހަރެންނާއި މިކާލްގެ ގުޅުމަށް ރުހޭނޭކަމުގައި ދެކި އަހަރެން ހިތްހަމަޖައްސައިލީމެވެ.

އެކި ގޮތްގޮތަށް ވިސްނުމަށް ފަހު އަހަރެން މަންމައާ ވާހަކަ ދައްކަން ނިންމީމެވެ. އާދައިގެ މަތިން ހަވީރުގެ ވަގުތު ކަމުން މަންމަ އުޅުނީ ހެދިކާ ހެދުމުގައި އަވަދިނެތިއެވެ. ހުސެއިންބެ ފިހާރަޔަށް ވިއްކަން ހެދިކާ ހެދުމަކީ މަންމަ ކުރާހިތުން ކުރާކަމެކެވެ. މަންމާ " އަޅުގަނޑު ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް. އަޅުގަނޑު މަންމަމެންނަށް ސިއްރުން އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫން. މަންމާ.... އަޅުގަނޑު މިކާލް ދެކެ އިންތިހާޔަށް ލޯބިވަން. މިކާލް ވެސް އަޅުގަނޑު ދެކެ ވަރަށް ލޯބިވޭ. މިކާލް ބޭނުމީ ވީހާވެސް އަވަހަކަށް އަޅުގަނޑާ ކައިވެނިކުރަން. މަންމަ މިކަމާ ދޭތެރޭ ދެކެނީ ކިހިނެތްތޯ? މަންމާ ޕުލީސް ނޫނެކޭ ނުބުނައްޗޭ.. އަޅުގަނޑު މިކާލް ބޭނުން." އެއް ފައްޗަކަށް އަހަރެންގެ ވާހަކަތައް މަންމަޔަށް އިއްވައިލީމެވެ. މަންމަ ޙުކުމް އިއްވާނީ ކޮންގޮތަކަށް ކަމެއް ނޭނގި އަހަރެންނަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"ދަރިފުޅާ މިޝާލް " ނިޔަނެތި އަޑަކުން މަންމަ އަހަރެންގެ ނަމުން ގޮވައިލިއެވެ. "މަންމަ ދުވަހެއްގެ ކޮޅުން ވެސް ދަރިފުޅު ހިތުގައިޖެހޭނެ ފަދަ ކަމެއް ކޮށްފައެއް ނޯންނާނެވެ، މިކާލްއަކީ އަޚްލާގު ރަނގަޅު ކުއްޖެއް. އެކަމް އަވަސް އަރުވާލައިގެން ކުރާ ކައިވެންޏެއް ގިނަ ދުވަހަށް ދެމިގެން ނުދާނެޔޭ މަންމަގެ މާމަމެން ބުނާތީ އަޑުއަހަމު. ދަރިފުޅުގެ ބައްޕަގެ ބަހެއް ތިކަމަށް ނުލިބެނީސް ތިކަން ނުކުރައްޗޭ." އަހަރެން ދެއްކި ވާހަކަޔަށް މަންމަ ރައްދުދިނީ މިފަދައިންނެވެ. މިކާލްއާ މެދު މަންމަ ނުރުހުން ނުވާކަން އެނގުމުން އަހަރެން ވަރަށް އުފާވިއެވެ. ބައްޕަ ސިލޯނުން އެނބުރި އަންނާނެ ދުވަހަކަށް އަހަރެން ދިޔައީ އިންތިިޒާރުކުރަމުންނެވެ.

ފަސްމަސް ފަހެވެ. ބައްޕަގެ އާނބަސް ލިބިގެން އަހަރެންނާއި މިކާލްގެ ކައިވެނި ކުރެވިގެން ދިޔައެވެ. އަހަރެމެންގެ ކައިވެނީގެ އުފަލުގައި ކުޑަ ސަޔެއް ބޭއްވީމެވެ. އާއިލާއާއި އެންމެގާތް ރަހުމަތްތެރިން ސައިގައި ބައިވެރިވިއެވެ. ކައިވެންޏަށް ފަހުގައި އަހަރެން ދިރިއުޅެން ފެށީ މިކާލްގެ ގޭގައެވެ. މިކާލްގެ ގޭގެ މީހުން އަހަންނަށް ވަރަށް ރަނގަޅެވެ. މިކާލް އަހަރެން ދެކެ ވަނީ ތެދުވެރި ލޯބިކަން އަހަންނަށް ހާމަވެގެން ދިޔައީ ޑިންގީ ހުން ޖެހިގެން އަހަރެން ހޮސްޕިޓަލުގައި އެނދުމަތި ކުރި ދެހަފްތާއެއް ހައި ދުވަސް ތެރޭގައެވެ.
ފެންފޮދެއް ވެސް އަރުތެރެޔަށް ނުދިރި ހޮޑުލައި އަހަރެން އުޅުނު އިރު އަހަރެންގެ ގައިގައި ފިރުމަމުން ލޮލުން އަންނަ ކަރުނަތިކި ފޮހެމުން އަހަންނަށް ހޭހަން ކޮށްދޭން ނުނިދައި ހޭލައިއިނީ މިކާލްއެވެ. ގަދަކަމުން އަހަންނަށް ކާންދީ ހެދީ ލޯބިވާ ފިރިމީހާއެވެ. އަހަރެން ﷲއަށް ޙަމްދުކުރީމެވެ. މިކާލް ފަދަ އޯގާތެރި ފިރިޔެއް އަހަންނަށް ދެއްވީތީއެވެ. މިކާލްއާ އަހަރެން ދެމީހުންގެ ކައިވެންޏަށް ދެ އަހަރުގައި އަހަރެން ބަލިވެ އިނެވެ. މިކާލްއާއި އަހަރެން އެތައް ދުވަހަކު ކުރި ދުޢާ އެންމެފަހުން ﷲ އިޖާބަ ކުރެއްވީއެވެ. އަހަރެންނަށް މިކާލްގެ އެހީ އޭގެ އެންމެ އެދެވޭގޮތުގައި ލިބިގެން ދިޔައެވެ.

ކުޅި ކާއެއްޗެހި މީރުވެގެން އަހަރެން އުޅެން ފެށުމުން މިކާލް އަމިއްލަޔަށް އެއްޗެހި ކައްކާފައި އަހަންނަށް ކާންދެނީ ލޯބިންނެވެ. މިކާލް އޮފީސް ދަތުރެއްގައި ދެމަހަށް ކުޅުދުއްފުށްޓަށް ދާންޖެހުނެވެ. މިކާލް ދާން އަހަރެން އެއްބަސް ނުވި ނަމަވެސް އޮފީސް ދަތުރެއްކަމުން އެ ދަތުރުގައި ބައިވެރިވުން ވީ މިކާލްގެ މައްޗަށް ވާޖިބް ކަމަކަށް ވެފައެވެ. ކިތަންމެ ދެރަވި ނަމަވެސް މިކާލް ފުރުމަށް ޓަކައި ހުރިހާކަމެއް އަހަރެން ކޮށްދިނީ އަހަރެންގެ މި ދެއަތުންނެވެ. މިކާލް ވެސް އަހަރެންނާ ދުރުގައި އުޅެން ޖެހޭނެތީ ހުރީ ވަރަށް ދެރަވެފައެވެ. ފޮށި ނަގައި ދަބަސް ކޮނޑުގައި އަޅުވާލަމުން މިކާލް އަހަރެންގެ ގައިގައި ލޯބިން ބައްދައިލިއެވެ. ނިތުގައި ބޮސްދިނުމަށް ފަހު ގެއިން ނުކުތީ ޓެކުސީ އައުމުންނެވެ.

ގޭ ދޮރުމަތީ މިކާލް ލޯކުރިމަތިން ގެއްލެން ދެން ބަލަހައްޓައިގެން އަހަރެން ހުރީމެވެ.
އެރޭ އިރުއޮއްސެން އުޅެނިކޮށް މިކާލް އަހަންނަށް ގުޅިއެވެ. ހާލު ކިހިނެތްތޯ އާއި ހަނދާންވާ ވާހަކަ އާއި ރަނގަޅަށް ކައިގެން ހުރުމަށް ނަސޭހަތްތެރިވިއެވެ. ލޯބިވާ ވާހަކަ ބުނަމުން ފޯނު ކުރުކޮށްލީ ފަހުން ގުޅާނަމޭ ބުނުމަށް ފަހުއެވެ. އެހެނަސް މިކާލް ނެތުމުން މުޅި ކޮޓަރިޔަށް އޮތީ ބުނެދޭން ދަތި ހަމަހިމޭންކަމެއް ވެރިވެފައެވެ. މިކާލް މަތިން ހަނދާންވާތީ އެރޭ އަހަރެން ނިދީ އަހަރެންނާއި މިކާލް ކައިވެނި ކުރި ދުވަހުގެ ފޮޓޯތައް ފޯނުން ބަލަން އޮވެގެންނެވެ. މިކާލް އަހަންނަށް ގުޅައެވެ. އެހެނަސް ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ މިކާލް ނުބުނެއެވެ. އަހަރެން ޝަކުވާ ނުކުރަމެވެ. ބުރަކޮށް މަސައްކަތް ކުރާއިރު އިތުރަށް މިކާލްއަށް ތަކުލީފު ދޭން އަހަރެންގެ ޒަމީރު އެއްބަހެއް ނުވާނެއެވެ. އެއަށް ވުރެ އަހަރެން މިކާލް ދެކެ ލޯބިވެއެވެ.
ދެމަސް އަހަންނަށް ސިފަވީ ދެ އަހަރު ފަދައިންނެވެ. ކުރަން ދިޔަ މަސައްކަތް ނިންމާފައި މިކާލް ވެސް އެނބުރި އަހަރެންގެ ގާތަށް އަތުވެއްޖެއެވެ. އެހެނަސް އެއީ އަހަރެންގެ މިކާލް ކަމާ މެދު އަހަންނަށް ޝައްކެވެ. މިކާލް އަހަންނާ އެހައި ވާހަކައެއް ނުދައްކައެވެ. ރޭ ހަތަރުދަމު ފޯނެއްގައި އޮންނަ ތަން ފެނި ސުވާލު ކުރުމުން ވެސް އަނގައިން ނުބުންޏެވެ. ކުޑަ މިނުން އަހަރެން ގޮވައިގެން ޑޮކުޓަރަށް ދައްކަން ދިޔުން ވެސް މިކާލްއަށް ވަނީ ބޮޑުކަމަކަށެވެ. މިކާލްގެ މަންމައާ އެކު އަހަރެން ޑޮކުޓަރަށް ދައްކަން ދިޔައީމެވެ. އަހަރެންގެ ހިތުގައި ޖެހުނެވެ. އަހަރެން ވަރަށް ކެތްކޮށްގެން އުޅެފީމެވެ. އެހެނަސް މިކާލް އަހަރެންގެ އަތުން ބީވެގެން ދާތަން ބަލައިގެން ހުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ.

އެރޭ ނިދަން މިކާލް އަންނާނެ އިރެއްގެ އިންތިޒާރުގައި އަހަރެން އިނީމެވެ.

"މިކާލް! އަހަރެންނަށް ބުނެދީފާނަންތަ މިކާލް އަހަންނާ ދޭތެރޭ ތި ގޮތަށް ކަންތައް ކުރަން ޖެހުނު ސަބަބެއް؟ އަހަރެން އެނގެން ބޭނުން. އަހަރެން ނުކުރާ ކުށެއްގެ ޝަޒާ އަންނަށް ނުދީ. މިކާލްގެ ދަރިޔަަކަށް ބަލިވެއިނދެ އަހަރެން މަރާ ހަނގުރާމަ ކުރާއިރު ލޯބިން ބަހެއް ބުނެލިއްޔާ ކީއްތަވާނީ؟ ރަންފަރުބަދަޔަކުން ރަން ކަނޑައިގެން ގެންނާށޭ އަހަރެން ނުބުނަން މިކާލް ގާތަކު. އަހަރެން މި ކިޔަނީ އަހަރެންނަށް ލޯތްބާއި އަޅާލުން މިކާލްގެ ކިބަޔަކުން ނުލިބެޔޭ. ކޮބައިހޭ މައްސަލަޔަކީ؟" އަހަރެން ނުރޯން ކުރި މަސައްކަތް ދިޔައީ ފެނަށް ވެގެންނެވެ.ގިސްލަގިސްލާ ރޯންފެށުނެވެ.

"މިޝަލް! ބުނަން ވާހަކައެއް. އަހަރެން މިޝަލް ދެކެ މިހާރަކު ލޯތްބެއް ނުވޭ. މިޝަލް ފެނުނަސް ފާޑެއްގެ ފޫއްސެއް ވަނީ. އާނ އަޑު އަހާ.. އަހަންނަށް އެހެން އަންހެނަކު ދެކެ ލޯބިވެވިއްޖެ. މިޝަލް ވަރިކޮށް ރިވާއާ އިންނަން ބޭނުން. މިޝަލް ވިހައި ގަދަވީމަ އެކަން ކުރާނަން. ކޮންމެހެން ރޯނެ ކަމެއް ނެތް. އަހަރެންނަށް އުނދަގޫ ނޮކޮށް ނިދާދެން" މިކާލްގެ ވާހަކަތައް އިވި އަހަރެންގެ ހިތް ކުދިކުދި ވެގެންދިޔައެވެ.

ފަޅި ސިކުންތެެއް ތެރޭ އަހަރެންގެ އުއްމީދުތައް ފެނަށް ވެގެން ހިނގައްޖެއެވެ. އަހަރެންނަށް ރޮވެނީއެވެ. އަޑުން އަޑުނަގައި ރޮވެނީއެވެ. އަހަރެންގެ އެއްވެސް ކުށެތް ނެތް އިރު މިކާލް އަހަރެންނާ ދޭތެރޭ އެފަދަ އަނިޔާވެރި ގޮތަކަށް ކަންކޮށް އަހަރެންގެ ދިރިއުޅުން ކިލަނބު ކޮށްލީމައެވެ. ކުއްލިޔަކަށް އަހަރެންގެ ބަނޑުގައި ރިއްސައިގަތެވެ. މަންމާއޭ ކިޔައި އަޑުގެ ނެތްތަނަށް އަހަރެން ގޮވަން ފެށީމެވެ. މިކާލްގެ މަންމައަށް އަހަރެން ގޮވާ އަޑު އިވިގެން ކޮޓަރިޔަށް ވަނެވެ.

"ދަރިފުޅު ވިހަން ބަނޑުގައި ރިއްސަނީހެން މަންމަޔަށް ހީވަނީ. އަވަހަށް ހިނގާ ހޮސްޕިޓަލަށް ދާން. މިކާލް ހިނގާ ދަރިފުޅާ މިޝާލް ގޮވައިގެން ދާން" މިކާލް އޮތީ ގަދަ ނިދީގައެވެ.

މިކާލްގެ ބައްޕަ އަދި މަންމަ އަހަރެން ގޮވައިގެން ހޮސްޕިޓަލަށް އައެވެ. އަހަރެން ވަގުތުން ވެއްދީ ވިހާ ކޮޓަރިޔަށެވެ. ދެ ގަޑިއިރު ފަހުން އަހަރެން އޮޕްރޭޝަން ކުރެވުނެވެ. ޑޮކުޓަރުން އަހަރެން ވިއްސަން ކުރި މަަސައްކަތް ކާމިޔާބު ނުވުމުން އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނެގީއެވެ. އަހަންނަށް ލިބުނީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. އަހަރެން ދަރިފުޅު ނަގައި މެޔާ ބޮޑިކޮށްލީމެވެ. ދަރިފުޅަކީ މިކާލްގެ ދެވަނަ ސޫރަ ފަދައެވެ. އެހާވެސް މިކާލްއާ ވައްތަރެވެ. ދަރިފުޅު ދެކިލަން ހޮސްޕިޓަލަށް ވެސް މިކާލް ނާދެއެވެ. ތިން ދުވަސް ފަހުން އަހަރެން ހޮސްޕިޓަލުން ދޫކޮށްލިއެވެ. އަހަރެން ގެޔަށް ގޮސް އަންނައުނުތައް ފޮށްޓަށް އަޅައި ތައްޔާރުކުރީމެވެ. މިކާލްގެ ދިރިއުޅުމާ ދުރަށް ދިޔުމަށެވެ. ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހެންފެށީ ހަމަ ކުއްލި އަކަށެވެ. ދަރިފުޅު އުރާލައިގެން ދަބަސް ކޮނޑުގައި އަޅުވަމުން އަހަރެން މިކާލް ގެ ގެއިން ނުކުމެ ހިނގައިގަތީމެވެ. އުމުރުދުވަހު އެކު އުޅޭނެކަމަށް ވައުދުވި މިކާލް އަހަންނަށް މިއަދަކު ބޭނުމެއް ނޫނެވެ. އަހަރެން ވެސް މިކާލްއަށް އާދޭސް ކުރާކަށް ބޭނުމެއް ނުވެއެވެ. ވަފާތެރި ތެދުވެރި ލޯބީގެ ބަދަލު ލިބުނީ ވަރަށް ވެސް ހިތިކޮށެވެ. އެހެނަސް އަހަރެންގެ ހިތް މިކާލްއަށް ނުބައެއް ނުކުރާނަމެވެ. އަހަރެންގެ ދަރިފުޅު ޔޫންގެ ހައްގުގައެވެ. އަހަރެން ދެން ދިރިއުޅޭނީ މި ކުޑަކުޑަ ފުރާނައިގެ ހައްގުގައެވެ. ޔޫންއަށް ރަނގަޅު މުސްތަގުބަލެއް ހޯދައި ދިނުމަށެވެ. ލޯބިވާ ޔޫންއެވެ. މި މަންމަ ނިމި ދާނީ ދަރިފުޅަށް ޓަކައި ޖާނުން ފިދާވަމުންނެވެ.

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައި ވަނީ ފާތިމަތު އާތިފާ ޙުސައިން އެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ

Ads by Allied Insurance
  1. ިދީބާ

    ވ ފުރިހަމަ

  2. ތައުފީގާ

    ވފުރިހަމަ