ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި
ފާއިތުވި އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ރާއްޖޭގައި ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިއެވެ.
މިއަދު ހެނދުނު 9:00 އިން ވޯޓުލުން ފެށިފައިވާއިރު، މިއަދު ހަވީރު 4:00 ގެ ނިޔަލަށް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރެއް ހަތަރު ރަށެއްގައި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދެވަނަ ބުރެއް ހަ ރަށެއްގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.
ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ޖެހެނީ ހއ.ތަކަންދޫ، ބ.ކިހާދޫ، ފ.ދަރަނބޫދޫ އަދި ލ.މާވަށުގައެެވެ.
ތަކަންދޫގައި ދެވަނަ ބުރެއް ބާއްވަން ޖެހެނީ އެ ރަށު ކައުންސިލުގައި އަންހެނުންނަށް ޚާއްސަ ދެ ގޮނޑީގެ ތެރެއިން ކުރި ހޯދި ކެނޑިޑޭޓުގެ ފަހަތުން ތިބި ދެ ކެނޑިޑޭޓަކަށް ލިބުނު ވޯޓު އެއްވަރު ވެގެންނެވެ. އެގޮތުން އެ ދެ ކެނޑިޑޭޓުންނަށް ވެސް ލިބިފައި ވަނީ 285 ވޯޓެވެ.
ކިހާދޫގައި ވެސް ދެވަނަ ބުރަށް ދާން ޖެހެނީ ދެ ކެނޑިޑޭޓަކު އެއްވަރުވެ އެ ގޮނޑި ކަށަވަރު ކުރާ ކެނޑިޑޭޓެއް ކަނޑައެޅުމަށެވެ. އަދި ދަރަނބޫދޫގައި ވެސް ވޯޓުލާން ޖެހެނީ އަންހެނުންނަށް ޚާއްސަ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ވޯޓު އެއްވަރުވުމުގެ ސަބަބުން ކަށަވަރު ނުވާތީއެވެ. އެގޮތުން އެ ރަށުގައި ދެ ކެނޑިޑޭޓުންގެ ވޯޓު އެއްވަރުވީ 172 ވޯޓުންނެވެ.
ލ.މާވަށުގައި ވެސް ވަނީ ދެ ކެނޑިޑޭޓެއްގެ ވޯޓު އެއްވަރުވެފައެވެ. އެރަށު ކައުންސިލަށް ވާދަކުރި އެމްޑީޕީ އަދި ޕީޕީއެމްގެ ކެނޑިޑޭޓް ވަނީ 525 ވޯޓުން އެއްވަރުވެފައެވެ. އަދި އެރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލި ދެ ކެނޑިޑޭޓެއްގެ ވޯޓު ވެސް އެއްވަރުވެފައި ވާއިރު އެ ރަށުގެ ވޯޓު ފޮއްޓަށް ދާއިރާއިން ބޭރު މީހަކު ވެސް ވޯޓު ލައިފައި ވާކަން ވަނީ ކަށަވަރުވެފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދެވަނަ ބުރު ބާއްވަން ހަމަޖެހިފައިވާ ހަ ރަށަކީ ހއ.އުލިގަން، ނ.މަނަދޫ، ރ.މާކުރަތު، ބ،ކެންދޫ، ވ.ފުލިދޫގެ އިތުރުން ލ.ކަލައިދޫއެވެ. މި ހުރިހާ ރަށެއްގައި ވެސް ވޯޓުލާން ޖެހެނީ ދެ ކެނޑިޑޭޓަކު ވޯޓު އެއްވަރު ވެގެންނެވެ.