ޚަބަރު

އިބްރާގެ މަންދު ކޮލެޖަށް ބަދަލު ދޭން ޖެހުނު ސަބަބު ބަންޑާރަ ނައިބު ހާމަކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: ސަން

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާޙިމް އިސްމާޢިލްގެ މަންދު ކޮލެޖަށް ބަދަލު ދޭން ޖެހުނު ސަބަބު ބަންޑާރަ ނައިބު ހާމަކޮށްފިއެވެ.

Ads by MWSC

އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ސިވިލް ކޯޓުގެ ހުކުމުން ނަގައިދީފައިވާ ބަދަލަކީ ރަނގަޅު ބަދަލެއް ކަމަަށެވެ. ކުރީގެ އެމް.އީ.އެސް ޢިމާރާތުގައި ޕްރައިވެޓް އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށްޓަކައި އެމް.އީ.އެސްގެ މަސްއޫލުވެރިންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ދެމެދު 2008 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުން މާލެ ހައިއަށް ބަދަލު ކުރެވުމަށް ފަހު އެ އެއްބަސްވުން 2015 ވަނަ އަހަރު ވަނީ ބާޠިލުކޮށްފައެވެ. އެ އެއްބަސްވުން ބާޠިލުކުރީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ވަނީ ބާޠިލުކޮށްފައެވެ. އަދި ހައި ކޯޓުން ނިޔާ އިއްވައިފައި ވަނީ އެއްބަސްވުން ބާތިލް ކުރީ އެއްބަސްވުމުގެ ހަމަތަކުގެ މަތީން ނޫން ކަމަށެވެ.  

އޭގެ ފަހުން މި މައްސަލައިގައި ސްޕްރީމް ކޯޓުން އިއްވި ޙުކުމްގައި ވަނީ، ދިވެހިރާއްޖޭގެ ހައި ކޯޓުން  ކޮށްފައިވާ ޙުކުމް ރަނގަޅު ކަމަށާއި، އެޙުކުމަށް ބަދަލު ގެންނަން ޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. މިގޮތުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެއްބަސްވުން ބާޠިލުކޮށްފައި ވަނީ، އެއްބަސްވުން ވެފައިވާ ތާރީޚުގެ 6 އަހަރު ދުވަސް ފަހުން ކަމަށް ވެފައި، މާލޭ ހައި އިން އިންޓަނޭޝަނަލް ސްކޫލެއް ނުހިންގާކަމަށް ދެކިގެން ދައުލަތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމުން، ދައުލަތަށް ލިބޭ ގެއްލުުން ކުޑަކުރުމަށް ދައުލަތުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ.

އަދި، ސްކޫލް ނުހިންގައިގެން ކަމަށް ބުނެ އެއްބަސްވުން ބާޠިލުކުރިއިރު، ސްކޫލް ހިންގުމަށް ދަތިވާ ގޮތަށް ޢިމާރާތުގެ ބައެއް ޢަރަބިއްޔާ ސްކޫލް ހިންގުމަށް ނަގާފައި އޮވެމެ، އެއްބަސްވުން ބާޠިލުކުުރުމުގައި ދައުލަތުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުރަ ނުވެވޭ ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކުރުމާ ގުޅިގެން، އެއްބަސްވުން ބާޠިލްކުރުމުގެ ސަބަބުން މާލޭ ހައިއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި -/18,12,500 (އަށާރަ މިލިއަން ބާރަހާސް ފަސްސަތޭކަ) ރުފިޔާ އެ ކުންފުންޏަށް ލިބިދިނުމަށް އެދި ދައުލަތަށް ރައްދުވާ ގޮތަށް އެކުންފުނިން ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައިވާކަމަށް އެ ބަޔާނުގައިވެއެވެ. އަދި އިސްވެ ދެންނެވުނު މައްސަލަ ބަލައި، ނިންމާފައި ވަނީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުން ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފައި ވެއެވެ. 

އޭގެ އިތުރަށް ބަންޑާރަނައިބުގެ އޮފީހުން ބުނީ އޮޑިޓާ ޖެނެރަލްގެ ލަފައަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި، ރާއްޖޭގެ ކޯޓުތަކުން ކުރިން ނިންމާފައިވާ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމުގައެވެ. އަދި މަންދުކޮލެޖު ހިންގާ މާލެ ހައިއަށް ލިބިފައިވާ ގެއްލުމަކީ އެއްބަސްވުން ބާޠިލުކުރުމުން ލިބުނު ގެއްލުމެއްކަމާއި، އެ ގެއްލުމަކީ އެއްބަސްވުން ބާޠިލުކުރުމުން ލިބުން އެކަށީގެންވާ ގެއްލުމެއްކަން އެއްބަސްވުމުގެ ބައިވެރިންނަށް އެނގޭ ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!