ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 130،198 މީހުން ނުޖަހާ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 130،198 މީހުން ނުޖަހާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް 228،634 މީހުން ޖަހާފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން ދެވަނަ ޑޯޒް ޖަހައިފައި ވަނީ 98،436 މީހުން ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ސްޓޮކް ހުސްވުމާ ގުޅިގެން ކޮވިޝީލްޑް ވެކްސިން އާންމުކޮށް ޖެހުން މިއަދުން ފެށިގެން ވަނީ މެދުކަނޑައިލައިފައެވެ.
ކޮވިޝީލްޑް ވެކްސިންގެ އިތުރު ރާއްޖޭގައި ސިނޮފާމް ވެކްސިނާއި، ފައިޒާ ވެކްސިން ވެސް ޖަހަމުން އެބަ ގެންދެއެވެ. އެޗްޕީއޭގެ ތަފާސް ހިސާބްތައް ދައްކާ ގޮތުން މިހާތަނަށް ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް 67،865 މީހުން ޖަހާފައިވެއެވެ. އަދި 10،054 މީހުން ވަނީ ދެވަނަ ޑޯޒް ޖަހައިފައެވެ.
ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް 1،140 މީހަކު ޖަހާފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ. ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ އެންމެ 4 މީހުންނެވެ.